މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލު ހުކުމް ތަންފީޒު ކުރަން ބަހައްޓާފައި ހުރީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ)ގައި ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ މިދިޔަ ބުރާސްތި ދުވަހު ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. ޖަލު ހުކުމުގެ އިތުރުންް އެމަނިކުފާނު ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމާނާވެސް ކޮށްފަ އެވެ.
ހުކުމް ކުރުމަށް ފަހު ރައީސް ޔާމީން ގެންދިޔައީ މާލޭ ޖަަލަށެވެ. އެއީ އެމަނިކުފާނުގެ ސިއްހީ ޓެސްޓުތައް ހަދައި، ހުކުމް ތަންފީޒު ކުރަން ބަހައްޓާނެ ޖަލެއް ކަނޑައެޅެންދެނެވެ. ހުކުރު ދުވަހު އެ ޓެސްޓުތައް ހަދައި އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ.
މިއަދު ކަރެކްޝަންސްގެ އިންފޮމޭޝަންސް އޮފިސަރު "ސަން"އަށް ވިދާޅުވީ، ރައީސް ޔާމީން މާފުށީ ޖަލުގައި ބަހައްޓާފައި ހުރީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއްގައި ކަމަށެވެ.
ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ، ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި ޖަލަށް ލެވޭ ސިޔާސީ މީހުން ބަހައްޓަން އެޅި ޖަލު ޔުނިޓުތަކެކެވެ. އެފަދަ ޔުނިޓުތަކުގައި ބެހެއްޓި މީހުންގެ ތެރޭގައި، ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި މައުމޫން އަބްދުލްގައްޔޫމްވެސް ހިމެނެ އެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްވެސް ބެހެއްޓީ އެފަދަ ޔުނިޓެއްގަ އެވެ.
މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދު ކުރަންވެސް މީގެ ކުރިން ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ. އެފަހަރުވެސް އެމަނިކުފާނު ބެހެއްޓީ އެސްޕީޔޫއެއްގަ އެވެ. އެފަހަރު ބެހެއްޓި ޔުނިޓަކީ އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން ބެހެއްޓި ޔުނިޓުގައިކަން ސަން އަށް ވަނީ އެނގިފަ އެވެ.
ރައީސް ޔާމީން މީގެ ކުރިން ބަހައްޓާފައި ހުރި މާލޭ ޖަލުގެ ގޮޅީގެ ހާލަތާ ބެހޭގޮތުން އެމަނިކުފާނުގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ގުޅިގެން އެޗްއާރްސީއެމްއިން ރައީސް ޔާމީނަށް ޒިޔާރަތް ކުރަން ޖަލަށްވެސް ދިޔަ އެވެ.