ތައުލީމީ ދާއިރާ ހަރުދަނާކުރަން ދެ ބިލެއް އެކުލަވާލައި، ރައީސް އޮފީހަށް ފޮނުވައިފި

މާލޭގެ ސްކޫލެއްގައި ކުރިއަށް ގެންދިޔަ އެސެމްބްލީގައި ދަރިވަރުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތައުލީމީ ދާއިރާ ހަރުދަނާ ކުރަން ދެ ބިލެއް އެޓާނީ ޖެނެރަލް އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ތައުލީމުގެ ބިލާއި އަދި މަތީ ތައުލީމާ ބެހޭ ބިލު ވަނީ ފޮނުވާފައެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި ތައުލީމާ ބެހޭ ބިލަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމުކޮށްދޭންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުމުގެ މަގްސަދުގައި ފޮނުވާފައިވާ ބިލެކެވެ.

އެ ބިލުގައި ރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސުތަކާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ރާއްޖޭގައި ތައުލީމު ދިނުމާ ގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވާ ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ދެން ހުށަހެޅި އަނެއް ބިލު ކަމަށްވާ މަތީ ތައުލީމުގެ ބިލަކީ، ދިވެހިރާއްޖޭގައި މަތީ ތައުލީމު ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތައުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާ ގުޅޭ ބިލެކެވެ.

އެ ބިލުގައި އެފަދަ މަރުކަޒުތައް ހިންގާނެ އުސޫލުތައް ކަނޑައަޅައި، މަތީ ތައުލީމުގެ ކަންކަން ވިލަރެސްކުރުމަށާއި އެފަދަ ތައުލީމު ދޭ މަރުކަޒުތައް މޮނީޓަރކޮށް އެތަންތަނުން ދޭ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރުމަށްވެސް ކަނޑައަޅާފައި ވެއެވެ.

މީގެ އިތުރުން އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައަޅައި، ރާއްޖޭގައި މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގައި ހަރުދަނާ ނިޒާމެއް ރާވައި ހިންގުމާބެހޭ އުސޫލުތައްވެސް އެ ބިލުގައި ބަޔާންކޮށްފައިވާކަމަށް އޭޖީ އޮފީހުން ބުނެއެވެ.

މިދިޔަ އޮކްޓޫބަރު މަހު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ، މަތީ ތައުލީމާ ބެހޭ ގާނޫނެއް ހަދަމުން އަންނަ ކަމަށާއި އެ ގާނޫނުގެ ދަށުން އަމިއްލަ ޔުނިވާސިޓީތައް ހެދުމަށް މަގުފަހިކޮށްދޭނެކަމަށް ވިދާޅުވެފައެވެ. އަދި މަތީ ތައުލީމުގެ ގާނޫނެއް ނެތި ތައުލީމުގެ ފެންވަރު ހިފެހެއްޓުމުގެ ސިޔާސަތުތައް އެކުލަވާލަން ދަތިކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ހިންހަމުންދާ ދެ ޔުނިވާސިޓީކަމަށްވާ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ވެސް ހިންގަމުންދަނީ ވަކި ދެ ގާނޫނެއްގެ ދަށުންނެވެ.

comment ކޮމެންޓް