ޕީޖީކަމަށް ކުރިމަތިލާން ހުޅުވާލައިފި، ލިބެނީ ހަ ގަޑިއިރު!

ހުސްވެފައިވާ ޕީޖީގެ މަގާމަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހުން މިއަދު ވަނީ ހުޅުވާލާފައި -- ސަން ފައިލް ފޮޓޯ

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އާއިޝަތު ބިޝާމް މިއަދު އިސްތިއުފާ ދެއްވުމާއެކު އެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

މިއަދު އިރުއޮއްސުނު ފަހުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތަށް ހުޅުވާލާފައިވާ ކަމަށާއި، އެ މުއްދަތު ހަމަވާނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އަށް ކަމަށެވެ.

ކުރިއަށް އޮތީ ހަފްތާ ބަންދުގެ ދެ ދުވަހެވެ. އެހެންކަމުން ޕީޖީކަމަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ފޮނުވަން ލިބޭނީ އާދިއްތަ ދުވަހުގެ ހެނދުނު 8:00 ގައި ސަރުކާރު ހުޅުވޭ ވަގުތުން ފެށިގެން މެންދުރު 2:00 އާ ހަމައަށް ވާ ހަ ގަޑިއިރުގެ މުއްދަތު އެކަންޏެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްކަމުގައި ހުންނެވި އާއިޝަތު ބިޝާމް މަގާމުން އިސްތިއުފާދެއްވީ އޭނާގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ބަލަމުން އަންނަ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް މިއަދު ހެނދުނު 11:00 އަށް އެ ކޮމިޓީއަށް ހާޒިރުވުމަށް ނޯޓިސް ފޮނުވާފައި ވަނިކޮށް އޭގެ ކުރިންނެވެ.

ޕީޖީ އޮފީސް މެދުވެރި ކުރައްވައި ބިޝާމް މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ކުރާ މަސައްކަތަކީ އިހްލާސްތެރި ނިޔަތެއްގައި ކުރިއަށް ގެންދަވާ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގެ ނައްޞާއި ރޫހާ އެއްގޮތަށް ކުރިޔަށްގެންދާ އިޖުރާއަތްތަކެއްކަމުގައި ގަބޫލުނުކުރެވޭ ކަމަށްވެސް ބިޝާމް ވިދާޅުވިއެވެ.

ޕީޖީ ބިޝާމް އިސްތިއުފާ ދެއްވިއިރު، އެކަމަނާ ވަކިކުރުމަށް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން މަޖިލީހަށް ހުށަހަޅާފައިވެ އެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން މަޖިލީހުގެ ތެރެއިން އޮތީ ހިނގާ ގޮތް ނުވެފައެވެ.

comment ކޮމެންޓް