ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއެކު ޑްރައިވަރުންގެ ޖަމިއްޔާގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި މިއަދު ހަވީރު އެ އޮފީހުގައި އޮތް ބައްދަލުވުމުގައި ޑްރައިވަރުން ވަނީ އެމީހުންނަށް ދިމާވެފައިވާ ދަތިތަކުގެ މައުލޫމާތު ރައީސަށް އަރުވައި، އަދި އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައެވެ.
އެގޮތުން އިންޖީނު އެޅި އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވައިދުގެ ދަށުން އުޅަނދު އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ވެފައިވާ އުޅަނދުތަކުގެ ހުއްދަ ބާތިލުކުރުމާ ގުޅިގެން ކުރިމަތިވާ ދަތިތަކުގެ ވާހަކަތައް ޑްރައިވަރުން ރައީސަށް ހިއްސާކުރިއެވެ.
އަދި އެ ގަވައިދުގެ ދަށުން ޓެކްސީކުރަން ބޭނުންކުރާ އުޅަނދުފަހަރު އާ ކުރުމަށް މާލީ ގޮތުން ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރެވޭނެ ގޮތްތކާ ބެހޭގޮތުން ޑްރައިވަރުން ރައީސް ސޯލިހުއާ މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ޓެކްސީގެ ހިދުމަތްތައް އެންމެ އެކަށީގެންވާ ފެންވަރުގައި ފޯރުކޮށްދިނުމަށް ހުރި އެހެނިހެން ދަތިތަކުގެ ވާހަކަތައްވެސް ޑްރައިވަރުން ރައީސާ ހިއްސާކުރިއެވެ.
ރައީސް ސޯލިހު ވަނީ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީގެ ހިދުމަތްދޭ އެހެނިހެން ފަރާތްތަކާއި ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތައްވެސް ދަތި ނުވާނެ ގޮތަކަށް ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއ ްހޯދަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އަދި ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތްތައް ބަލައި، ވީހާވެސް ފުރިހަމައަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ޓެކްސީ ޑްރައިވަރުންގެ ކިބައިން ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.