އުރީދޫ ގުޑި ފެސްޓިވަލް މިއަދު ހަވީރު، ތައްޔާރުތަ؟

މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ގިނަ ބަޔަކު މަޑި އަރުވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެންމެ ކުލަގަދަ ދުވުން ކަމަށްވާ އުރީދޫ ކަލާ ރަންއާ އެކު ހަފްތާ ބަންދުގައި މުނިފޫހިފިލުވާލައި މަޖާކޮށްލާ ދުވަސް މިއޮތީ އައިސްފަ އެވެ. ކަލާ ރަން އާ އެކު އުރީދޫއިން ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ ގުޑި ފެސްޓިވަލް މިއަދު ހަވީރު ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އުރީދޫއިން "ގުޑި މަހާސަމާ"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތަކީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހަރަކާތެކެވެ. ކުޑަކުދީންނާ އެކު އާއިލާތައް އެއްތަނަކުން ވަގުތު ހޭދަކޮށްލުމަށް ލިބޭ ގުޑި ފެސްޓިވަލް އަކީ ގިނަ ކަންތައްތައް އޮތް ހަރަކާތެކެވެ.

އުރީދޫއިން ބުނެފައި ވަނީ ގުޑި މަހާސަމާ ކުރިއަށްދާނީ މިއަދު 16:00 އިން ފެށިގެން 18:00 އަށް ކަމަށެވެ.

ގުޑި ފެސްޓިވަލުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ. އޭގެ ތެރޭގައި ގުޑި އެރުވުމާއި ތަފާތު ގުޑިތައް ދައްކާލުމުގެ އިތުރުން ގުޑި ހެދުމުގެ ވޯކްޝޮޕްތައް ވެސް ކުރިއަށް ގެންދާނެ އެވެ. ގުޑި އެރުވުމުގެ އިތުރުން ފޭސް ޕެއިންޓުކުރުމާއި ކުލަ ޖައްސާ ސްޓޭޝަނަށް ހާއްސަކޮށް ކުޑަކުދިންގެ ސަރަހައްދެއް ވެސް އެ ފެސްޓިވަލުގައި އޮންނާނެ އެވެ.

މިއަދުގެ އެއްވެސް ހަރަކާތެއްގައި ކުރީން ރެޖިސްޓާ ވާން ނުޖެހޭނެ ކަމަށް އުރީދޫއިން ބުނެ އެވެ. އެ ހަރަކާތް ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގަ އެވެ.

comment ކޮމެންޓް