އަދުރޭ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހުށަހެޅި މައްސަލައަކާ ގުޅިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ބަޔާން ނަގައިފިއެވެ.

ފުލުހުން ބަލަމުން ދަނީ މަނީ ލޯންޑާކުރިކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ފަސް ގާޒީން ޖަލަށް ލާނެކަމަށް ވިދާޅުވި މައްސަލައެވެ.

އެ މައްސަލައިގައި އަދުރޭ މިރޭ 8:00 ގައި ފުލުސް އޮފީހަށް ހާޒިރުކުރި އިރު، އޭނާގެ ބަޔާން ނެގުމަށްފަހު ފުލުހުން ވަނީ އޭނާ ފޮނުވާލައިފައެވެ.

އަދުރޭގެ މައްސަލަ ޑީޖޭއޭއިން ފުލުހަށް ހުށަހެޅީ ކޯޓުގެ ހުރުމަށް ކެނޑުމުގެ މައްސަލައެއްގެ ގޮތުގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، އޭނާ ފަނޑިޔާރުންނަށް އިންޒާރު ނުދެއްވާ ކަމަށެވެ. އަދި އޭނާ ދެއްކެވި ވާހަކައަކީ ރައީސް ޔާމީންގެ މައްސަލައިގައި އުސޫލުން ބޭރުން ހުކުމްކުރުމުން ފާޑުކިޔުމެއް ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް