އަމިއްލަ ސަބަބަކާ ހުރެ ވެންޑައިކަށް ނެދަލެންޑްސްގެ ސްކޮޑުން ރިލީޒް ދީފި

ނެދަލެންޑްސްގެ ކެޕްޓަން ވާގިލް ވެންޑައިކް --- ފޮޓޯ// ޑޮމް ފެރަލް

އަމިއްލަ ސަބަބަކާ ހުރެ ނެދަލެންޑްސްގެ ކެޕްޓަން ވާގިލް ވެންޑައިކްއަށް ސްކޮޑުން ރިލީޒް ދީފައިވާ ކަމަށް އެ ގައުމުގެ ފުޓުބޯޅަ އިދާރާ ރޯޔަލް ޑަޗް ފުޓުބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.

ވޭތުވެ ދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ވާދަކުރަމުން އަންނަ ލިވަޕޫލްގެ ފުލް-ބެކް ވެންޑައިކަށް މިރޭ އޮންނަ ޔޫރޯ ކޮލިފައިންގައި ނެދަލެންޑުން އެސްޓޯނިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވަނީ ރިލީޒް ދީފަ އެވެ. ވެންޑައިކް ވަނީ އެންމެ ފަހުން ނޯދަން އަޔަލޭންޑާ ދެކޮޅަށް ނެދަލެންޑްސް ނުކުން މެޗުގެ 90 މިނެޓު ކުޅެ އިދިކޮޅު ޓީމަށް ގޯލެއް ޖެހުނަ ނުދީ ހިފަހައްޓައިފަ އެވެ.

ނެދަލެންޑްސް މިހާރުވެސް އޮތީ ޔޫރޯގެ ޖާގައެއް ޔަގީންކޮށްފަ އެވެ. އެހެން ނަމަވެސް މިރޭގެ މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނައިގައި ކޮލިފައިން ނިންމާލުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. މިވަގުތު އެއްވަނާގައި ޖަރުމަނު ދެ ޕޮއިންޓްގެ ލީޑަކާ އެކު އޮތް އިރު އެ ޓީމު މިރޭ ނުކުންނާނީ ނޯދަން އަޔަލެންޑާ ދެކޮޅަށެވެ.

"ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަންއަށް މިރޭ ކުޅޭ މެޗުގައި ޓީމުގެ ކެޕްޓަން ވެންޑައިކަށް ބަރޯސާ ނުވެވޭނެ. ކެޕްޓަނަށް ވަނީ އަމިއްލަ ސަބަބަކާ ހުރެ ޓީމުގެ ކޭމްޕް ދޫކޮށް ދާން ޖެހިފައި،" ނެދަލެންޑުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ވެންޑައިކްގެ ކެޕްޓަން ކަމުގައި ނެދަލެންޑުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެ ޓީމުން ވަނީ މި އަހަރު އޮތް ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ވެސް ކުޅެފަ އެވެ. އެ ޓީމު ފައިނަލުގައި ޕޯޗުގަލްއާއި ވާދަކޮށް ބަލިވީ 0-1ގެ ނަތީޖާ އަކުންނެވެ.

އެންމެ ފަހުން ހޮވި ޔޫއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ވެންޑައިކް ދެން އެންމެ އަވަހަށް ކުޅޭނެ މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

comment ކޮމެންޓް