އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ބާސެލޯނާގައި މަސައްކަތް ކުރި ޖުޑާން ހަމަޖައްސައިފި

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސި ޖުޑާން އަލީއާއި އިންގްލޭންޑްގެ ކުރީގެ ކޯޗު ރޯއީ ހޮޖްސަން --- ފޮޓޯ// ޑެއިލީ މެއިލް

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުރި އިހުސާން އަބްދުލް ޢަނީ (ސާންތި) މިދިޔަ ސެޕްޓެމްބަރު މަހު އެ މަގާމުން އިސްތިއުފާ ދިނުމުން ހުސްވެފައިވާ މަގާމަށް ސްޕެއިންގެ ބާސެލޯނާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި ޖުޑާން އަލީ ހަމަޖައްސައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 19 ވަނަ ދުވަހު އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ހުރި އިހުސާން އަބްދުލް ގަނީ (ސާންތީ) އިސްތިއުފާދިނުމުން އެ މަގާމު ހުސްވެފައި ހުންނަތާ މިހާރު ދެ މަސް ވީ އިރު އެފްއޭއެމުން ވަނީ އެ މަގާމަށް ތަޖުރިބާކާރު ހިންގުންތެރިއެއް ހަމަޖައްސައިފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ އެކެޑެމީގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ބާސެލޯނާގެ ލަ މާސިއާ އެކެޑެމީގައި 10 އަހަރު މަސައްކަތް ކުރި ޖުޑާން އެ މަގާމަށް އާބަސް ކިޔާފައިވާ ކަމަށް އެފްއޭއެމުން ބުނެފައިވާ އިރު ރަސްމީކޮށް އޭނާއަށް މަގާމު ދޭނީ އަންނަ އަހަރު ކުރީ ކޮޅު އެވެ.

އޭޝިއާގެ ދަރިކޮޅަކަށް ނިސްބަތްވާ ޖުޑާން އަކީ ޕްރޮފެޝަނަލްކޮށް ބޮޑެތި ޓީމުތަކަކަށް ކުޅުނު ކުޅުންތެރިއަކަށް ނުވި ނަމަވެސް އޭނާ އަކީ ޔޫއެފާގެ އޭ ލައިސަންސް ކޯޗެކެވެ. ބާސެލޯނާ އިން ޔޯހަން ކްރައިފްގެ ފިލޯސަފީގައި ލަ މާސިއާ އެކެޑަމީ ހިންގިއިރު، ޖުޑާން އެންމެ އިސް މަސައްކަތްތަކެއް ކުރީ ޑިވެލޮޕްމެންޓްގަ އެވެ.

މީގެ އިތުރުން އޭނާ ވަނީ އެއަަށްފަހުން ވެސް އެތައް ގައުމެއްގެ ފުޓުބޯޅައިގެ އެންމެ މަތީ މަގާމުތައް އަދާ ކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ 2013 ވަނަ އަހަރު ޗައިނީސް ޓައިޕޭގެ އެފްއޭގެ އެލީޓް ޑިވެލޮޕްމަންޓް ހެޑް އެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި އޭނާ ވަނީ މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ބްލެކްބާން ރޯވާސްގެ ކޯޗިން ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެއްގައިވެސް މަސައްކަތް ކޮށްފައެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ޖުޑާން ހަމަޖެއްސުމަށް ނިންމިއިރު، މީގެ ކުރިން 2011 ވަނަ އަހަރު އޭނާ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާއި ހަވާލުވަން ޕްރޮޕޯސަލް ހުށަހެޅި އެވެ. ނަމަވެސް އޭރު މަގާމުގައި ހުރި ޑިއޭގޯ ކުްސިއާނީ ވަކިކުރުމަށްފަހު އެފްއޭއެމުން ދެން ކޯޗަކަށް ގެނައީ ހަންގޭރީގެ އިސްތަވާން އުރުބާނީ އެވެ.

އެފްއޭއެމުން ބޭނުން ކުރަމުން އަންނަ "ޓުވާޑްސް ފިއުޗާރ" ގެ ބެނޭގަ ދަށުން ޖުޑާން އަކީ އެ މަގާމަށް ނުހަނު ގާބިލް ކޯޗަކަށް ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ގިނަ ތަޖުރިބާތަކެއް ހުރި ޖުޑާން އެފްއޭއެމްގެ މަގާމާއި ހަވާލުވަމަށް ފަހު ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި އެފްއޭއެމުން ކުރަމުންދާ މަސައްކަތަށް ބޮޅެއް އިތުރު ކުރެވޭނެ އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ބިދޭސީއަކު ހަމަޖައްސާއިރު، އެންމެ ފަހުން އެ މަގާމުގައި ހުރި ބިދޭސީ ޓެކްނިކަލް ޑިރެކްޓަރަކީ ތުރުކީގެ ކޭންޓް ވަންލީ އެވެ. މިދިޔަ އަހަރު ވަންލީ މަގާމުން ވަކިވުމުން ދެން އެ ޒިންމާ އުފުލާފައިވަނީ ސާންތީ އެވެ.

comment ކޮމެންޓް