ރައީސް ޔާމީން މިނިވަން ކުރުމަށް އެހީވުމަށް އަބޫދާބީ ސަރުކާރުގައި އެދިއްޖެ

ރައީސް ޔާމީން އަބޫދާބީގެ ނައިބު ރައީސް މުހައްމަދު ބިން ރަޝީދު -- ފައިލް ފޮޓޯ

މަނީ ލޯންޑަރުންގެ ދައުވާ ސާބިތުވެ، ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ އިދިކޮޅު ސިޔާސީ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް އަބޫދާބީ ސަރުކާރުގެ އެހީއަށް އެމަނިކުފާނު ނިސްބަތްވާ ޕީޕީއެމް އިން އެދެފި އެވެ.

އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަން މައްސަލާގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް އެމަނިކުފާން ނިސްބަތްވާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ، އެ ހުކުމަކީ އިންސާފުުން ބޭރުން ކުރި ސިޔާސީ ހުކުމެއް ކަމަށާއި އެ ހުކުމް ބަލައި ނުގަތުމަށް ނިންމައިފަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝީޔާމް އިއްޔެ ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންއަކީ، އެމަނިކުފާނު ވެރިކަމުގައި އަބޫދާބީއާ އެކު ވަރުގަދަ ގުޅުމެއް ގާއިމް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް އިންސާފުން ބޭރުން ކުރި ހުކުމާ އެކު ޖަލުގައި އެމަނިކުފާނަށް އަނިޔާ ކުރަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދު ކުރަން ރައީސް ޔާމީން މިނިވަން ކުރުމުގެ މައްސަލައިގެ ތެރެއަށް އަބޫދާބީ ވަނުމަށް،" އަރަބި ބަހުން ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

އަބޫދާބީގެ ސަރުކާރުގެ އެހީއަށް ޝިޔާމް އެދިވަޑައިގެންނެވި އިރު، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު މިވަގުތު ތިއްބެވީ އަބޫދާބީގަ އެވެ. އެ ދެބޭފުޅުން މިދިޔަ ހުކުރު ދުވަހު އަބޫދާބީއަށް ވަޑައިގެންނެވީ، އެ ގައުމުގެ ވަލީ އަހުދު މުހައްމަދު ޒައިދުގެ ދައުވަތަކަށެވެ.

comment ކޮމެންޓް