ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އިންޑިއާގައި މޮބައިލް ޑޭޓާ އަގުބޮޑުކުރަނީ

ފޮޓޯ/ގެޓީ އިމޭޖަސް

މޮބައިލް ޑޭޓާގެ ހިދުމަތް އެންމެ އަގުހެޔޮކޮށް ފޯރުކޮށްދޭ އިންޑިއާގެ މުވާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ދެ ކުންފުނި ބާރްތީ އެއާޓެލްއާއި ވޮޑަފޯން އައިޑިއާއިން އެ ޚިދުމަތުގެ އަގުބޮޑުކުރަން ނިންމައިފިއެވެ.

ވޮޑަފޯން އައިޑިއާ އަދި ބާރްތީ އެއާޓެލްއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެ ކުންފުނިން އިންޑިއާގައި ދެމުންގެންދާ މޮބައިލް ޑޭޓާގެ ޚިދުމަތުގެ އަގު ޑިސެމްބަރު މަހުން ފެށިގެން ބޮޑުކުރަން ވަނީ ނިންމާފައެވެ.

އެ ނިންމުން ނިންމި ސަބަބެއްކަމަށް ދެ ކުންފުނިން ވެސް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގެ ޑިޖިޓަލް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ނަމަވެސް އެ ނިންމުމާއެކު އަގުތަކަށް އަންނާނެ ބަދަލާ ގުޅޭ އެއްވެސް ތަފްސީލެއް ދެ ކުންފުނިން ވެސް ދީފައެއް ނުވެއެވެ.

މޮބައިލް ޑޭޓާގެ ޚިދުމަތް އަގުބޮޑުކުރަން ވޮޑަފޯނާއި އެއާޓެލްއިން ނިންމިއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ދެ ކުންފުންޏަށް ޖުމްލަ 10 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ލިބިފައެވެ.

އޭގެ ތެރެއިން ވޮޑެފޯން ކުންފުންޏަށް ލިބުނު ގެއްލުން ހަތް ބިލިއަން ޑޮލަރަށް އަރައެވެ.

ނަމަވެސް އިންޑިއާގައި އެ ޚިދުމަތްދޭ އެހެން އެއްވެސް ކުންފުންޏަކުން އަގުތަކަށް ބަދަލު ގެންނާނެކަމަށް އަދި މިހާތަނަށް ބުނެފައި ނުވުމާއެކު، ވޮޑަފޯނާއި އެއާޓެލްއިން އަގުތަކަށް މާ ބޮޑު ބަދަލެއް ނުގެންނާނެކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ.

ދުނިޔޭގެ ވެސް މޮބައިލް ޑޭޓާގެ ޚިދުމަތް އެންމެ އަގުހެޔޮކޮށް ލިބޭ އިންޑިއާގައި މޮބައިލް ޚިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު ބިލިއަނަކަށް ވުރެ ގިނައެވެ.

comment ކޮމެންޓް