އެމްޑީޕީގައި ތިބީ 23،000 މީހުން: ރައީސް ޔާމީން

މިރޭ ޕީޕީއެމް ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަރުކާރު ހިންގައި މައި ޕާޓީ އެމްޑީޕީގައި ތިބީ 23،000 މެމްބަރުންކަމަށް ބުނެ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ޕާޓީއަށް ރައްދުދެއްވައިފި އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ، މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕި އެތެރޭގެ ލީޑާޝިޕް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 87،000 އެއްހާ މީހުންގެ ތެރެއިން 23،000 އެއްހާ މީހުން ވޯޓުލުމުން އެ ޕާޓީއަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއަށް ބަޔަކު ސޮއި ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއަށް މާ ބޮޑު ތާއީދެއް ނެތް ކަމަށާއި ކޮންމެ ކަމަކުން އެޕާޓީން "ވައްކަން" ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ޕާޓީގެ ހަގީގީ މެމްބަރުންގެ އަދަދަކީ، 23،000 ކަން މިއަދު ހާމަވެެއްޖެ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

"ރައްޖޭގެ ބޮޑު އަގުލަބިއްޔަތު އޮތީ އެމްޑީޕީއާއެކު ނޫން. އެމްޑީޕީގައި ތިބީ 23،000 މީހުން. އެ ދައްކައިދީފި އިހަށް ދުވަހު އިންތިހާބުން. 87،000 މީހުން އެއީ ކޮން ވާހަކައެއްތޯ. ކޮންމެ ކަމަކުން ފެނިގެން މިދަނީ ވައްކަން ކުރާތަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

މިރޭ ޕީޕީއެމް ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ: އެމްޑީޕީ އަކީ ވައްކަން ކުރާ ޕާޓީއެއްކަމަށް ތުހުމަތު ކުރެއްވި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގައި އެހާ މެމްބަރުން ގިނަކަމަށް އެޕާޓީން ބުނާއިރު، ޕީޕީއެމް އިން 7،500 އެއްހާ މީހުން ކުޑަ ދުވަސްކޮޅެއްގެ ތެރޭ އެ މެމްބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"7،500 މީހުން ކަހާލައިފި. އިލެކްޝަންސްގައި މިހާރު ތިބި މީހުން ތިބިއްޔާ އެކަން ކުރާނެ. އެކަމުންވެސް ވައްކަން. އެހެން ވާނެ ދެއްތޯ، މަންމަގެ ފައްޓަރު ބައި ވަގަށް ނަގާށޭ ބުނާ އިމާމަކު އެތާ އެހުރީ،"ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި ނިމިދިޔަ މަޖިލިސް އިންތިހާބު އެ ޕާޓީން ކާމިޔާބު ކުރީވެސް ގަދަ ބާރުން ވައްކަން ކޮށްގެން، އޮޅުވާލައިގެނެވެ. އެގޮތުން އިންތިހާބާ ދިމާކޮށް، އެމަނިކުފާން ޖަލަށްލާ، އެކައުންޓް ހިފަހެއްޓި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހައްޔަރުކުރި ސަބަބުވެސް އެނގޭ. އެއީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޯމަތިވެފައި އޮތީ. ގިނަ ގޮނޑިތައް ނަގަން ބޭނުންވޭ. އަޅުގަނޑު އެކައުންޓު ފްރީޒް ކުރީ. އެކައުންޓުގައި ހުރި ފައިސާ ހޭދަ ކުރާނެ ކަން އެނގޭ. އިންތިހާބަށް ދަތުރު ކުރާނެކަން އެނގޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

މިރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގެ ތެެރެއިން --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް މިރޭ ވެސް އެމަނިކުފާނު ތަކުރާރުކުރެއްްވި އެވެ. ސިޔާސީ ދައުވާއެއް އުފުލައި އެކަހެރި ކުރުމަށް މަސައްކަތް ކުރަމުން ދަނީ މިހާރު ތިބި ސިޔާސީ ލީޑަރުންގެ ތެރެއިން އެމްޑީޕީއަށް "ގުޑުވައި ނުލެވޭނެ" ހަމައެކަނި ލީޑަރަކީ އެމަނިކުފާނަށް ވާތީ ކަމަށް ވިދާޅުވިއެވެ.

"ރާއްޖެ އުފެއްދި ކަމަށް ބުނާ ހުރިހާ ސިޔާސީ ލީޑަރުން، ކޮބައިތޯ އެ ހުރިހާ. ހުރިހާ އެންމެން އެ ތިބީ ނިގޫ ފިތިފަ ތިބީމަ އެ ތިބީ އެމްޑީޕީއާ އެކީ އެހެންވީމަ އެމްޑީޕީ އަޅުގަނޑު ދެކެ ލޯބިވަނީ. އެ މީހުންނަށް އެނގޭނެ ދުވަހަކު ވެސް އަޅުގަނޑު ސަލާމަތް ބުއްދި ހުރި ކަމަށްވަންޏާ އަޅުގަނޑު އެމްޑީޕީގެ ސަފަކަށް ނުދާނެކަން. ހަމައެކަނި މިހާރު މި ފެންނަ ސިޔާސީ ލީޑަރުންގެ ތެރޭގައި ގުޑުވާ ނުލެވޭނެ މީހަކަށް ހުންނާނެ މީހަކީ އަޅުގަނޑު،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އޭރު އިދިކޮޅު ފަރާތްތަކުން ތިބީ އެމަނިކުފާނު އަޒުލު ކުރަން ކަމަށާއި ދައުވާ އުފުލާފައިވާ މައްސަލަ އަކީ 2015 ގައި ހިނގި ކަމަކަށްވީރު، އޭރު އެ މައްސަލަ ހުށަނޭޅީ ކީއްވެގެންތޯ ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ. އެކަން ހިނގިތާ ތިން އަހަރު، ހަތަރު އަަހަރުވީއިރު، މިހާރު އެ ދައުވާ އުފުލާފައިވަނީ، "ޕާޓީ ވަރުދަވެ" އެމަނިކުފާނުގެ އަނގަ ގަދަ" ވުމުން ކަމަށެވެ.

"އަޅުގަނޑަކީ ގޮތެއްގައި ހުންނަ މީހެއް. އެކަހަލަ މައްސަލައެއް ނަގައި، އަޅުގަނޑު ކުއްވެރިވާކަން އަޅުގަނޑަށް ގަބޫލު ކުރެވޭނަމަ އަޅުގަނޑު އަމިއްލައަށް އިސްތިއުފާ ދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގައި ތިބެނީ 23،000 މީހުން ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އެޕާޓީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެއީ މަދު އަދަދެއް ނޫން ކަމަށާއި ދުނިޔޭގެ އެހެން ތަންތާގައިވެސް ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާ އަދަދު ނިސްބަތުން މަދު ކަަމަށެވެ.

މިދިޔަ އޮގަސްޓް މަހު އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ޕާޓީތަކުގެ ދަފްތަރުގައި 54،045 މެމްބަރުންނާއެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކީ އެމްޑީޕީއެވެ. ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ، 37،707 އެވެ. ވެރިކަމުގައި އޮތް އިރު ޕީޕީއެމްގެ މެމްބަރުންގެ އަދަދު އުޅުނީ 45،000 އަށް ވުރެ މަތީގައިވެ.

comment ކޮމެންޓް