މި ހަފްތާ: އަންހެންވެރިން ސޫޓާއި ބޫޓުގައި

ސޫޓްސްމީ ހަރަކާތުގައި ލީ ބައެއް ފޮޓޯ.

މި ހަފްތާ ސޯޝަލް މީޑިއާގައި އެންމެ ބޮޑު ބަހުސަކަށްވީ، އަންހެނުން ހެދުން އަޅަން ވީ ގޮތާ ގުޅޭ ވަރަށް ފުޅާ ބަހުސެވެ. އެ މައުލޫގެ ތެރެއިން ފެށުނީ ވަރުގަދަ ހަރަކާތެކެވެ. "ސޫޓްސްމީ" ހޭޝްޓެކާ އެކު އަންހެން ވެރިން ނުކުތީ ސޫޓާއި ބޫޓް އަންހެނުން ލުމަކީ މައްސަލައެއް ނޫންކަމަށް ސާބިތުކޮށްދެމުން އެވެ.

އަންހެނުން ސޫޓުލައި ބޮޑު ހަރަކާތެއްގައި

"ސޫޓްސްމީ"ގެ ނަމުގައި ހެދި ހޭޝްޓެގެއް ޓްރެންޑުވެ ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބެވި އަންހެން ބޭބޭފުޅުން ވެސް އެ ހަރަކާތުގައި ބައިވެރިވެއްޖެ އެވެ.

ޓްވިޓާގައި "ސޫޓްސްމީ"ގެ ނަމުގައި ފެށި ޓްރެންޑަކީ އަންހެނުން ސޫޓު ލައިގެން ފޮޓޯ ނަގައި ޝެއާކުރުމަށް ގޮވާލި ޓްރެންޑެކެވެ.

އެ ޓްރެންޑުގައި ގިނަ އަދަދެއްގެ ދިވެހި އަންހެނުން ވަނީ ބައިވެރިވެ، ސޫޓު ލައިގެން ހުރި ފޮޓޯތައް ޓުވިޓާއަށް ދޫކޮށްލައިފަ އެވެ. އަދި ސޫޓު ލައިގެން ފޮޓޯލާ ފަރާތްތަކަށް އެކި ފަރާތްތަކުން ތައުރީފް ވެސްކުރެ އެވެ.

އެ ހަރަކާތުގައި ބައިވެރިވި އަންހެން ބޭފުޅުންގެ ތެރޭގައި، މަޖިލިސް މެމްބަރު ހިސާން ހުސައިން އާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ އިތުރުން އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ފަދަ ފަރާތްތައް ފާހަގަކޮށްލެވެ އެވެ.

ނަމަވެސް އެ ޓްރެންޑަށް އަންނަނީ ފާޑުކިޔުންތަކެއްވެސް ރައްދުވަމުންނެވެ. އެ ޓްރެންޑު ފެށިގެން އައީ ރަނގަޅު ގޮތަކަށް ނޫން ކަމަށް ބުނެ ތަފާތު ފަރާތްތަކުން ދަނީ ސޫޓްސްމީ މޫވްމެންޓަށް އެއްޗިހި ވެސް ކިޔަމުން އެވެ.

އެކަމަކު އެ އަޑުތަކަށް ވުރެ ގަދަވެފައި ވަނީ، ސޫޓާއި ބޫޓްގައި ނިކުތް އަންހެނުންގެ އަޑެވެ.

ކުޅިކޮތަޅުން ގައިގައި ޖަހާފައިވާ ވެމްކޯގެ މުވައްޒަފާ އެކުންފުނިން ބައްދަލުކުރަނީ --- ފޮޓޯ : ވެމްކޯ

ވެމްކޯގެ މުވައްޒަފަށް އެންމެންގެ ލޯބި!

މިދިޔަ ހޯމަ ދުވަހުގެ ރޭ ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ކުނި ނެގުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފެއްގެ ބޮލުގައި ކުނި ކޮތަޅަކުން ޖެހި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

ވެމްކޯގެ މުވައްޒަފަކަށް ހަމަލާ ދީފައި ވަނީ އެ މަގުގައި ހުރި ގެއަކުން ނުކުތް ފިރިހެނަކު ވެމްކޯގައި ރަޖިސްޓްރީ ނުކޮށް، ވެމްކޯގެ ވެހިކަލަށް ކުނި އަޅަން އުޅުމުން އެކަން ނުކުރުމަށް ވެމްކޯގެ މުވައްޒަފު އޭނާއަށް ނަސާހަތްތެރިވުމުން ރައްދެއްގެ ގޮތުގަ އެވެ.

ވެމްކޯގެ މުވައްޒަފު ބޮލުގައި ކުނި ކޮތަޅުން ޖެހުމަށްފަހު އެމީހާ އެތަނުން ގޮސްފައިވަނީ ވެމްކޯ މުވައްޒަފުގެ ގައިގައި ޖެހުމަށް ފަހު އެވެ.

އެކަމާ ގުޅިގެން ކުނި ނަގާ ބޭބެގެ ދިފާއުގައި ޓްވިޓާ ކޮމިޔުނިޓީ ތެދުވި އެވެ.

އެއްބައި މީހުން ބުނީ ކުނި ނަގާ ހެދުމަކީ "ހަޑި" ވަޒީފާއެއް ކަމަށް ފެންނަ ކަމަށް ބައެއް މީހުންނަށް ހީވެފައި ކަމަށެވެ. ނަމަވެސް ހަލާލުގޮތުގައި ކުރާ ކޮންމެ މަސައްކަތަކީ ހަޑި މަސައްކަތަކަށް ނުވާނެ ކަމަށް ބުނެ ވެމްކޯގެ މުވައްޒަފުންގެ ދިފާއުގައިވެސް ގިނަ ބަޔަކު ވަނީ ތެދުވެފަ އެވެ.

ވެމްކޯއިން ވަނީ އެ ބޭބެއަށް ހިތްވަރުދީ، އެ ފިޑި އަމަލުކުށްވެރިކޮށްފަ އެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު --- ފޮޓޯ/ ރައީސް އޮފީސް

ސުޕްރީމް ކޯޓް ހިންގުމަށް ފުރަތަމަ ފަހަރަށް އަންހެނެއް!

ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހިންގުމަށް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކަށް ވަނީ ހަވާލުކޮށްފަ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ބައްދަލުވުމެއްގައި، އެ ކޮމިޝަނުން ވަނީ ސުޕްރީމްކޯޓުގެ ހިންގުން އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރުއާ ހަވާލުކުރުމަށް ނިންމާފަ އެވެ.

އެކަމާ ގުޅިގެން އެއް ބަޔަކު ތައުރީފް ކުރި އެވެ. އެކަމަކު އަނެއް ބަޔަކު އެކަމަށް ފާޑުވެސް ކިޔެވެ.

ބައެއް ފަރާތްތަކުން ގޮވަމުން ދިޔައީ އަންހެނަކަށް އެފަދަ މަގާމަކަށް ނާދެވޭނެ ކަމަށެވެ. އެއީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް އެއްބައި ފަރާތްތަކުން ގޮވަމުންގޮސްފައިވެ އެވެ.

ނަމަވެސް އަނެއްބައި ފަރާތްތަކުން ވަނީ އަޒްމިރާލްދާއަށް މަރުހަބާ ކިޔާފަ އެވެ. އަދި ރާއްޖޭގެ ތާރީހުގައި އެފަދަ މަގާމަކަށް ފުރަތަމަ ފަހަރަށް އަންހެނަކު ވަޑައިންނެވުމުން އެކަމާ ގިނަ ބަޔަކު ވަނީ އުފާ ފާޅުކޮށްފަ އެވެ.

ނިމިގެން މިދިޔައީ އަންހެނުންގެ ބާރުވެރިކަމުގެ ހަފްތާއެކެވެ.

comment ކޮމެންޓް