20 ބައިވެރިންނާ އެކު ކްރިކެޓް އަމްޕަޔަރުން ތަމްރީން ކުރުމުގެ ކޯސް ފަށައިފި

މިއަދު ފެށި ކްރިކެޓް އަމްޕަޔަރުން ތަމްރީން ކުރުމުގެ ކޯސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// ބީސީސީއައި

މި އަހަރުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގެ ދަށުން، އިންޑިއާއިން ރާއްޖޭގެ ކްރިކެޓު ކުރިއެރުވުމަށް ޓަކައި އެހީތެރިވުމުގެ މަސައްކަތުގެ ތެރެއިން ކްރިކެޓް އަމްޕަޔަރުން ތަމްރީން ކުރުމުގެ ކޯސް ފަށައިފި އެވެ.

ރާއްޖެއަށް ކުރިކެޓުގެ ރޮނގުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވަނީ ބޯޑް އޮފް ކޮންޓްރޯލް ފޯރ ކުރިކެޓް އިން އިންޑިއާ (ބީސީސީއައި)ގެ ފަރާތުންނެވެ. އެގޮތުން ކްރިކެޓް ކޯޗުންނާއި އަންޕަޔަރުން ތަމްރީން ކުރުމުގެ ކޯސްތަކެއް ހިންގުމުގެ މަސައްކަތް ކުރުމަށް ބީސީސީއައިގެ ހާއްސަ ޓީމެއް ވަނީ ރާއްޖެ އައިސްފަ އެވެ. އެ ޓީމުން މިހާރު ވަނީ 25 ބައިވެރިންނާ އެކު ކްރިކެޓް ކޯޗިންގް ލެވެލް ދޭއްގެ ކޯސް ބާއްވައިފަ އެވެ.

ކޯޗުންނާއި އަމްޕަޔަރުން ތަމްރީން ކުރުމަށް ރާއްޖެ އައި ޓީމުގައި ކުރީގެ އިންޑިއާގެ ގައުމީ ޓީމަށް ވަން ޑޭ އިންޓަނޭޝަނަލް ކުރިކެޓާއެއްގެ ގޮތުގައި ކުޅުނު ސުޖިތު ސޯމަސަންދުރަ ވަނީ ރާއްޖޭގައި ކޯޗުންނާއި އަމްޕަޔަރުން ތަމްރީނުކުރުމަށް ރާއްޖެ އައިސްފަ އެވެ. އޭނާއާއެކު ބޯލިންގް، ބެޓިންގް، ވިކެޓް ކީޕިންގް، ފީލްޑިންގް، ބަޔޯމެކޭނިކްސް (ވީޑިއޯ ޕާފޯމެންސް އެނަލިސްޓް)، ފިސިއޯތެރަޕިސްޓް އެންޑް ސްޓްރެންގްތެނިންގްގެ އިތުރުން ކޮންޑިޝަނިންގަށް ހާއްސަ ކޯޗުންވެސް ވަނީ އައިސްފަ އެވެ.

ކްރިކެޓް ކޯޗިންގް ކޯސް ނިންމާލުމަށް ފަހު މިއަދު އެ ޓީމުން ވަނީ 20 ބައިވެރިންނާ އެކު އަމްޕަޔަރުން ތަމްރީން ކުރުމުގެ ކޯސް ފަށައިފަ އެވެ. ހަފްތާއެއްގެ މި ކޯސް މިއަދު ފަށާފައިވާ އިރު ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ޓީމު އިންޑިއާގެ ޗެންނާއީގައި އިންޓެންސް ޓްރެއިނިންގް ކޭމްޕް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ކުރިކެޓު ކުރިއެރުވުމަށް ސްޓްރެޓެޖިކް ޕްލޭނެއް ހެދުމަށްޓަކައި ބޭނުންވާ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކުރުމަށް މި އަހަރުގެ ތެރޭ ކްރިކެޓް ބޯޑުގެ ސީނިއާ އޮފިޝަލް އަދި ކުރީގެ ކުޅުންތެރިޔާ ސަބާ ކަރީމް އާއި އިންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ފީލްޑިން ކޯޗު އަބޭ ޝަރްމާ ރާއްޖެ އަ އެވެ. އެ ދަތުރުގައި ރާއްޖޭއަށް ކްރިކެޓުން ކުރިއަށް ދާން ބޭނުންވާނެ ކަންކަން ދިރާސާކުރި އިރު، ސަރުކާރުގެ އިސްވެރިންނާވެސް ބައްދަލުކުރި އެވެ.

comment ކޮމެންޓް