ތިންވަނަ ކުއާޓަރުގައި އުރީދޫ އަށް 488 މިލިއަން ރުފިޔާގެ އާމްދަނީ އެއް

އުރީދޫގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް 488 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިއްޖެ އެވެ.

އެކުންފުނިން އާންމުކޮށްފައިވާ 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީީ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ތިންވަނަ ކުއާޓާގައި ޓެކުހަށް ކެނޑުމުގެ ކުރިން 157 މިލިއަން ރުފިޔާގެ ފައިދާއެއް އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ.

ޓެކުހަށް ކެނޑުމަށްފަހު ހުސްވި ކުއަޓަރުގައި އުރީދޫ އަށް ލިބިފައިވަނީ 131 މިލިއަން ރުފިޔާގެ ފައިދާއެކެވެ.

އުރީދޫ އިން ބުނީ ޓޫރިޒަމްގެ އޮފް ސީޒަނާއެކު ރޯމިން ގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު މަދުވި ނަމަވެސް، ބްރޯޑް ބޭންޑު، ޕޯސްޓްޕެއިޑް އަދި އެންޓަޕްރައިޒް ހިދުމަތުން ލިބުނު އާމްދަނީ އިތުރުވުމާއެކު ކުންފުނީގެ ޖުމްލަ އާމްދަނީ އެ މުއްދަތުގައިއިތުރު ވެފައިވާ ކަމަށެވެ.

އަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫ އިން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު 10 ވަނަ ސީއެމްއޯ އެވޯޑްސްގައި އުރީދޫގެ މާކެޓިން ކެމްޕެއިން "އެވީ" އަށް ވަނީ ބެސްޓް ޑިޖިޓަލް މާކެޓިން ކެމްޕެއިން އެވޯޑު ލިބިފަ އެވެ.

މި ކުއާޓަރުގައި އެކުންފުނީގެ ކާމިޔާބީތަކަށް ބަލާއިރު އުރީދޫގެ އީކޮމާސް ޕްލެޓު ފޯމު "މޫލީ" ވަނީ އިފްތިތާހުކޮށްފަ އެވެ. މީގެ އިތުރުން އުކުޅަހުގައި ބޭއްވި ޓެކް ފެއާގައި އާޓިފިޝަލް އިންޓެލިޖެންސް ޕަވަޑް ޑިޖިޓަލް ސޮލިއުޝަންތަކެއް ވަނީ ދައްކާލައިފަ އެވެ. މީގެ ތެރޭގައި އުރީދޫ އިން ތަރާއަފުކުރަން ނިންމާފައިވާ ޑިޖިޓަލް އެސިސްޓެންޓް "އެވީ" އާއި އޮންލައިން ޝޮޕިން ޕްލެޓްފޯމު މޫލީ ގެ އިތުރުން "ކުނބު" އެޕްލިކޭޝަން ހިމެނެ އެވެ.

އުރީދޫގައި އާންމު ރައްޔިތުންގެ ހިއްސާއަކީ، 9.5 ޕަސެންޓެވެލ. ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާ އެވެ.

comment ކޮމެންޓް