ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލިސް: އިންކަމް ޓެކްސް ނެގުމުގެ ބިލް ބަލައިގަތުމަށް މަޖިލީހުން ވަނީ ފާސްކޮށްފައި -- ފައިލް ފޮޓޯ/ މަޖިލިސް

ފަރުދުންގެ އާމްދަނީ އިން އިންކަމް ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވަން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި އެ ބިލް ބަލައި ގަތުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 69 މެންބަރުންގެ އިއްތިފާގުންނެވެ.

އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު މަޖިލީހުން ބަލައިގަނެފައިވާ އިރު، އެ ބިލްގައި ވަނީ އަންނަ އަހަރުން ފެށިގެން އާމްދަނީ އިން ޓެކްސް ނެގުމަށް ބުނެފަ އެވެ.

ބިލްގައިވާ ގޮތުން ސަރުކާރުން ހުށަހަޅަނީ 40،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނެގުމަށެވެ. ސަރުކާރުން ހުށަހަޅަނީ ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށެވެ. ޕްރޮގްރެސިވް ޓެކްސް ނިޒާމަކީ އާމްދަނީގެ ނިސްބަތަށް ބަލައި ޓެކްސް ނަގާ މިންވަރު ކަނޑައަޅާ ނިޒާމެކެވެ.

އިންކަމް ޓެކުހުގެ ގޮތުގައި އަހަރެއްގެ މައްޗަށް 600 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ލަފާކުރެ އެވެ. މި ޓެކްސް ދައްކާނީ 6000 ވަރަކަށް މީހުން ކަމަށް ވެސް އެ މިނިސްޓްރީ އިން ލަފާކުރެ އެވެ.

މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ފިނޭންސް މިނިސްޓްރީ އިން ބުނީ އިންކަމް ޓެކްސް ނަގާނީ ތިން ބްރެކެޓަކުން ކަމަށެވެ.

އެގޮތުން އާމްދަނީ 60،000-40،000 ލިބޭ ފަރާތްތަކުގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ އަށް ޕަސެންޓް ކަމަށާއި
އާމްދަނީ 100،000-60،000 ލިބޭ ފަރާތްތަކުގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ 10 ޕަސެންޓް ކަމަށާއި އަދި
100،000 އަށް ވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ 15 ޕަސެންޓް ކަމަށް ފިނޭންސް އިން ބުންޏެވެ.

އާމްދަނީ އިން ޓެކްސް ނަގަން ފަށަނީ އާމްދަނީގެ ފަރަގު ކުޑަކޮށް، ނަހަމަ މުއްސަނދިކަން ހުއްޓުވައި ޓެކުހުގެ ނިޒާމު އިތުރަށް ފުރިހަމަ ކުރުމުގެ މަގުސަދުގަ އެވެ. މި ޓެކްސް ނަގަން ފަށާއިިރު ރާއްޖޭގެ ވަޒަންވެރިންނަށާއި ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ އަތުން ވެސް ޓެކްސް ނަގާނެ އެވެ.

އިންކަމް ޓެކްސް ބިލް އާއި އެޖެންޑާ 19ގައި އެމްޑީޕީ އިން ރައްޔިތުންނަށް ވެފައިވާ ވައުދާ ފުށޫ އަރާތީ އެ ބިލަށް ބަހުސް ކުރި ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"އަޅުގަނޑުމެން އެޖެންޑާ 19ގައި ރައްޔިތުންނަށްވީ ވައުދަކީ އަދަދެއް ނޫން މިއަދަދަކީ. އަޅުގަނޑުމެން ވައުދުވީ 60،000 އިން މަތިން ލިބޭފަރާތްތަކުގެ އަތުން 3.5 ޕަސެންޓު ނަގާނެ ކަމަށް،" އެ ބިލަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ވިދާޅުވި އެވެ.

ކޮމެޓީ މަރުހަލާގައި މި ތްރެޝްހޯލްޑް 40،000 އިން 60،000 އަށް ބަދަލު ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް