ޔާމީނަށް ޕީޕީއެމްގެ ރައީސްކަން ގެއްލުނުކަން އިދިކޮޅުން ގަބޫލެެއް ނުކުރި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ބޭއްވި ޖަލްސާގައި (ކ-ވ) ރައީސް ޔާމީން، އަބްދުއްރަހީމް އަބްދުﷲ، އާދަމް ޝަރީފް އުމަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލު ހުކުމެއް އައިސް އެމަނިކުފާނަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސްގެ މަގާމު ގެއްލޭ ގޮތަށް ގާނޫނުގައި އޮތަސް އެ ޕާޓީގެ ރައީސަކީ އަދިވެސް އެމަނިކުފާނުކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު ޖަލުތަކާ ޕެރޯލްގެ ގާނޫނުނަށް ގެނައި އިސްލާހާއެކު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލު ބަންދުކުރެވިފައި ހުންނަ މުއްދަތުގައި އެ މީހަކަށް ސިޔާސީ ޕާޓީއެއްގެ އެެއްވެސް މަގާމެއްގައި ނުހުރެވޭނެއެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާއެކު އެ ގާނޫނުގެ ދަށުން ޕާޓީގެ ރައީސްކަމުގައި އެމަނިކުފާނަށް ނުހުރެވޭނެއެވެ.

މިރޭ އިދިކޮޅު ކޯލިޝަނުން އެ ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްއާ އިއްތިހާދުވެފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މިއަދު ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ އެ ކޯލިޝަނަނު ގަބޫލު ކުރާ ހުކުމެއް ނޫން ކަމަށާއި އެހެން ކަމުން ގާނޫނުގައި އެހެން އޮތަސް އަދިވެސް ރައީސް ޔާމީނަކީ ޕީޕީއެމްގެ ރައީސް ކަމަށެވެ.

"ބައެއް ބޭފުޅުންނަށް ހީފުޅުވެދާނެ ރައީސް ޔާމީންގެ މައްޗަށް ހުކުމެއް ކޮށްގެން ތިޔަ ވިދާޅުވާ ގާނޫނުގެ ދަށުން ރައީސް ޔާމީން ޕާޓީގެ ރައީސްކަމުން ދުރުކޮށްފައި، ތިމަންނަމެން މީގެ ތެރެއަށް އައިސްގެން ކޮންގްރެސް ބައްވައިގެން ތިމަންނަމެން ޕާޓީގެ ލީޑާޝިޕަށް އާދެވިދާނެ ކަމަށް. އެ ފުރުސަތެއް ނުލިބޭނެ. ކޮންގްރެސް ނުބާއްވާނެ ޕީޕީއެމްއިން ރައީސް ޔާމީން މިނިވަންކޮށްފައި ނޫނިއްޔާ،" ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރުން އަދުރޭ ވިދާޅުވިއެވެ.

https://sun.mv/128056

އަދުރޭ ވިދާޅުވީ، ދުރުގައި ތިބޭ ބަޔަކަށް އެޕާޓީގެ ލީޑަރެއް ކަނޑަނޭޅޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ދެއްތޯ އިނގޭނީ އަޅުގަނޑުމެންގެ ލީޑަރެއް ކަނޑައަޅަން. ދުރު ތިބޭ މީހުންނަށް ނޭނގޭނެ އަޅުގަނޑުމެންގެ ލީޑަރެއް ކަނޑައަޅަން...ހައިކޯޓުން ނިންމިޔަސް ސުޕްރީމްކޯޓުން ނިންމިޔަސް އަޅުގަނޑުމެންގެ ލީޑަރަކީ ރައީސް ޔާމީން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ޕާޓީގެ މައްޗަށް ގަދަވެގަންނަ ބަޔަކު މަސައްކަތްކުރާ ކަމަށާއި އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންބައެއް ކަމެއް އަދުރޭ ހާމައެއް ނުކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގައި ސާފު އަގުލަބިއްޔަތު އޮއްވާ އެ ޕާޓީން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހެއް ފާސްކޮށް، ރައީސް ޔާމީން ތަސްދީގުކުރެއްވުމާއެކު އޭރު ހުކުމް އިއްވާފައިވާ ބައެއް ބޭފުޅުންނާއި ފަހުން ހުކުމްތައް އައި ސިޔާސީ ބައެއް ބޭފުޅުންގެ މަގާމުތައް ގެއްލުނެވެ. އޭގެ ތެރޭގައި އިދިކޮޅުގައި އޭރު އޮތް ތިން ޕާޓީ ކަމުގައިވާ އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ލީޑަރުންގެ މަގާމު ގެއްލުނެވެ. އޭރު އެ ޕާޓީތަކުންވެސް ބުނަމުން ދިޔައީ އެބޭފުޅުންގެ މަގާމު ނުގެއްލޭ ކަމަށެވެ.

އަދުރޭ މިރޭ ވިދާޅުވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުގައި މައްސަލައެއް ނެތްކަމަށެވެ. އަދި ރައީސް ޔާމީނުގެ މަގާމު ނުގެއްލެނީ ޕީޕީއެމް-ޕީއެންސީން ހުކުމް ގަބޫލުނުކުރާތީ ކަމަށެވެ.

https://sun.mv/128024

"އަޅުގަނޑުމެން މި ދަންނަވަނީ، މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމް ބަލައި ނުގަންނަމޭ. އެެއީ ސިޔާސީ ވަސް ވަރަށް ގަދަޔަށް ދުވާ ހުކުމެކޭ. މި ހުކުމް ނެރެފައި އޮތީ އެމްޑީޕީ ހަރުގެ ތެރެއިން ރާވައިގެންނޭ. ޖުމްހޫރީ ޕާޓީގެ ލީޑަރާވެސް ގުޅިވަޑައިގެންނޭ މައުލޫމާތު ލިބެނީ. އެހެންވެގެން މި ދަންނަވަނީ މި ޕާޓީގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ނުކުރާށޭ،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ހުކުމް ކުރުމާްއެކު ދެން ޕީޕީއެމް-ޕީއެންސީ ކޯލީޝަންގައި ލީޑް ކުރައްވާނީ ކޮން ބޭފުޅެއްތޯ ސުވާލުކުރުމުން އަދުރޭ ވިދާޅުވީ، އެ ކޯލިޝަން ހިނގާނީ އަދިވެސް ރައީސް ޔާމީންގެ އިރުޝާދާ ލަފަޔާއެކު ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ އެމަނިކުފާނުގެ އެކައުންޓަށް ވަތް އެއް މިލިއަން ޑޮލަރުގެ މައްސަލައިގައެވެ. އެކަން ސާބިތުވެ ފަސް އަހަރަށް ޖަލައްލުމާއެކު، ފަސް މިލިއަން ޑޮލަރަށް ޖޫރިމަނާ ކުރުމަށްވެސް ކޯޓުން ހުކުމް ކުރިއެވެ. އެމަނިކުފާނުގެ ގާނޫނުނީ ވަކީލުން މިހާރު ވަނީ އެ ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ފަށާފައެވެ.

comment ކޮމެންޓް