ޓެރަރިސްޓު ޖަމާޢަތެއް ދެނެގަންނާނީ ކިހިނެއް؟

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މަޖިލީހުގައި---- ފޮޓޯ: މަޖިލިސް

މިހާރު ރާއްޖޭގައި އެންމެ ގިނައިން މީހުންގެ މެދުގައި ދެކެވޭ އެއް ވާހަކަ އަކީ ހައްދު ފަހަނައަޅައި ފައި ހުރި ވިސްނުން ގެންގުޅޭ މީހުންގެ ވާހަކަ އެވެ. އެއްކޮޅުން ދައްކަނީ "ލާދީނީ ފިކުރު"ގެ މީހުން ހަައްދުފަހަނައަޅައި ފައި ހުރި މިނިވަން ވިސްނުމެއް ގެންގުޅޭ ވާހަކަ އެވެ. އިސްލާމީ މުޖުތަމަޢެއްގައި ބަލައި ނުގަނެވޭ ފަދަ މިނިވަން ކަމެއްގެ ވާހަކަ އެވެ. އަނެއްކޮޅުން ދައްކަނީ "ޖިހާދީ ފިކުރު"ގެ ވާހަކަ އެވެ. މުސްލިމު ޤައުމެއްގައި އެ ޤައުމުގެ ސަރުކާރާ އިދިކޮޅަށް، އެ ޤައުމުގެ "ޖިހާދީ ފިކުރު"ގެ މީހުން ހަނގުރާމަކޮށް ޓެރަރިޒަމްގެ އަމަލުތައް ހިންގަން ފެށުމުން، އެމީހުންނާ ބައިޢަތު ހިފުމަށް ދާ އެހެން ޤައުމުތަކުގެ މީހުންގެ ވާހަކަ އެވެ. ގިނަ ފަހަރަށް، މެދު މިނު ވިސްނުން ގެންގުޅޭ މުސްލިމުން ވެސް، އެފަދަ މީހުން ސިފަ ކުރަނީ ހަރުކަށި އިސްލާމީ ޙިޔާލު ގެންގުޅޭ، އަދި އިސްލާމުންގެ ނަމަށް ހުތުރު އަރުވާ ބައެއްގެ ގޮތުގަ އެވެ. އެ މީހުން ހިންގާ ލާ އިންސާނީ އަމަލުތަކުގެ ސަބަބުން ހުޅަގުގެ ޤައުމުތަކުގައި ދިރިއުޅޭ ނުވަތަ ޒިޔާރަތް ކުރާ މުސްލިމުންނަށް ޝައްކުގެ ނަޒަރަކުން ބަލަ އެވެ. މުސްލިމް ޓެރަރިސްޓަކަށް ވެދާނެތީވެ އެވެ. އެ ޤައުމުތަކަށް ޒިޔާރަތް ކުރާ މުސްލިމުންނަށް، އެ ޤައުމުތަކުގެ އިމިގްރޭޝަން އާއި ކަސްޓަމްސް އިން މުސްލިމުން ނަށް ދޭ "ޚާއްޞަ މަރުޙަބާ" އިން ސަލާމަތް ވެވެނީ ވަރަށް މަދު ފަހަރަކު މަދު، ބަޔަކަށެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި ރަޖިސްޓުރީ ކޮށްފައި އޮތް ޖަމުޢިއްޔާއެއް ވަރަށް ފަހުން އުވާލި އެވެ. އެ ޖަމުޢިއްޔާ އިން ތައްޔާރު ކޮށްފައި އޮތް ކަރުދާހަކީީ އިސްލާމީ ފިކުރާ ޚިިލާފް ކަރުދާހެއް ކަމަށް ފެނިގެން ވަރަށް ގިނަ ޢާއްމުން އެ ޖަމުޢިއްޔާ އުވާލުމަށް ގޮވާލަމުން ދިޔަ އެވެ. އެންމެ ފަހުން ސަރުކާރުގެ ކަމާ ބެހޭ ފަރާތަކުން، ބައެއް ޢިލްމު ވެރިން ލައްވާ ދިރާސާއެއް ކުރުމަށް ފަހު ނެރުނު ނަތީޖާ އިން އެ ޖަމުޢިއްޔާ އުވާލުމަށް، ޖަމުޢިއްޔާ ރަޖިސްޓުރީ ކުރާ ފަރާތަށް ލަފާ ދިނެވެ.

މިހާރު ނުުކުމެގެން އުޅޭ އާ މައްސަލަ އަކީ "ޖިހާދީ ފިކުރުގެ" ޖަމުޢިއްޔާ އެއް ކަމަށް ބައެއް ފަރާތްތަކަށް ފެންނަ ޖަމުޢިއްޔާ އެއްގެ މައްސަލަ އެވެ. މި މައްސަލަ މިހާ ބޮޑަށް ފައުޅުވީ މަރެއްގެ ތަޙްޤީޤީ ރިޕޯޓެއް ކަމާ ބެހޭ ފަރާތްތަކަށް ބަހާލެވުނު ހިސާބުން ނެވެ. ތަޙްޤީޤުގައި އެކި އެކި ކޮޅު ކޮޅު އެ ޖަމުޢިއްޔާ އާ ދިމާ އަށް ދިއުމުން ނެވެ. އެހެންނަމަވެސް އެ ޖަމުޢިއްޔާ އިން ސީދާ "ޖިހާދީ ފިކުރު"ގެ ޖިނާއީ އަމަލެއް ކޮށްފައި އޮތް ކަމަށް މިހާތަނަށް ސާބިތު ކުރެވިފައެއް ނެތެވެ. ދެވަނަ ގޮވާލުމެކެވެ. އެ ޖަމުޢިއްޔާ އުވާލުމަށެވެ. މިފަހަރުގެ މައްސަލަ ކުރީ ފަހަރުގެ މައްސަލަ އަށް ވުރެ ބޮޑެވެ. "ދީނީ" ޖަމުޢިއްޔާ އަކަށް ވުމުން ނެވެ. ކުރީގެ ފަހަރުގެ ޖަމުޢިއްޔާ އަކީ ބައެއް މީހުން، ޚާއްޞަކޮށް، ބައެއް "ދީނީ" މީހުން ދުށް ގޮތުގައި "ލާދީނީ" ޖަމުޢިއްޔާ އެކެވެ. މި ފަހަރު ބައެއް "ލާދީނީ؟" މީހުން ދެކޭ ގޮތުގައި، އެ ޖަމުޢިއްޔާ އަކީ ޓެރަރިޒަމް އަށް ވާގިދޭ ޖަމުޢިއްޔާ އެކެވެ. ވެދާނެ އެވެ. އެކަމަކު ސާބިތު ކުރެވެން ވާނެ އެވެ. ޢިލްމުވެރިންގެ ދިރާސާ އަކަށް ފަހު ނިންމާ ނިންމުމެއް ވެސް ބަލައިގަނެވިދާނެ އެވެ. ހަމަ ގައިމު ވެސް ފިޔަވަޅު އަޅަން ތިބޭ މީހުން ބަލައިގަންނާނެ އެވެ. އަޅުގަނޑުގެ މައިގަނޑު ޝަޢުޤުވެރިކަން ހުރީ ދީނީ ހަރުކަށި ވިސްނުމާ ބެހޭ ގޮތުން ހަޔަރ އެޑއުކޭޝަން މިނިސްޓަރު އާއި ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ސުވާލު އާއި އެ މަނިކުފާނު ދެއްވި ޖަވާބު އާއި އެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ރައްޔިތުންގެ މަޖިލީސް އަށް ގެންދެވުނީ ރަށެއްގައި އިމާރާތް ކުރުމަށް ނިންމާ ފައި އޮތް ޖޫނިއަރ ކޮލެޖެއްގެ އަމަލީ މަސައްކަތް ފަށާ ތާރީޚު އޮޅުން ފިލުވާށެވެ. އޭނާ އަށް ކުރެވޭ ސުވާލުތައް އަމާޒު ވާން ވާނީ ޖޫނިއަރ ކޮލެޖުގެ މަސައްކަތްތަކާ ބެހޭ ގޮތުން ނެވެ. ކޮލެޖްގެ ދަރިވަރުންގެ ގޭގައި ގެވެށި އަނިޔާ އޮތީ ކިހާ ވަރަކަށް ތޯ ބެލުމަށް، އޭނާ އާ ސުވާލު ނުކުރެވޭނެ އެވެ. މިނިސްޓަރުން ނާއި ސުވާލު ކުރެވެނީ، ކުރެވޭ ސުވާލަށް ޖަވާބު ދެއްވުމަށް މުއްދަތެއް ވެސް ކަނޑައަޅައިގެން ނެވެ. މުއްދަތެއް ކަނޑަ އެޅެނީ، އެ މުއްދަތުގެ ތެރޭގައި ކުރެވުނު ސުވާލަކާ ގުޅޭ ހުރިހާ ތަނަކާ ގުޅައި ހުރިހާ މަޢުލޫމާތެއް އޮޅުން ފިލުވައިގެން ޖަވާބު ދެއްވުމަށެވެ. ޖަވާބު ނުދެއްވިއްޖެ ނަމަ އެއީ ބޮޑު މައްސަލަ އެކެވެ. މިހެންވުމާ އެކު މަޖިލީހުގައި ކުރެވޭ ސުވާލަށް ޖަވާބު ދެއްވުމަށް މިނިސްޓަރުން ވަޑައިގަންނަވަނީ ވަރަށް ބޮޑަށް ތައްޔާރުވެ ވަޑައިގަންނަވައިގެން ނެވެ. މިނިސްޓަރު ދެއްވާ ޖަވާބަކުން ކުރި ފަޅައިގެން ކުރެވޭ ސުވާލުތަކަށް އެ މަނިކުފާނު ޖަވާބުދާރީ ވާން ޖެހެ އެވެ.

މާ ދުރު ނޫން މާޒީ އެއްގައި މަޖިލީހުގައި މިނިސްޓަރަކާއި އޭނާ ޖަވާބު ދެއްވުމަށް ފޮނުވުނު ސުވާލު ނޫން ސުވާލެއް ކުރުމުން، އޭނާ އެ ސުވާލަށް ޖަވާބު ދެއްވަން ތައްޔާރުވެ ވަޑައިގެން ފައި ނެތްކަން ތަކުރާރުކޮށް ވިދާޅުވި އަޑު އަޅުގަނޑު އެހީމެވެ. އަދި ރިޔާސަތުން މިނިސްޓަރާ ކުރަން ފޮނުވުނު ސުވާލުގެ ބޭރުގެ ސުވާލު ނުކުރެވޭނެ ކަމަށް އެންގެވި ތަން ވެސް އަޅުގަނޑަށް ފެނިިފައިވެ އެވެ. އެއީ މަޖިލީހުގެ ޤަވައިދު ބުނާ ގޮތަށް އެކަންތައް ކުރާ ނަމަ ކުރަންޖެހޭނެ ގޮތެވެ.

ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް ކިޔަވަން ދަނީ ކޮން ޤައުމަކަށްތޯ މިނިސްޓަރަށް އެނގިވަޑައި ގަނޭތޯ ސުވާލު ކުރެވުނެވެ. ފުރަތަމަ ކަމަކީ ކާކުގެ ހަރުކަށި ފިކުރުގެ ވާހަކަތޯ އެވެ. އެ ބުނާ ހަރުކަށި ފިކުރުގެ މީހުން ދެކޭ ގޮތުގައި އެ މީހުންނަކީ ދީނުގައި އޮންނަ ގޮތަށް އެންމެ ރަނގަޅަށް ކަންތައް ކުރާ މީހުން ނެވެ. ދެވަނަ ކަމަކީ މުއްސަނދި ޤައުމުތަކުގެ ޢިނާޔަތުން ބަޖެޓް ދެކޮޅު ޖައްސާ، ރާއްޖެ ކަހަލަ ކުޑަ، ފަގީރު، ޤައުމަކަށް ވަކި ޤައުމަކީ ޓެރަރިސްޓު ޤައުމެކޭ ބުނެވިދާނެތޯ އެވެ؟ އެ ގޮތަށް ބުނެވެން އޮތީ އެންމެ ޤައުމަކަށެވެ. އިޒްރޭލް އަށެވެ. ދުނިޔޭގެ ޓެރަރިޒަމްގެ ތަޖުރިބާކާރުންގެ ލިސްޓުގައި އެންމެ ކުރީގައި ހިމެނޭ ބައެއް ޤައުމަކީ އަޅުގަނޑުމެންގެ އެންމެ އެކުވެރި ޤައުމެވެ. ކެރެންޏާ، އެއީ ޓެރަރިސްޓު ޤައުމެކޭ ވިދާޅުވެ ބައްލަވާށެވެ. ނުކެރޭނެ އެވެ. ހުރިހާ ޢިނާޔަތްތައް ކެނޑިގެން ދާނެ އެވެ. ބައެއް ޤައުމުތަކުން، ވަކި ޤައުމަކީ ޓެރަރިސްޓު ޤައުމެކޭ، އެ ޤައުމާ ގުޅުން ކަނޑާލާށޭ ބުނުމުން، ކުރީގެ ސަރުކާރުން ގުޅުން ކަނޑާލާ ފައި އެބަހުއްޓެވެ. އެ ޤައުމުތަކުގެ "ޓެރަރިޒަމް"ގެ އެއްވެސް ކަމެއް އަޅުގަނޑުމެންނަށް ފެނިފައި ނުވާ އިރުގައި ވެސްމެ އެވެ. އެހީ ދޭން ވަޢުދު ވެފައި އޮއްވާ ވެސް މެ އެވެ. ގުޅުން ކަނޑާލަން ބުނާ ތަނުން ގިނަ އެހީ ލިބެންޏާ ދެވޭނީ އެ ދިމާ އަށް ތާ އެވެ. ހަރުކަށި އިސްލާމީ ވިސްނުމުގެ ޤައުމުތަކަށް ކިޔަވަން ކުދިން ނުފޮނުވުމަށް ކުރީގެ ރައީސް މަރުޙޫމް ނާޞިރު ކުރެއްވި މަސައްކަތްޕުޅު ވެސް އެންމެ ފުރިހަމަ ގޮތަށް ކާމިޔާބު ނުވެ އެވެ. އެއީ ކޮން ޒަމާނެއްތޯ އެވެ؟ ޚުދުމުޚްތާރު ކަމުގެ ރަން ޒަމާނެވެ. މީސް މީޑިއާ އާއި ބައެއް މީހުން ރުޅި އަންނަ ފަރުދީ މިނިވަންކަމުގެ ރަން ޒަމާނުގައި އެކަން ކުރެވޭނެތޯ އެވެ. ހަނދުމަފުޅު ނައްތާ ލައްވާށެވެ.

މިނިސްޓަރު މަޖިލީހަށް ދެއްވި ޖަވާބުން މިނިސްޓަރަށް އަޅުގަނޑު ކުރާ އިޙްތިރާމް ކުރިއަށް ވުރެ ވެސް ބޮޑު ވެއްޖެ އެވެ. ހަމަ ޤަބޫލުކޮށްގެން، ހަރުދަނާކޮށް ކަންތައް ކުރާ މީހުން ކަންތައް ކުރަން ވާނީ އެ ގޮތަށެވެ. ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އެ ޚަބަރު ވިދާޅުވިން ތޯ އެވެ؟ ނުވަތަ ބެއްލެވިން ތޯ އެވެ؟ ފިލާވަޅެއް ލިބިގަންނާ ށެވެ.

comment ކޮމެންޓް