ޝަހީމްގެ އިންޒާރު: ތި އެޅީ ވެރިކަން ނިމުމުގެ ބިންގާ ކަމަށް ވެދާނެ!

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ފޮޓޯ/ އަސުރުމާ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރު ކޮމިޝަނުން ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން، ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓުގެ ހުލާސާއެއް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަނީ އިއްވައިފަ އެވެ. އެ ރިޕޯޓުގައި ޑރ. ޝަހީމް ކޮމިޝަނުގެ ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެފައިވެ އެވެ.

އެގޮތުން "ޑރ. އަފްރާޝީމް ރުޖޫއަވެ މީޑިއާގައި އިއުލާނުކޮށްފި ނަމަ، އެ މެސެޖު ފޮނުވި ބަޔަކު ޑރ. އަފްރާޝީމް ދެކެ ލޯބިވާނެ" ކަމަށް ބުނެ ޑރ. ޝަހީމަށް ލިބިވަޑައިގެންނެވި މެސެޖު ފޮނުވި މީހެއް ހަނދާން ނެތް ކަމަށާއި، 1 އޮކްޓޫބަރު 2012 ވަނަ ދުވަހު ޑރ. އަފްރާޝީމް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ ޑރ. ޝަހީމް އެދިވަޑައިގެން ނޫން ކަމަށާއި އަދި އެ ރޭ ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމަށް އަރާވަޑައިގަންނަން ޑރ. އަފްރާޝީމް ބޭނުންފުޅުވެވަޑައިގެންނެވި ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ޑރ. ޝަހީމް ކޮމިޝަނަށް ދެއްވީ ދޮގު މައުލޫމާތު ކަމަށް ރިޕޯޓުގައިވެ އެވެ.

ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ ކޮމިޝަނުގެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ. ޝަހީމް ވިދާޅުވީ އަނިޔާވެރި އަމަލެއް ކޮށްފައި ނުވާނެ ކަމަށާއި، ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތު ކަމަށެވެ.

އެ ޕޯސްޓަށް ފަހު ދާދި ދެންމެ އަކު ކުރެއްވި ޓުވީޓެއްގައި ޝަހީމް ވަނީ ސަރުކާރަށް އިންޒާރެއް ދެއްވައިފަ އެވެ. ޝަހީމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެއް އަހަރު ފުރުން ފާހަގަކުރަން ނުހައްގުން ކަތިލި ކަންބަޅި ބަކަރި އަކީ އޭނާތޯ ސުވާލު ކުރައްވައިފަ އެވެ.

އަދި ކޮމިޝަނުން ޝަހީމްގެ އަބުރު ކަތިލާފައިވާ ކަމަށާއި އެއީ އެންމެ ބޮޑު އަނިޔާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޝަހީމްގެ އަބުރު ކަތިލައި ސަރުކާރުން އެޅީ، ވެރިކަން ވެއްޓުމުގެ ބިންގާ ކަމުގައި ވެދާނެ ކަމަށެވެ.

"އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެއް އަހަރު ދުވަސް ފާހަގަކުރަން ނުހައްގުން ކަތިލި ކަންބަޅި ބަކަރި އަކީ އަޅުގަނޑު ތޯއެވެ؟ އަޅުގަނޑުގެ އަބުރު ކަތިލައި ތިޔައެޅީ ވެރިކަން ނިމުމުގެ ބިންގަލަށް ވެސް ވެދާނެ އެވެ. ތިޔަ ދިނީ އެންމެ ބޮޑު އަނިޔާ އެވެ." ޝަހީމް ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުރިން އެތައް ފަހަރަކު މިސްކިތްތަކާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ވަނީ ޑރ. އަފްރާޝީމަށް ހަމަލާދޭން މަސައްކަތްކޮށްފަ އެވެ. އަފްރާޝީމް އަވަހާރަކޮށްލީ ޓީވީއެމް އިން ގެނެސްދިން ޕްރޮގްރާމް ނިންމާފައި، އޭނާ ދިރިއުޅުއްވި ހ. ފުންވިލުގެއަށް ވަތްތަނުންނެވެ.

ޑރ. އަފްރާޝިމް އަވަހާރަކޮށްލި ފަހުން ޖެހިގެން އައި ދުވަހުގެ ހެނދުނު ޑރ. ޝަހީމް ރާއްޖެއިން ފުރާވަޑައިގެންފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެދުވަހު ހެނދުނު މާލެއިން ގަތަރަށް ދާން ފުރި ފްލައިޓަކުން ނުވަ ދިވެއްސަކު ދަތުރުކުރި ކަމަށާއި އެމީހުންނަކީ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އާއި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު އިސްވެ ތިބެގެން ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީނުކޮށް، މި ޖަމާއަތުން މާލޭގައި ހިންގާފައިވާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުން ކަމަށް ރިޕޯޓުގައިވެއެވެ. އެމީހުން ދަތުރުކުރީ ސީރިއާ އާއި ސޫދާނަށެވެ.

"އިއްޒަތެރި މެމްބަރުން، ދޭއް އޮކްޓޫބަރުގައި ދެން ފުރާވަޑައިގެންނެވި އަނެއް ބޭފުޅަކީ ޑރ. ޝަހީމް،" ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވި އެވެ.

ތަހުގީގަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގުމުގައި އިސްވެތިބީ މަޒީދު އަދި ސާމިތު އެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޖިހާދީ ފިކުރުގެ އެ ޖަމާއަތުން ޑރ އަފްރާޝީމާ މެދު ހިތްހަމަނުޖެހުންތައް ހުރީ ކީއްވެގެންކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެންމީހާގެ އައުރައަކީ ކޮބައިކަމާމެދު ޑރ. އަފްރާޝީމް ދެކެވަޑައިގެންނެވި ގޮތަކީ އިލްމުވެރިންގެ މެދުގައި ހިތްހަމަނުޖެހުން އޮތް ކަމެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް