އެމްޑީޕީގެ ރައީސްކަމަށް ވޯޓު ދިން މެންބަރުންނަށް ނަޝީދުގެ ޝުކުރު

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އިއްޔެ ބޭއްވި އެމްޑީޕީގެ ލީޑާޝިޕް އިންތިހާބުގައި އެޕާޓީގެ ރައީސްކަމުގައި ދެމި ހުންނެވުމަށް ރައީސް މުހައްމަދު ނަޝީދަށް ވޯޓު ދިން އެމްޑީޕީގެ މެންބަރުންނަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައިފި އެވެ.

އެމްޑީޕީގެ ލީޑާޝިޕް އިންތިހާބުގައި ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރެއްވީ ނަޝީދު އެކަންޏެވެ. އެހެންކަމުން އެމަނިކުފާނު ޕާޓީގެ ރައީސްގެ މަގާމަށް ގެނައުމަށް ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވާ، މެންބަރުންގެ ހިދުމަތުގައި ދެމިހުރުމަށް ދިން ތާއީދަށާއި، އެމަނިކުފާނަށް ވޯޓު ދިން އެމްޑީޕީގެ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

"އަދި މި ވޯޓުގައި ބައިވެރިވެ ވަޑައިގެން މިކަމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރިއްޔާ،" ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

އެމްޑީޕީ ލީޑާޝިޕް ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕާޓީގެ ރައީސްގެ މަގާމަށް ރައީސް ނަޝީދު ގެނައުމަށް 23،369 މީހުން ވަނީ ވޯޓު ދީފަ އެވެ. ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 63 މީހުންނެވެ.

އިއްޔެގެ އިންތިހާބުގައި ވޯޓުލާފައިވަނީ 23،630 މެންބަރުންނެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕާޓީގެ ނައިބު ރައީސް ކަމަށް އިންތިހާބުވެފައިވަނީ މިހާރުވެސް އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒެވެ. ޝިފާޒަށް އިއްޔެގެ އިންތިހާބުން 13،233 ވޯޓު ލިބުނެވެ. ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވި ހިތަދޫ އުތުރ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ލިބިލެއްވީ 9،957 ވޯޓެވެ.

comment ކޮމެންޓް