ލިފްޓު ގޮޅިއަކުން ވެއްޓި ބިދޭސީ އަކަށް އަނިޔާ ވެއްޖެ

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލޭ ގެއެއްގެ ހަތް ވަނަ ފަންގިފިލާގެ ލިފްޓު ގޮޅިން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މާފަންނު ގެއެއްގެ ހަތް ވަނަ ފަންގިފިލާގެ ލިފްޓު ގޮޅިން ދޮންނަ މެޝެނެއް ބާލަން އުޅެނިކޮށް ބިދޭސީއަކު ވެއްޓި، އޭނާ އަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 15:33ގައި ކަމަށާއި ހާދިސާގައި އަނިޔާވި ބިދޭސީ މީހާ އަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހާދިސާގައި އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެ އެވެ. ބިދޭސީ މީހާގެ ހާލަތާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ ބަހެއް އަދި ނުލިބެ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިދިޔަ ހަފްތާގައި ވެސް ގެޔެއްގެ ހަތަރު ވަނަ ފަންގިފިލާ އިން ކުޑަ ފިރިހެން ކުއްޖަކު ވެއްޓުނު ހާދިސާއެއް ވަނީ ހިނގައިފަ އެވެ.

comment ކޮމެންޓް