ކޭބަލް ކާރަށް ކުރި މަލާމާތަށް ޖާބިރު ރައްދު ދެއްވީ ރެޕަކުން

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުރިހާ ގޮތަކުންވެސް ތަފާތެވެ. ތުރުކުރައްވާ ހެދުމާއި ވާހަކަ ދެއްކުމުގެ ސްޓައިލްވެސް ތަފާތެވެ. މަޖިލީހުގެ ތަޅުމުގައި ތަފާތު ވާހަކަތައް ދައްކަވާ ޖާބިރަކީ ތަފާތު ހިޔާލުގެ ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭ ޖާބިރަށް އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އެމަނިކުފާނުގެ ދާއިރާގައި ހިމެނޭ ދެ ރަށް ކަމަށްވާ ކާށިދޫ އާއި ގާފަރު ކޭބަލް ކާރުން ގުޅާލާނެ ކަމަށް ވިދާޅުވުމުންނެވެ.

އެއީ ނުވާނެ ކަމެއް ކަމަށް ބުނެ ޖާބިރަށް މަލާމާތް ރައްދުވަމުން ދަނިކޮށް ޖާބިރު ވަނީ ކޭބަލް ކާރު އެޅުމުގެ ދިރާސާ އަށް އިޓަލީގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ ގެނެސް މަޝްރޫއުގެ ރޭވުންތައް ފައްޓަވައިފަ އެވެ.

ޖާބިރު ވިދާޅުވަނީ، ކޭބަލް ކާރު މަޝްރޫއުގެ ކަންކަން ބެލުމަށް އޭނާ ގެންނެވީ، އިޓަލީގެ ސިންޓެކްނިއާ އިންޖިނިއަރިންގެ ރައީސް ލޫކާ އާއި އެސޯސިއޭޓް މާކަސް އެވެ.

ގާފަރާ ކާށިދޫއާ ދެމެދު ކޭބަލް ކާރަކުން ގުޅާލާނަމަ އެ ދެމެދުގައި އެންމެ ކުރުކޮށްވެސް 24 ކިލޯ މީޓަރުގެ ސަރަހައްދެއް ގުޅާލާން ޖެހޭނެ އެވެ. މިއީ ދުނިޔޭގެ މިހާރު އެންމެ ދިގު ކޭބަލް ކާރު ދަތުރުކުރާ ސަރަހައްދަށްވުރެ ތިން ގުނަ ދިގު ރާސްތާއެއް ކަމަށް ބުނެ ޖާބިރަށް ވަނީ މަލާމާތް ރައްދުވެފަ އެވެ.

އެއީ "ހުވަފެނެއް" ކަމަށް ބުނެ އެ މަޝްރޫއާ މެދު ސުވާލު އުފައްދަން ފެށުމުން، ޖާބިރު އެވާހަކަތަކަށް ރައްދު ދެއްވީ ޒުވާނުންގެ މެދުގައި މަގުބޫލު، ބީޓޮލޮޖީގެ ރެޕް ލަވަ "ހަސްކާ"ގެ ބައިތުތަކަކުން އެވެ.

"ކުރިން ބުނީ ނުވާނެޔޭ، މަގެ ހުނަރަށް ކޮށްލީ ސުވާލެކޭ، ކުރި އެރުމުން ބުނާނެޔޭ، މަގެ މޭން އެކޭ އަތު ނުވާނެޔޭ،" އެ ލަވަ ވަރަށް ރީތިވެގެން މިއަދު ހެނދުނު އަޑުއެއްސެވި ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

މި ލަވަ ޓްވިޓާގައި އާންމު ކުރެއްވުމުން އެ ލަވަ މަޖިލިސް ޖަލްސާގައި ޖާބިރު ވިދާޅުވުމަށް ޓްވިޓާގައި އޭނާގެ ކިބައިން އަންނަނީ އެދެމުން އެވެ.

މީގެ ކުރިން މަޖިލިސް ޖަލްސާއެއްގައި ޖާބިރު ވަނީ ގައުމީ ސަލާމް ވެސް ވިދާޅުވެފަ އެވެ. ފާޑުކިޔުންތަކަށް ރެޕަކުން ރައްދުދެއްވުމުން ބައެއް މީހުން ބުނީ، ޖާބިރަކީ "އަތު ނުވާނެ މޭން" އެއް ކަމަށެވެ.

comment ކޮމެންޓް