ދީބާޖާ މައްސަލާގައި ސެޓްލްމަންޓް ކޮމިޓީއިން ރިޝްވަތު ނެގި ކަމުގެ ތުހުމަތު

ދީބާޖާ އިންވެސްޓްމެންޑްއަށް ބަދަލު ދިނުމަށް ނިންމި މައްސަލައިގައި އެޓާނީ ޖެނެރަލް ރައްޔިތުން މަޖިލިޙުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުން ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ސެޓްލްމަންޓް ކޮމިޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ ދިނުމުގައި އެ ކޮމިޓީއިން ރިޝްވަތު ހިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.

މާލިއްޔަތު ކޮމިޓީން މިއަދު އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމުގައި މެމްބަރު ޔައުގޫބު ވިދާޅުވީ ދީބާޖާ މައްސަލާގައި މާލިއްޔަތު ކޮމިޓީގެ މެމްބަރުންނަށް ވެސް ރިޝްވަތުގެ ހުށަހެޅުންތައް ލިބުނު ކަމަށާއި އެހެންކަމުން ސެޓްލްމަންޓް ކޮމިޓީއަށް ރިޝްވަތު ނުލިބޭނޭ ބުނުމަކީ ބުއްދި ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މި ކޮމިޓީން [މާލިއްޔަތު ކޮމިޓީ] ނިންމި މައްސަލައެއްގައި ވެސް ރިޝްވަތުގެ ފައިސާ ހުށަހަޅާފައި އެބަހުރި. މި ކޮމިޓީ މެމްބަރުންނަށް އެތައް ބަޔަކު ގުޅަން ވެސް ގުޅި. މި މައްސަލައިގައި [ދީބާޖާ މައްސަލަ] ވެސް ގުޅި. އެހެންވެ އަޅުގަނޑު ގަބޫލެއް ނުކުރަން މި މައްސަލައިގައި ވެސް އަދި އެހެން މައްސަލަތަކުގައި ވެސް ސެޓްލްމަންޓް ކޮމިޓީގެ ބޭފުޅުންނަށް ނުގުޅުއްވާ، ފައިސާ ހުށަ ނާޅުއްވާ ކަމަށް." މެމްބަރު ޔައުގޫބު ވިދާޅުވި އެވެ.

މެމްބަރު ޔައުގޫބު ވިދާޅުވީ މި މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް ވާހަކަ ދައްކަވާ ރާގު ކުރިއާ މިހާރާ އަޅާބަލާއިރު ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށެވެ. އެހެންކަމުން، އެއީ އޭޖީއަށް ބޮޑެތި ތުހުމަތުތައް ކުރެވޭ ކަމެއް ކަމަށް ޔައުގޫބް ވިދާޅުވި އެވެ.

"އެ ދުވަހު [ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި] އެބައޮތް ވިދާޅުވެފައި އަދުލުވެރި ބަދަލެއް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމާއި، އެ ހުކުމް [ސުޕްރީމް ކޯޓުގެ] އެއީ އަދުލުވެރި، އިންސާފުވެރި ހުކުމެއް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމާއި އަދި ރިވިއު ކުރަން ފުރުސަތު ލިބިއްޖެ ނަމަ، އެ ފުރުސަތު ނަގާ ނުލާނެ ކަމާއި ރިވިއު ކުރަން ހުށަހަޅާނެ ކަމާއި އޭރު އޮތް ބެންޗް އޮވެގެން އެކަމެއް ކުރަން ދިޔަޔަސް ހަމަ އަންނާނީ އެއް ހުކުމެއް ކަމަށް. އެހެންވެ އަޅުގަނޑުމެންނަށް ރިކުއެސްޓް ކުރެއްވި ސުޕްރީމް ކޯޓުގެ ބެންޗް ބަދަލު ކުރަން. އެކަން އަޅުގަނޑުމެން ވާނީ ކޮށްދީފައި. އެކަން ކޮށްދީފައި، ހުރިހާ ކަމެއް ކޮށް ނިމުނީމަ ދެން ހަމަ މުޅިން ރާގު ބަދަލުވީ،" މެމްބަރު ޔައުގޫބު ވިދާޅުވި އެވެ.

ދީބާޖާ އިންވެސްޓްމެންޑްއަށް ބަދަލު ދިނުމަށް ނިންމި މައްސަލައިގައި އެޓާނީ ޖެނެރަލް ރައްޔިތުން މަޖިލިޙުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން މެމްބަރު ޔައުގޫބު ވިދާޅުވީ އިއްޔެ ވަކި ވަގުތެއްގެ ކުރިން ސެޓްލްމަންޓް އެގްރީމަންޓުގައި ސޮއިކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ގުޅާފައި ބުނި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަމަށް ބޭނުންވާ ފައިސާ އިއްޔެ ހަމަޖައްސައިދިނުމަށް އެދި ފިނޭންސް މިނިސްޓަރަށް ސިޓީ ފޮނުވަން ބުނި ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް މެމްބަރު ޔައުގޫބު ވިދާޅުވި އެވެ.

މެމްބަރު ޔައުގޫބުގެ ތުހުމަތަށް ރައްދު ދެއްވަމުން ރިއްފަތު ވިދާޅުވީ އެ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް، ޝައްކާއި ވަހުމުގެ މައްޗަށް ބިނާވެގެންވާ ތުހުމަތުތަކެއް ކަމަށެވެ. އަދި ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ ނަމަ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ބެއްލެވުމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

ދީބާޖާ އިންވެސްޓްމެންޑްއަށް ބަދަލު ދިނުމަށް ނިންމި މައްސަލައިގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ރައްޔިތުން މަޖިލިޙުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޓާނީ ޖެނެރަލްގެ އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ކުރި ކަމަށް މެމްބަރު ޔައުގޫބު ވިދާޅުވި ފޯން ކޯލަކީ މި މައްސަލާގައި ދެ ފަރާތުން އެއްބަސްވާ ގޮތުގެ ލިޔެކިޔުންތައް އިއްޔެ ހުށަހަޅަން ކޯޓުން އަންގާފައި އޮތުމުންނާއި މި މައްސަލާގައި ރައީސް އޮފީހުން ވެސް ވަކި ގޮތެއް ނިންމާފައި އޮތުމުން ކުރި ކޯލެއް ކަމަށް ރިއްފަތު ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހަކީ ދީބާޖާ އާއި ޓްރާންސްޕޯޓް މިނިސްޓްރީން އެއްބަސްވާ އެއްބަސްވުން، ކޯޓަށް ހުށަހަޅާ މެދުވެރިޔާ ކަމަށް ރިއްފަތު ވިދާޅުވި އެވެ.

ދީބާޖާ ކުންފުންޏަށް ދައުލަތުން ބަދަލު ދޭން ޖެހުނީ އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް އެ ކުންފުންޏާއެކު، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސޮއިކުރި އެއްބަސްވުން ބާތިލް ކުރުމުންނެވެ.

އެ މައްސަލައިގައި ދީބާޖާއަށް ބަދަލުގެ ގޮތުގައި 378 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމައި ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވަނިކޮށް އެކުންފުނިން ވަނީ ބަދަލުގެ ގޮތުގައި ބޭނުންވަނީ 174 މިލިއަން ރުފިޔާ ކަމަށް ބުނެފަ އެވެ.

މާލިއްޔަތު ކޮމިޓީގެ ބައެއް މެންބަރުން މިއަދު ފާހަގަ ކުރެއްވި ގޮތުގައި، ކުންފުނިތަކަކީ ވިޔަފާރި ކޮށްގެން ފައިދާ އިތުރުކުރަން މަސައްކަތްކުރާ ބަޔަކަށް ވުމާއެކު ބަދަލުގެ ގޮތުގައި ލިބޭ އަދަދު ބުއްދި ގަބޫލު ނުކުރާ އަދަދަދަށް ކުޑަ ކުރަން ދީބާޖާއިން ހުށަހެޅުމަކީ ވެސް ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ހަމައެއާއެކު މި މައްސަލައަކީ ރައްޔިތުންގެ ފައިސާއިން ބޮޑު އަދަދެއް ހިމެނޭ މައްސަލައަކަށް ވުމާއެކު ސުޕްރީމް ކޯޓުން ނިންމި ނިންމުން އަލުން ރިވިއު ކުރަން ހުށަހެޅުމަށް ބައެއް މެންބަރޔުން ލަފާދެއްވި އެވެ.

comment ކޮމެންޓް