ވޯޓުގައި މައްސަލަތަކެއް ހުރިކަމަށް އަސްލަމްގެ ޓީމުން ތުހުމަތުކޮށްފި

ނޮވެމްބަރު 11، 2019: އަސްލަމްގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕް ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބާއި، އިންތިހާބުގެ ނަތީޖާއާ މެދު، އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި، މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ޓީމުން ސުވާލު އުފައްދައިފި އެވެ.

އިންތިހާބުގައި، އަސްލަމް ވާދަކުރެއްވީ ޕާޓީގެ ނައިބު ރައީސް ކަމަށެވެ. އަސްލަމް އާ އެކު ދެން އެ މަގާމަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

ރެއާ ހަމައަށް އިއުލާން ކޮށްފައިވާ 172 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ނާއިބު ރައީސް ހޮވުމަށް 23،613 މީހުން ވޯޓު ދީފައިވާ އިރު، ޝިފާޒް އިންތިހާބު ކާމިޔާބު ކުރެއްވީ 13،233 ވޯޓުންނެވެ. އަސްލަމަށް ލިބިފައި ވަނީ 9،957 ވޯޓެވެ.

އިންތިހާބުގެ ކުރިން އަސްލަމް ވަނީ ވަރުގަދަ ކެމްޕޭންތަކެއް ވެސް ކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ގިނަ މެމްބަރުންތަކެއްގެ ތާއީދާ އެކު، އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ އިތުބާރު އޮތް ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން އިންތިހާބުގައި ލިބުނު ނާކާމިޔާބާ ގުޅިގެން އަސްލަމްގެ ޓީމުން ބުނެފައި ވަނީ އިންތިހާބުގެ އިތުރުން ވޯޓުގައި ވެސް މައްސަލަތަކެއް ހުރި ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.

އެހެންކަމުން މިވަގުތު އެފަދަ މައްސަލަތައް ދެނެގަނެ ބަލަމުން އަންނަ ކަމަށް ޓީމުން ވަނީ ބުނެފަ އެވެ. އަދި އެފަދަ ކަމެއް އެނގޭ ނަމަ އެކަން އެންގުމަށް ވެސް އެ ޓީމުން ވަނީ އެދިފަ އެވެ.

އިންތިހާބުގައި 87،439 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އެމްޑީޕީން ހާމަކުރި ނަމަވެސް، ރެއާ ހަމައަށް އިއުލާން ކޮށްފައިވާ 172 ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓު ލުމުގައި ބައިވެރިވެފައި ވަނީ 23،613 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 27 ޕަސެންޓެވެ.

އިންތިހާބު ކާމިޔާބުކޮށް ޝިފާޒް ދެވަނަ ދައުރަކަށް ހޮވިފައި ވާއިރު، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ މަގާމު ދިފާއުކުރައްވައި ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފަ އެވެ.

comment ކޮމެންޓް