ޔޫރޯ 2020 އަކީ "ފޭކް މުބާރާތެއް": ޑިބްރޭނާ

ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ --- ފޮޓޯ// ޑޮމް ފެރަލް

އަންނަ އަހަރު ޔޫރޮޕުގެ 12 ސިޓީއެއްގައި ބާއްވާ ޔޫރޯ އަކީ "ފޭކް މުބާރާތެއް" ކަމަށާއި އެ މުބާރާތަށް ގުރު ނެގުމަށް ބަދަލު ކުރި އުސޫލުތަކަކީ ކުޅިވަރާ ޙިލާފަށް ވިޔަފާރި މަންފާ ހޯދުމަށް ކުރާ ކަމެއް ކަމަށް ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބުނެފި އެވެ.

ނިމިގެން ދިޔަ ޔޫރޯ ކޮލިފައިންގައި އެންމެ ކާމިޔާބު އެއް ޓީމަކީ ބެލްޖިއަމް އެވެ. އެ ޓީމުން ވަނީ ކޮލިފައިންގައި ކުޅުނު 10 މެޗު ވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑަކާ އެކު ޔޫރޯގެ ޖާގައެއް ކަށަވަރު ކޮށްފަ އެވެ. ޔޫރޮޕްގެ އެކި ސިޓީތަކަށް ބަހާލައިގެން އަންނަ އަހަރުގެ ޔޫރޯ ކުޅެން ނިންމާފައިވާ އިރު ގުރު ނެގުމަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެއީ މުބާރާތް ވަކި ގައުމެއްގެ ވަކި ސިޓީއަކަށް ހާއްސަ ކުރެވިފައި ނުވާތީ އެވެ.

ޔޫރޯގެ ގުރުނެގުން މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް ނަމަވެސް ޓީމުތަކުން ހޯދި ޕޮއިންޓްތަކަށް ބަލައި ބެލްޖިއަމްއާ އެކު ލައްވާލާނެ ޓީމުތައް މިހާރު ވަނީ ޔަގީންވެފަ އެވެ. ބެލްޖިއަމާ އެކު ގުރޫޕް ބީގައި ކުޅޭނެ ކަމަށް ޔަގީންވެފައިވާ ޓީމުތަކަކީ ރަޝިޔާ އަދި ޑެންމާކް އެވެ. އެހެން ކަމުން މުބާރާތަށް މިހާރުން ސުރެން ތައްޔާރުވުމަކީ ބެލްޖިއަމްއަށް ފަސޭހަވާނެ ކަމެކެވެ.

ނަމަވެސް މިގަވާއިދުތަކާ މެދު އެންމެ ހިތްހަމަ ނުޖެހުން ފާޅު ކުރި އެކަކީ ބެލްޖިއަމްގެ މިޑްފީލްޑަރު ޑިބްރޭނާ އެވެ.

"ހަގީގަތުގައި މިއީ ވަރަށް ވެސް ބޮޑު ލަދުވެތިކަމެއް. އަހަރެންނަށް މި މުބާރާތް ފާހަގަ ކުރެވެނީ ފޭކް މުބާރާތެއްގެ ގޮތުގައި. ފުޓުބޯޅައިގެ ރޫހު ގެއްލި ވިޔަފާރީގެ މަންފާއެއް ހޯދުމަށް ގަވާއިދުތައް ބަދަލު ކުރުމަކީ ލިބޭނެ ބޮޑު ގެއްލުމެއް." ބެލްޖިއަމުން އެންމެ ފަހުން ޔޫރޯ ކޮލިފައިންގައި ސައިޕްރަސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޑިބްރޭނާ ބުންޏެވެ.

އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޑިބްރޭނާ ވަނީ ބެލްޖިއަމުން ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗުގައި ކުޅެފަ އެވެ. އެ ހަ މެޗުގައި އޭނާ ވަނީ ހަތަރު ގޯލު ޖަހައި ހަ އެސިސްޓް ކޮށްފަ އެވެ.

comment ކޮމެންޓް