ރައީސް ގޯޓާބަޔަގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާއަށް

ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރާ ބައްދަލު ކުރައްވަނީ -- ފޮޓޯ: ޓުވިޓާ

ކޮލޮމްބޯ (ނޮވެމްބަރު 20): ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަށް މިމަހުގެ 29ގައި އެގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ގޯޓާބަޔަގެ ފުރަތަމަ ރަސްމީ ހާރިޖީ ދަތުރުފުޅު ކުރައްވާނީ އިންޑިއާއަށްކަން ރައީސް އިއުލާންކުރެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރާ ބައްދަލުކުރެއްވުމަށް ފަހުގަ އެވެ. އަދި އެ ދަތުރުފުޅުގައި ދެގައުމުގެ ގުޅުން ވަރުގަދަ ކުރުމާއި ސަރަހައްދީ ސަލާމަތާއި ސުލްހައާއި އިގުތިސާދީ ކުރިއެރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިނިސްޓަރު ޖައިޝަންކަރަކީ މިދިޔަ ހޯމަ ދުވަހު ގޯޓާބަޔަ ރައީސްކަމުގެ ހުވާ ކުރެއްވި ފަހުން އޭނާއާ ބައްދަލުކުރެއްވި އެންމެ ފުރަތަމަ ބޭރުގެ ގައުމެއްގެ މިނިސްޓަރެވެ.

މިދިޔަ ހޮނިހިރު ދުވަހު ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބު ގޯޓާބަޔަ ކާމިޔާބު ކުރެއްވީ 52.25 ޕަސެންޓު ވޯޓާ އެކުގައެވެ. އެ އިންތިހާބުގައި 35 ކެންޑިޑޭޓުން ވާދަ ކުރެއްވި އިރު ގޯޓާބަޔައާ އެންމެ ގާތުން ވާދަ ކުރެއްވި ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓު ސަޖިތު ޕްރޭމަދާސައަށް ލިބުނީ 41.99 ޕަސެންޓު ވޯޓެވެ.

ގޯޓާބަޔަގެ ބޭބެފުޅު މަހިންދަގެ ވެރިކަމުގައި ލަންކާއިން ވަނީ އަވަށްޓެރި އިންޑިއާއަށް ވުރެ ގާތް ގުޅުމެއް ޗައިނާއާ އެކު ބާއްވާފަ އެވެ. އަދި އެސަރުކާރުން ހެދި ބައެއް އެއްބަސްވުންތަކުގެ ސަބަބުން ލަންކާ ވަރަށް ބޮޑަށް ދަރިނިވެރިވި އެވެ. އޭގެ އެއް ނަތީޖާއަކަށްވީ ލަންކާގެ ދެކުނުގައި އޮންނަ ހަމްބަންތޮޓަ ޑިސްޓްރިކްޓުގެ ބަނދަރު ޗައިނާގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދޭން ޖެހުމެވެ.

މަހިންދަގެ ވެރިކަމަށް ފަހު ސިރިސޭނާގެ ސަރުކާރުގައި އިންޑިއާއާ އެކު އޮތް ގުޅުން ވަނީ ކުރިއަށް ވުރެ ރަނގަޅުކޮށްފަ އެވެ. އަދި ގޯޓާބަޔަ ވަނީ އޭނާގެ ވެރިކަމެއްގައި އެގައުމުން ހާރިޖީ ގުޅުންތަކުގައި ވަކި ފަރާތަކަށް ނުޖެހޭނެ ކަމަށާއި ދުނިޔޭގެ ބާރުތަކުގެ މެދުގައި ހިނގާ ދެބަސްވުންތަކުގެ ތެރެއަށް އެގައުމު ނުވަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް