ޖޫނިއާ ކޮލެޖުތައް ހިންގުމުގައި އިސްކަންދޭނީ ސަރަހައްދުގެ ސިނާއީ ދާއިރާތަކަށް: މިނިސްޓަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު މަޖިލީހުގައި---- ފޮޓޯ: މަޖިލިސް

ރާއްޖޭގައި ޖޫނިއާ ކޮލެޖުތައް ހަދައި ހިންގުމުގައި އިސްކަންދޭނީ އެ ސަރަހައްދެއްގެ ސިނާއީ ދާއިރާތަކަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު ވިދާޅުވި ރާއްޖޭގައި ޖޫނިއާ ކޮލެޖެއްގެ ބޭނުން މިހާރު ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖޭގައި ސާނަވީ ސްކޫލް ނިންމުމަށްފަހު ދަރިވަރުންނަށް އޮންނަނީ އޭލެވެލްއަށް ދިއުން ނުވަތަ ޕޮލިޓެކްނިކް ފަދަ އިންސްޓްޓިއުޝަންއަކާ ގުޅުން ކަމަށެވެ. އެހެންނަމަވެސް ޖޫނިއާ ކޮލެޖް އުފެއްދުމުން އެ ސްކޫލުތަކުގެ މޮޑެލްއަކަށް ގެންގުޅޭނީ ދެ ސްކޫލްގެ މަސްހުނި މޮޑެލްއެއް ކަމަށެވެ. އަދި އެ ޖޫނިއާ ސްކޫލްގައި ޓެކްނިކަލް މާއްދާތަކާއި އެކަޑެމިކް މާއްދާތައްވެސް ކިޔަވައިދޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮލެޖުގައި ތައުލީމް އާއި ތަމްރީން ހާސިލްކުރާ ދަރިވަރުންނަށް ދެ ޕާތުވޭއަކުން ކުރިއަށްގެންދިއުމުގެ ފުރުސަތު ފަހިވެގެންދާނެ. އެއް ޕާތުވޭއަކީ އެ ޕާތުވޭއަކުން ކުރިއަށްގޮސް އޭލެވެލް ފެންވަރުގެ އިމްތިހާން ހެދުމުގެ ފުރުސަތު. އޭގަވެސް އެކަޑެމިކް މާއްދާތަކުގެ އިތުރުން އަދި ވޮކޭޝަނަލް މާއްދާތައް ހިމެނޭނެ. އަނެއް ޕާތުވޭއަކީ ސެޓްފިކެޓް ލެވެލް ހަތަރެއްގެ ފުރުސަތު ފަހިވެގެންދާނެ. މި ދެޕާތުވޭއިންވެސް ޔުނިވާސިޓީގެ ތައުލީމުގެ ފުރުސަތު ފަހިވެގެންދާނެ" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ޖޫނިއާ ކޮލެޖުތައް ހެދިގެން ދާއިރު އެ ސަރަހައްދަކަށް ހާއްސަ ސިނާއީ ސަރަހައްދަކަށް ވާނަމަ އެ ސިނާއަތަށް ހާއްސަ އިސްކަމެއް ދޭގޮތަށް ނިންމާފައިވާ ކަމަށެވެ.

"މިސާލަކަށް ޖޫނިއާ ކޮލެޖު ހަދާ ސަރަހައްދަކީ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއަރާފައިވާ ސަރަހައްދަކަށް ވާނަމަ އަޅުގަނޑުމެން ޖޫނިއާ ކޮލެޖުގައި ހޮސްޕިޓަލިޓީ ދާއިރާއަށް ހާއްސެވެފައިވާ ކޯސްތައް ވަރަށް ބައިވަރު ހިމެނިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް