ޔާމީން މިނިވަންކުރަން ގޮވާލާ އިދިކޮޅު މެންބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަނީ

އިދިކޮޅު މެންބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަނި -- ފޮޓޯ/ މަޖިލިސް

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.

އެބޭފުޅުން ރިޔާސަތުގެ ކުރިމަތީ ތިއްބަވައިގެން ގޮވާލަމުން ގެންދަވަނީ، މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައިވާ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށެވެ.

ރައީސް ޔާމީން ވަގުތުން ދޫކޮށްލުމަށް ގޮވާލާ ޕޯސްޓަރުތައްވެސް އެބޭފުޅުން ތިއްބެވީ ހިއްޕަވައިގެން އެވެ. އެބޭފުޅުން އަޑުގަދަކުރައްވާތީ، މެންބަރުން ބަހުސް ކުރައްވަމުން ގެންދަވަނީ ހެޑްސެޓް އަޅުއްވައިގެން އެވެ.

އެ އިހުތިޖާޖާ ގުޅިގެން އެމްޑީޕީ ބައެއް މެންބަރުން ވަނީ ނިޒާމީ ނުގުތާ ނަންގަވައި އިދިކޮޅު މެންބަރުންގެ އިހުތިޖާޖަށް ފާޑު ވިދާޅުވަމުން އެވެ. އަދި މަޖިލީހުގެ ރިޔާސަތުން އެކަން ހުއްޓުވައި ދިނުމަށް މެންބަރުން އެދެމުން ދިޔަ އެވެ.

އެހެން ނަމަވެސް، ރިޔާސަތުން ރައީސް ނަޝީދު ވިދާޅުވީ އިހުތިޖާޖު ކުރާ ހާލަތުގައި ކަން ކުރާނެ ގޮތް މަޖިލީހުގެ ގަވާއިދުގައި ނޯންނަ ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރި ދުވަހު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައި ވަނީ، އެމަނިކުފާނު މިނިވަން ކުރަން ދެން މަޖިލީހުގައި އިހުތިޖާޖު ކުރާނެ ކަމަށެވެ.

މަޖިލީހުގައި އިދިކޮޅު މެންބަރުން ތަޅުމުގައި އިހުތިޖާޖު ކުރައްވާއިރު، ކޮންމެ ރެއަކުވެސް އިދިކޮޅު ސަޕޯޓަރުން ގެންދަނީ މާލޭގެ މަގުތަކުގައި ވެސް މުޒާހަރާ ކުރަމުން އެވެ. އެގޮތުން ރޭގެ މުޒާހަރާއިން ވެސް ހަތް މީހަކު ފުލުހުން ހައްޔަރުކުރި އެވެ.

comment ކޮމެންޓް