ޝަމީމާއެކު ތިން ބޭފުޅަކު ޕީޖީގެ މަގާމަށް ކުރިމަތިލައްވައިފި

ގާނޫނީ ވަކީލް ހުސައިން ޝަމީމް- ފޮޓޯ/ އޭޕީ

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އައިޝަތު ބިޝާމް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވުމުން މިހާރު އެ މަގާމު އޮތީ ހުސްކޮށެވެ. ބިޝާމް އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ބެލުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ.

ބިޝާމް އިސްތިއުފާ ދިނުމުން ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ މިއަދު މެންދުރު 2:00 އަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، ކުރިމަތިލުމުގެ މުއްދަތު ހަމަވި އިރު މަގާމަށް ކުރިމަތިލާފައި ވަނީ ތިން ބޭފުޅަކު ކަމަށެވެ. އެހެން ނަމަވެސް، އެ ބޭފުޅުންގެ ނަންތަކެއް ހާމައެއް ނުކުރި އެވެ.

އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް (ޑީޕީޖީ)ގެ މަގާމު އަދާކުރައްވާފައިވާ ހުސެން ޝަމީމް ވަނީ އެ މަގާމަށް ކުރިމަތިލައްވައިފަ އެވެ. ދެން ކުރިމަތިލީ ކޮން ބޭފުޅުންނެއްކަން އެނގޭ ގޮތެއް ނުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ހާމަ ކުރައްވާނީ ނަންތައް މަޖިލީހަށް ފޮނުވާ އިރު ކަމަށެވެ.

ޕީޖީ ކަމުން ބިޝާމް އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު ޕީޖީ އޮފީހުގެ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަހުމޫދު ސަލީމެވެ.

comment ކޮމެންޓް