އެމްޑީޕީއިން ވޯޓުލީ އަދަދު ތަރައްގީވެފައިވާ ގައުމުތަކުގެ ޕާޓީތަކާ ބަލާއިރު ރަނގަޅު: ނަޝީދު

ރައީސް ނަޝީދު އިއްޔެގެ އިންތިހާބުގައި ވޯޓް ދެއްވަނީ -- ފޮޓޯ/ އެމްޑީޕީ

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕް ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި، ވޯޓުލީ މީހުންގެ އަދަދާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ދެވަނަ ދައުރަކަށް އެ ޕާޓީގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިންތިހާބުގައި، ވޯޓު ލާފައި ވަނީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 27 ޕަސެންޓު ކަމަށް އިންތިހާބުގެ ވަގުތީ ނަތީޖާއިން ވަނީ ދައްކައިފަ އެވެ. އެކަމާ ގުޅިގެން، އިދިކޮޅުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

"ބެއްޔާ" ގްރޫޕުން މިއަދު ފެށި ޓީޝާޓެއް ގަނެގެން ރުކެއް އިންދާ ޕްރޮޖެކްޓު ލޯންޗުކުރުމަށް މޯލްޑިވިއަންގެ ސީ ޕްލޭން ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ތަރައްގީވެފައިވާ ގައުމުތަކުގައި ސިޔާސީ ޕާޓީތަކުގައި އުޅޭނީ ވޯޓުގެ އާބާދީގެ ހަތް ޕަސެންޓް ކަމަށެވެ.

އަދި ނިމުނު އިންތިހާބުގައި ވެސް ވޯޓުލާފައި ވަނީ، އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރާ މެމްބަރުން ކަމަށާއި އެ މެމްބަރުން ބަދަލު ނުވާ ކަމަށެވެ.

"ޕާޓީގެ އިންތިހާބުތަކުން މޮޅުކުރުމަށް ހަރަކާތްތެރިވާ ފަންސަވީސް ހާސް މީހުން އެތިބީ ހަމަ އެއްވެސް ބަދަލެއް ނައިސް،" ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅުގެ ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ވަނީ، އިދިކޮޅު ޕާޓީގެ އިންތިހާބެއްގައި ވޯޓުލާން 200 އެއްހާ މީހުން ނެރުމަށް ޗެލެންޖުކުރައްވައިފަ އެވެ.

އިންތިހާބުގައި 87،439 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އެމްޑީޕީން ހާމަކުރި ނަމަވެސް، ރެއާ ހަމައަށް އިއުލާން ކޮށްފައިވާ 172 ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓު ލުމުގައި ބައިވެރިވެފައި ވަނީ 23،613 މީހުންނެވެ.

އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ ރައީސް ނަޝީދު އެކަނިކަމަށްވާއިރު އެ މަނިކުފާނު ރައީސްކަމުގެ ހުންނަން ވޯޓްލީ 99 ޕަސެންޓް މީހުން ވަނީ ތާއީދުކޮށްފަ އެވެ. ނުފެންނަ ކަމަށް ވޯޓް ދިނީ 63 މީހުން އެވެ. އަދި އެ ޕާޓީގެ ނައިބު ރައީސްކަމަށް އިންތިހާބުވެފައި ވަނީ މިހާރުވެސް ޕާޓީގެ ނައިބު ރައީސްގެ މަގާމު ފުރުއްވާ، މުހައްމަދު ޝިފާޒެވެ.

comment ކޮމެންޓް