އަމާޒަކީ މެޗުން މޮޅުވެ އޭޝިއަން ކަޕުގެ އުންމީދު ދެމެހެއްޓުން: ސެގާޓް

ގުއާމް މެޗުގެ ކުރިން ބޭއްވި ޕްރި މެޗު ޕްރެސްގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ވޯލްޑްކަޕް ކޮލިފިކޭޝަންގައި މާދަން ގުއާމާ ދެކޮޅަށް ނުކުންނަ މެޗު ރަށުން ބޭރުގައި ކުޅޭ މެޗާ ތަފާތުވާނެ ކަމަށާއި އަމާޒަކީ މެޗުން މޮޅުވެ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އުންމީދު ދެމެހެއްޓުންކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ.

މިފަހަރުގެ ކޮލިފިކޭޝަނުގައި ރާއްޖެ މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ހަމަ އެކަނި މޮޅެއް ލިބުނީ ގުއާމް އަތުންނެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުން ރާއްޖެ ކުރި ހޯދީ 0-1ގެ ނަތީޖާ އަކުންނެވެ. އެއަށްފަހު ކުޅުނު ތިން މެޗުން ވެސް ބަލިވެ ކޮލިފައިވުމުގެ ފުރުސަތު ރާއްޖެއަށް އޮތީ ހަނިވެފައެވެ. އެހެން ނަމަވެސް މާދަމާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ކުޅުންތެރިންނަށް ހިތްވަރު ލިބި ކުރިއަށް ހުރި މެޗުތައް އުންމީދާއެކު ކުޅެވޭނެކަމަށް ގައުމީ ޓީމުގެ ކޯޗު ވަނީ ބުނެފައެވެ.

ގުއާމް މެޗުގެ ކުރިން ބޭއްވި ޕްރި މެޗު ޕްރެސްގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ގުއާމާ ދެކޮޅަށް ކުޅޭ ޕްރީމެޗު ޕްރެސްގައި މިއަދު ވާހަކަދައްކަމުން ސެގާޓް ބުނީ ރަށުން ބޭރުގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެއަށް މޮޅު ލިބުނަސް މާދަމާގެ މެޗު ތަފާތުވާނެ ކަމަށެވެ. އެހެން ކަމުން އެ މެޗަށް ޓީމު ފުރިހަމައަށް ތައްޔާރުވަމުންދާ ކަމަށާއި ކުރީ މެޗުން މޮޅުވިއްޔޭ ކިޔާ މާދަމާ މެޗު ފަސޭހަ ނުކުރާނެކަމަށް ކޯޗު ބުންޏެވެ.

"ގުއާމް ޓީމުގައި ގިނައިން ތިބީ ޔޫއެސްއޭގެ ކުޅުންތެރިން. މެޗު ފަސޭހައެއް ނުވާނެ. އަމާޒަކީ މެޗުން މޮޅުވެގެން އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުރަމުން އައި އުންމީދު ދެމެހެއްޓުން،" ސެގާޓް ބުންޏެވެ.

ސެގާޓް އިތުރަށް ބުނީ ގުއާމް މެޗަށް ރާއްޖެއިން ނިކުންނާނީ ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައި ކަމަށާއި، ގުއާމަށް މި މެޗަށް ނިކުންނައިރު އެއްވެސް މެޗަކުން އެ ޓީމު މިހާތަނަށް މޮޅުވެފައި ނުވާތީ އެ ޓީމުގެ އަމާޒަކަށް ވާނީ ރާއްޖޭގެ ދަނޑުގައި ރާއްޖެ ބަލިކުރުން ކަމަށެވެ. އަދި އެ އުންމީދުގައި އެ ޓީމު ކުޅޭ ކަމަށްވާ ނަމަ އެކަމަށް އެ ޓީމުން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ. އެހެންކަމުން ރާއްޖެއިން މި މެޗަށް ނިކުންނާނީ އެކަން ދަނެގެން ކަމަށް ވެސް ސެގާޓް ބުންޏެވެ.

މީގެ އިތުރުން ގުއާމް މެޗުގައި ބަދަލުތަކެއް ފެނުން އެކަށީގެންވާ ކަމަށާއި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެނީ ޒުވާން ކަމަށް އެކަނި ބަލައިގެން ނޫން ކަމަށް ސެގާޓް ބުންޏެވެ. އޭނާ ބުނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނީ އެކުދިންގެ ކިބައިގައި އެ ފެންވަރާއި ހުނަރު ހުރިކަން ސާބިތުކޮށްދެމުން އަންނާތީ ކަމަށެވެ.

އަދި އެއާއެކު މެޗުތަކުން ބަލިވުމުގެ ސަބަބުން އަންނަ ފާޑުކިޔުން ބަލައިގަންނަ ކަމަށާއި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާއިރު އެކަންކަމަކީ އާންމުކަމެއް ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް