"ޖޯކާ" އެއް ބިލިއަނަށް އަރައި އާ ރެކޯޑުތަކެއް!

ޖޯކަރުގައި ވާކީން ފީނިކްސްގެ އެކްޓިންއަށް އެތައް ބައެއްގެ ތަރުހީބު ދަނީ ލިބެމުން --- ފޮޓޯ : ވޯނަރ ބްރޯސް

ޑީސީ ކޮމިކްސްއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސައިކޮލޮޖިކަލް ތްރިލާ "ޖޯކަރ"ގެ އާމްދަނީ އެއް ބިލިއަން ޑޮލަރަށް އަރައި ތަފާތު ރެކޯޑުތަކެއް މުގުރާލައިފި އެވެ.

ވޯނަރ ބްރޮސް އިން މިދިޔަ މަހު ދައްކަން ފެށި ޖޯކަރުގެ އާ ފިލްމު ވެގެން ގޮސްފައިވަނީ މިއަހަރުގެ އެންމެ ބޮޑު ހިޓަށެވެ. ގިނަ ބަޔަކު ހީވެސް ނުކުރާ ވަރުގެ ބޮޑު ކާމިޔާބީއެއް ވަނީ އެ ފިލްމަށް ލިބިގެން ގޮސްފައެވެ.

ދާދި ފަހުން އެ ފިލްމު ވަނީ އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް "އާރު ރޭޓެޑް" ފިލްމަކަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

ފޮކްސް އިން ތައްޔާރުކޮށްފައިވާ ޑެޑްޕޫލް ސީރީސްއަކީ އާރު ރޭޓެޑް ފިލްމުތަކުގެ ލިސްޓުގައި މިހާތަނަށް އެންމެ ކުރީގައި އޮތް ފިލްމެވެ. ނަމަވެސް އެ ފިލްމުވެސް އެއް ބިލިއަންގެ ގޯލަށް ވާސިލުވެފައެއް ނުވެއެވެ.

ޖޯކަރު ވެގެން ގޮސްފައިވަނީ އެންމެ ބޮޑު ފައިދާއެއްވެސް ލިބިގެން ގޮސްފައިވާ 'ސުޕަރހީރޯ" ޖާންރާގެ ފިލްމަށެވެ. އެއީ އެހެން ސުޕަހީރޯ ފިލްމުތަކުގެ ބަދަލުގައި ޖޯކަރު އުފައްދާފައިވަނީ އެންމެ 60 މިލިއަން ޑޮލަރުގެ ބަޖެޓެއްގައެވެ.

ވާކީން ފީނިކްސް ލީޑް ރޯލުން ފެނިގެންދާ ޖޯކަރަށް މިއަހަރުގެ އޯގަސްޓު މަހުން ފެށިގެން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެ މަހު ބޭއްވި ވެނިސް ފިލްމު ފެސްޓިވަލްގެ އެންމެ ކުރީގައި ޖޯކަރު އޮތް އިރު، ލީޑު ތަރި ވާކީންގެ ރޯލުން އޭނާއަށް އޮސްކާއެއް ލިބޭނެ ކަމަށް ފެސްޓިވަލްގައި ވާހަކަދެއްކިއެވެ.

comment ކޮމެންޓް