ރާއްޖެއައި ބްރެޒިލް ބައެއްގެ އަތުން 1.6 ކިލޯގެ ޑްރަގްސް އަތުލައިގެންފި

ކަސްޓަމްސްއިން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތި ޕެކިންގައި --- ފޮޓޯ/ ކަސްޓަމްސް

ރާއްޖެއައި ބްރެޒިލްގެ ދެ މީހެއްގެ އަތުން 1.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ އެ ދެމީހުންވެސް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ދިރުވާލައިގެން ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ކަަމަށެވެ.

އޭގެ ތެރެއިން އެކަކު މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރީ މިދިޔަ މަހު 25 ވަނަ ދުވަހު ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން އުޅޭކަމަށް ޝައްކުކުރެވިގެން ބެލިއިރު ހަށިގަނޑުގެ ތެރެއިން ޕެކިންއާއެކު ޖުމްލަ 765.5 ގްރާމްގެ ގެ މަސްތުވާތަކެތި ފެނުނު ކަމަށާއި އެތަކެތި ފަހުން ތަހުލީލް ކުރިއިރު ކޮކޭންއަށް ޕޮޒިޓިވްވިކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެ ހާދިސާގައި ހައްޔަރުކުރީ 29 އަހަރުގެ ބްރެޒިލް މީހެކެވެ.

އެހެން ހާދިސާއެއްގައި މިދިޔަ މަހު ހަވަނަ ދުވަހުވެސް ބްރެޒިލްގެ އެހެން މީހަކު ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން މަސައްކަތްކޮށްފައެވެ. އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން އުޅޭކަމަށް ޝައްކުކުރެވިގެން ބެލިއިރު ހަށިގަނޑުގެ ތެރެއިން ޕެކިންއާއެކު ޖުމްލަ 837.2 ގްރާމްގެ ގެ މަސްތުވާތަކެތި ފެނުނު ކަމަށާއި އެތަކެތި ފަހުން ތަހުލީލް ކުރިއިރު ކޮކޭންއަށް ޕޮޒިޓިވްވިކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެ ހާދިސާގައި ހައްޔަރުކުރީ 42 އަހަރުގެ ބްރެޒިލް މީހެކެވެ.

ކަސްޓަމްސްއިން ބުނީ އެ ދެމީހުން އެތެރެކުރި ޖުމްލަ 1.6 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެ މައްސަލައިގައި ޝާމިލްވާ މީހުންނާ މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

comment ކޮމެންޓް