ރޭގެ މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

ޔަމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރޭ އިދިކޮޅު ފަރާތްތަކުން މާލޭ މަގުތަކުގައި ކުރި މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ފުލުހުން ދޫކޮށްލައިފި އެވެ.

އިދިކޮޅު ފަރާތްތަކުން ރޭ މުޒާހަރާ ކުރީ، މިދިޔަ ބުރާސްފަތި ދުވަހު މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި އިދިކޮޅު ލީޑަރު، ކުރީީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލަ އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ކައުންސިލް މެމްބަރު އަދި ތަރުޖަމާނު ހީނާ ވަލީދު މިއަދު "ސަން" އަށް ވިދާޅުވީ، ރޭ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަސް މީހުން ރޭ ދަންވަރު 12:00 ހާއިރު ދޫކޮށްލާފައިވާ ކަމަށެވެ.

ހައްޔަރު ކުރި ފަސް މީހުންގެ ތެރޭގައި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިފުޅު އިބްރާހިމް ފައިސަލާއި ވޮލީބޯލް އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ހިމެނެ އެވެ.

މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރުއަނގޮޅި ކައިރިން ފެށި އެ މުޒާހަރާ ފުލުހުން ވަނީ ފަހުން ރޫލާލާފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެމަނުކުފާނު ނިސްބަތްވާ ޕީޕީއެމްގެ ބޮޑު އަގުލަބިއްތެއް އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އިސްލާހާއެކު މާލޭގައި މުޒާހަރާ ކުރުމަކީ މަނާ ކަމެކެވެ. މާލޭގައި މުޒާހަރާ ކުރާ ނަމަ، ކުރަން ޖެހޭނީ ހުއްދަ ނަގައިގެން ކަނޑައެޅޭ ވަކި ސަރަހައްދެއްގަ އެވެ.

މިދިޔަ ހުކުރު ދުވަހު ޕީޕީއެމް-ޕީއެންސީ އިން ބޭއްވި ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ނިންމާފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ އިންސާފުން ބޭރުން ކުރި ސިޔާސީ ހުކުމެއް ކަމަށާއި އެހެން ކަމުން އެ ހުކުމް ބަލައި ނުގަނެ، އެމަނިކުފާނު މިނިވަން ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށެވެ. އެގޮތުން މާލޭގައި ކޮންމެ ރެއަކު މުޒާހަރާކޮށް، މުޅި ރާއްޖޭގައި އެފަދަ ހަރަކާތްތައް ހިންގުމަށް ވަނީ ނިންމާފަ އެވެ.

https://sun.mv/128140

comment ކޮމެންޓް