ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އެމެރިކާ ތާއީދުކޮށްފި

އިސްރާއީލު ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމަށް އިސްރާއީލުން ބިނާކޮށްފައިވާ ހައުސިންގް ޔުނިޓްތައް

ވޮޝިންޓަން (ނޮވެމްބަރު 19) : 1976 ވަނަ އަހަރު ހިނގި އަރަބި އިސްރާއީލުގެ ހަނގުރާމައިގާ އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ހިންގާ ޣައިރު ގާނޫނީ އަމަލުތަކަކީ އެފަދަ އަމަލުތަކެއްކަމަށް މިހާރު ނުދެކޭކަމަށް ފުރަތަމަ ފަހަރަށް އެމެރިކާ ބުނެފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައިވަނީ ހުޅަނގު އައްސޭރީގެ ބިންތަކުގައި އިސްރާއީލުން ޔަހޫދީން ވަޒަންވެރި ކުރުވުމަކީ އެމެރިކާގެ ކުރީގެ ސަރުކާރުތަކުން ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމުގައި ބެލިނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މިހާރު އެކަން އެގޮތަށް ނުދެކޭކަމުގައެވެ.

ހުޅަނގު އައްސޭރީގެ ބިމަކީ ހަނގުރާމައެއްގައި ހިފާފައިވާ ބިންތަކަކަށްވާއިރު ހަނގުރާމައިގާ ހިފާ ބިންތަކުގައި ބޭރުބަޔަކު ވަޒަންވެރިކޮށް އެ ބިމުގެ އާބާދީއަށް އަސަރުކުރާފަދަ ކަންކަން ކުރުމަކީ އދ. ގެ ގަރާރުތަކުގައާއި ބައިނަލްއަގްވަމީ ގާނޫނުތަކުގައި މުޅިން މަނާކޮށްފައިވާ އިސްތިއްމާރީ ޖަރީމާއެކެވެ.

އދ. ގެ ސަލާމަތީ މަޖިލިހުންވަނީ ހުޅަނގު އައްސޭރީގެ ބިމަކީ އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިމެއްކަމަށް ކަނޑައަޅައި އެބިމުން ފޭބުމަށް އިސްރާއީލަށް ގޮވާލާ އެތަށް ގަރާރެއް ފާސްކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ގަރާރަކަށް އިސްރާއީލުން އަމަލުކޮށްފައެއް ނުވެއެވެ. އަދި އަމަލުކުރުމަށް އިސްރާއީލު ގެންދަނީ ކަނޑައެޅީގެން ދެކޮޅުވެސް ހަދަމުންނެވެ.

އިސްރާއީލުން ދުނިޔޭގެ އެކި ގައުމުތަކުން ޔަހޫދީން ގެނަސްގެން ހުޅަނގު އައްސޭރީގައި އެމީހުން ވަޒަންވެރި ކުރުވުމުގެ ބޭނުމަކީ އެބިންތަކުން ނުފާބައި އެ ތަނުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރްސަތު ނުދިނުންކަމަށް ފަލަސްތީނުން ބުނެއެވެ.

1978 ވަނަ އަހަރު އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުން އާބާދީތައް ބިނާކުރުމަކީ ބައިނަލް އަގުވާމީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅާފައެވެ. ނަމަވެސް އެމެރިކާގެ ޚާރިޖީ ވުޒާރާއިން މިދިޔަ ހޯމަ ދުވަހުވަނީ އެމެރިކާގެ އެނިންމުން ބާތިލްކޮށް ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ނޫންކަމަށް އަލުން ނިންމާފައެވެ.

މިއީ އިސްރާއީލުގެ އިސްތިއްމާރަށް ވާގިވެރިވާ އެމެރިކާއިން ނިންމި ނުރައްކާތެރި ނިންމުމެއްކަމަށް ފަލަސްތީނުންވަނީ ސިފަކޮށްފައެވެ. އަދި މިއީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކަށް ތާއީދުކޮށް އެކަމަށް ހިއްވަރު ދިނުމުގައި އެމެރިކާ ހައްދު ފަހަނަޅައި ދިޔުންކަމަށް ފަލަސްތީނުގެ ބައެއް މަސްއޫލުވެރިންވަނީ ސިފަކުރައްވާފައެވެ.

ހުޅަނގު އައްސޭރީގައި އިސްރާއީލު ހިންގާ އިސްތިއްމާރީ ހަރަކާތްތަކާމެދު އެމެރިކާ ނިންމި މި ނިންމުމަކީ ފަލަސްތީނުގެ މައްސަލައިގައި އެމެރިކާ މިހާތަނަށް ގެންގުޅެމުން އައި ސިޔާސަތު ބަދަލުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. މީގެ ކުރިން ޓްރަމްޕްގެ ސަރުކާރުންވަނީ އެމެރިކާގައި ހުންނަ ފަލަސްޠީނުގެ އޮފީސް ބަންދުކުރުމާއި، ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އިދާރާއަށް އެމެރިކާއިން ދޭ އިންސާނީއެހީ ކަނޑާލުންފަދަ ހަރުކަށި ފިޔަވަޅުތައް ފަލަސްތީނާ ދެކޮޅަށް އަޅާފައެވެ.

އަދި ޓްރަމްޕްގެ ސަރުކާރުންވަނީ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ޤުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމުގައިވެސް ބަލައިގަނެ އިސްރާއީލުގެ ޓެލްއަވީވްގައި ހުރި އެމެރިކާގެ އެންބަސީވެސް އިސްރާއީލު ވެރިވެގެންފައިވާ ގުދްސަށް ބަދަލުކޮށްފައެވެ. މީގެއިތުރުން 1967 ގެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގެންފައިވާ ސޫރިޔާގެ ގޯލާންގެ ބިންތަކަކީވެސް އިސްރާއީލުގެ ބައެއް ކަމުގައި ޓްރަމްޕްގެ ސަރުކާރުން މިއަހަރުވަނީ ގަބޫލުކޮށްފައެވެ.

މި މައްސަލަތަކާ ގުޅިގެން ޔޫރަޕުންވެސްވަނީ އެމެރިކާއިން ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް މިފަދަ ނިންމުންތައް ނިންމަމުންދާކަން ފާހަގަކޮށް އެއީ އެއްވެސް ގައުމަކަށް އެކަހެރި ގޮތެއްގައި ކުރެވޭނެ ކަމެއްނޫންކަމަށް ބުނެފައެވެ. އިސްރާއީލުން މިހާތަނަށްވަނީ ދުނިޔޭގެ ގައުމުތަކުން މިލިޔަނަކަށްވުރެ ގިނަ ޔަހޫދީން ގެނަސް ހުޅަނގު އައްސޭރީގައި ވަޒަންވެރި ކުރުވާފައެވެ. ޔަހޫދީ މިވަޒަންވެރިން ގެންދަނީ ހުޅަނގު އައްސޭރީގެ އަސްލު ވަޒަންވެރިންކަަމަށްވާ ފަލަސްތީނު ރައްޔިތުންނަށް ހަމަލާދީ ފަލަސްތީނު މީހުންނަށް ޖެއްސުންކޮށް ގޯނާ ކުރުމުގެ އަމަލުތައް ހިންގަމުންނެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް