އެމްޑީޕީ އިންތިހާބުގައި ބައިވެރިވީ 27 ޕަސެންޓު މެމްބަރުން!

ނޮވެމްބަރު 22، 2019: ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕަަށް ބޭފުޅުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕް ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި، ވޯޓު ލާފައި ވަނީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 27 ޕަސެންޓު ކަމަށް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

އިންތިހާބުގައި 87،439 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އެމްޑީޕީން ހާމަކުރި ނަމަވެސް، ރެއާ ހަމައަށް އިއުލާން ކޮށްފައިވާ 172 ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓު ލުމުގައި ބައިވެރިވެފައި ވަނީ 23،613 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 27 ޕަސެންޓެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ މިހާރު ވެސް އެ މަގާމުގައި ތިއްބެވި މުހައްމަދު ނަޝީދާއި، މުހައްމަދު ޝިފާޒް އެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން، އެންމެ ގިނަ މީހުން ވޯޓުލާފައި ވަނީ ޕާޓީގެ ނައިބު ރައީސް ހޮވުމަށެވެ. ނައިބު ރައީސް ހޮވުމަށް 23،613 މީހުން ވޯޓު ދީފައިވާއިރު، ޝިފާޒް އިންތިހާބު ކާމިޔާބު ކުރެއްވީ 13،233 ވޯޓުންނެވެ.

ޝިފާޒް އާ އެކު ޕާޓީގެ ނައިބު ރައީސްކަމަށް ދެން ވާދަކުރެއްވި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ލިބިފައި ވަނީ 9،957 ވޯޓެވެ.

ވަނީ ޕާޓީގެ ރައީސްކަމުގައި އެ ޕާޓީގެ މިހާރުގެ ވެސް ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ހުންނަން ފެންނަ ކަމަށް ވޯޓު ދީފައި ވަނީ 23،369 މީހުންނެވެ.

އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. އެހެން ކަމުން އެމަނިކުފާނު ރައީސްކަމުގައި ހުންނަން ފެނޭތޯ ނަގާފައި ވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ނަޝީދު އެ މަގާމުގައި ހުންނަން ނުފެންނަ ކަމަށް 63 މީހުން ވަނީ ވޯޓު ދީފައެވެ. ސަތޭކަ ފަންސާސް ދެ މީހެއްގެ ވޯޓު ބާތިލްކޮށްލާފައި ވާއިރު، ޕާޓީގެ ރައީސް އިންތިހާބުކުރަން ނެގި ވޯޓުގައި ބައިވެރިވީ 23،584 މީހުންނެވެ.

ވަގުތީ ނަޖީޖާ ދައްކާ ގޮތުން، 2014 ވަނަ އަހަރު ބޭއްވި އިންތިހާބާ އަޅާބަލާއިރު، އިއްޔެގެ އިންތިހާބުގައި ވޯޓު ދިން މީހުންގެ އަދަދު ވަނީ މަދުވެފަ އެވެ.

އޯގަސްޓް 2014ގައި ބޭއްވި އިންތިހާބުގައި ރައީސް ކަމުގެ މަގާމަށް ރައީސް ނަޝީދަށް ލިބިވަޑައިގަތީ، 33،709 ވޯޓެވެ. ޝިއްޕެ އަށް ލިބިވަޑައިގަތީ، 21،052 ވޯޓެވެ. އެ އިންތިހާބުގައި ޖުމްލަ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ، 57،204 މީހުން އެވެ.

comment ކޮމެންޓް