ސިނގިރޭޓާއި ފިޒީ ބުއިންތަކާ ދުރުން ސުނީގެ ކާމިޔާބީ!

ސުނީތާ އަލީ --- ފޮޓޯ : ސުނީތާ އަލީ

ސުނީތާ އަލީ ދިވެހިންގެ ތެރޭގައި މަޝްހޫރުވީ ވަރުގަދަ ނެށުންތެރިއެއްގެ ގޮތުގަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ސުނީތާގެ ޝޯތައް ބެލުމަށް އެތައް ބަޔަކު ކެތްމަދުވެފައިވާއިރު އޭނާއަށް އޮތް ޑިމާންޑު އެހާ ބޮޑެވެ. ވަރުބަލިކަމެއް ނެތި ޝޯއަކަށް ފަހު ޝޯއެއް ދެމުން ދާއިރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުން މުހިއްމު ކަން އޭނާ ބުނެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރެ ވަރުބަލިވުމެއް ނެތި ކުރިއަށް ދިޔުމުގައި ސުނީގެ ވަރުގަދަ ފޯމިއުލާއެެއް އެބައޮތެވެ. މިއޮތީ އޭނާގެ އެ ސިއްރު ފޯމިއުލާ އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސުނީގެ ސިއްރަކީ ސިނގިރޭޓާއި އެކި ކަހަލަ ފިޒީ ޑްރިންކްތަކާ ދުރުވުމެވެ.

އޭނާ "ސަން" އަށް ބުނީ އޭނާއަކީ ސިނގިރޭޓު ބުއިމާއި ފިޒީ ޑްރިންކްސް އެއްވެސް ވަރަކަށް ބޭނުންކުރާ ފަރާތެއް ނޫން ކަމަށެވެ.

"ބައެއް މީހުން ހީކުރޭ ކަންނޭނގެ އެހާ ގިނަ އިރު ނުހުއްޓާ ނަށައި ހަދާތީ އެނާޖީ ޑްރިންކްސް ކަހަލަ އެއްޗެހި ބޭނުންކުރާ ކަމަށް،" ސުނީ ކިޔައިދިނެވެ.

ސުނީ ޝޯއެއްގެ ތެރޭގައި ކުޑަކުދީންނާއެކު ނަށަނީ --- ފޮޓޯ : ސުނީތާ އަލީ

ނަމަވެސް އެފަދަ އެއްވެސް އެއްޗެއް ބޭނުން ނުކުރާ ކަމަށް ސުނީ ބުންޏެވެ. އެގޮތުން ޖަންކް ފުޑް އަދި ކޮފީއަކީވެސް ސުނީއާ ބީރަށްޓެހި އެއްޗެއް ކަމަށް އޭނާ ބުނެ އެވެ.

އޭނާ ބުނީ، ބައެއް ފަހަރު ޝޯތައް ދޭއިރު ދިގުވެގެން ގޮސް ތިންވަރަކަށް ގަޑިއިރަށް ދެމިގެންދާއިރު، ބުންވަރު ހުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ސިނގިރޭޓު ފަދަ ތަކެތި ބޭނުންކުރާނަމަ ވަރުބަލިވުން އެކަށީގެންވާ ކަމަށް ސުނީތާ ވަނީ އިޝާރާތްކޮށްފަ އެވެ.

ކުރާ ކޮންމެ މަސައްކަތެއްގައިވެސް ރަނގަޅު ޑިސިޕްލިން ގެންގުޅޭ ކަމުގައިވާނަމަ އެ ކަމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ކަމަށް ސުނީތާ ފާހަގަކުރިއެވެ.

މީހުން ބަލައިގަންނާނީ ކުރާ މަސައްކަތުގައި ކޮލިޓީ ހުރެ އެއްވަރެއްގައި ހިފެހެއްޓިގެން ކަމަށް ސުނީތާ ބުންޏެވެ.

ސުނީ އަށް އޮތް ޑިމާންޑު ބޮޑުވުމަކީ ސުނީގެ ބުރަ މަސައްކަތް ބަލައިގަނެފައިވާ ކަމުގެ ހެއްކަކަށް ވާނެއެވެ.

އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ސުނީގެ ޑިމާންޑު ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. ޗުއްޓީއިން ފެށިގެން އަންނަ އަހަރާ ހަމައަށް ހުއްޓުމެއް ނެތި ގިނަ ޝޯތަކެއް ދިނުމަށް އެތައް ބަޔަކު ވަނީ ސުނީ ގާތު އެދިފަ އެވެ.

"އަޅުގަނޑުގެ މަސައްކަތް އޮންނާނީ ކުރީން ބުނާ ބަޔަކަށް. ގިނައިން ފައިސާ ދޭން ބުނި ނަމަވެސް ކުރީން ބުނާ ބަޔަކަށް ޝޯ ދެނީ،" އޭނާ ބުންޏެވެ.

comment ކޮމެންޓް