ސްރީލަންކާގެ ސިޔާސީ މާޒީއާއި މިހާރަށް އަވަސް ކަޅިއެއް

އިނގިރޭސީންގެ އަޅުވެތިކަމުން 1948 ވަނަ އަހަރު ސްރީލަންކާއަށް މިނިވަންކަން ލިބާއެކު އެގައުމުގައި ގާއިމް ކުރި ޑިމޮކްރެޓިކް ނިޒާމުގެ ދަށުން 1947 ގައި ފުރަތަމަ ބޮޑުވަޒީރަކަށް އިންތިހާބުކުރީ ސްޓެފެން ސެނެނަޔެކަ އެވެ. ސެނެނަޔެކަ ގެ ސަރުކާރުގައި ދިފާއީ ވަޒީރުކަމާއި ހާރިޖީ ވަޒީރުކަން ކުރައްވާފައިވަނީވެސް އޭނާ އެވެ. ސެނެނަޔެކަ ގެ ވެރިކަން 1952 އަށް ދެމިގެންދިއުމަށް ފަހު ޑުލްޑީ ސެނެނަޔެކަ އެއް އަހަރަށް ބޮޑުވަޒީރުކަން ކުރެއްވި އެވެ.

އެއަށްފަހު 1953 ން 1956 އަށް ބޮޑުވަޒީރުކަން ކުރެއްވީ ސާ ޖޯން ކޮތަލަވާލާ އެވެ. ކޮތަލަވާލާ އަށްފަހު 1956 ގައި ބޮޑުވަޒީރުކަމަށް އިންތިހާބުވެ ވަޑައިގެންނެވީ ސޮލޮމޮން ބަންޑާރަ ނަޔެކެ އެވެ. ބުޑިސްޓުންގެ ހަރުކަށި މީހަކު ދިން ބަޑީގެ ހަމަލާއެއްގައި ސޮލޮމޮން ބަންޑާރަނަޔެކެ އަވަހާރަކޮށްލާފައިވަނީ 25 ސެޕްޓެމްބަރު 1959 ގައެވެ. ސޮލޮމޮން ބަންޑާރަނަޔެކެ އަވަހާރަކޮށްލުމާ ގުޅިގެން ސްރީލަންކާގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވީ ވިޖެޔަ ނަންދަ ދަޔަނަޔެކަ އެވެ. ދަޔަނަޔެކެ އަށްފަހު ވަގުތީ ގޮތުން ވެރިކަމާ ހަވަލުވެ ވަޑައިގެންނެވީ ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ޑުލްޑީ ސެނެނަޔެކައެވެ. މިއީ އޭނާއަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި ދެވަނަ ފަހަރެވެ.

ސްރީލަންކާގެ ބޮޑުވަޒީރުކަމަށް 1960 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވީ އަވަހާރަކޮށްލި ކުރީގެ ބޮޑުވަޒީރު ސޮލޮމޮން ބަންޑާރަ ނަޔެކެ ގެ ހުވަފަތް އަނބިކަނބަލުން ސިރީމާވޯ ބަންޑާރަނަޔެކެ އެވެ. ނަމަވެސް 1965 ގައި ބޭއްވި އިންތިހާބުގައި ސިރީމާވޯ ބަލިވެވަޑައިގަތުމާއެކު އިންތިހާބު ކާމިޔާބު ކުރެއްވީ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ޑުލްޑީ ސެނެނަޔެކަ އެވެ. މިއީ ސްރީލަންކާގެ ބޮޑުވަޒީރުކަން އޭނާ ކުރައްވާ ތިންވަނަ ފަހަރެވެ. ނަމަވެސް 1970 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެން ސިރީމާވޯ ދެވަނަ ފަހަރަށް ބޮޑުވަޒީރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި އެވެ.

ދުނިޔޭގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެންނެވި ސިރީމާވޯ 1977 ވަނައަހަރާ ހަމައަށް ވެރިކަމުގައި ހުންނެވި އެވެ. ސްރީލަންކާގެ ސިޔާސީ މަސްރަހުގައި ވަރުގަދަ އަދި ނުފޫޒުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި ދެވަނަ ފަހަރަށް ބޮޑުވަޒީރު ކަމުގައި ސިރީމާވޯ ހަތް އަހަރު ހޭދަކުރެއްވި އެވެ. ސިރީމާވޯ ގެ ސަރުކާރު ވައްޓާލުމަށް ޓަކައި 5 އެޕްރީލް 1971 ވަނަ އަހަރު ސްރީލަންކާގެ ބައެއް ޒުވާނުން އެގައުމުގެ ފުލުހުންނަށާއި ސަރުކާރުގެ ބައެއް މަރުކަޒުތަކަށް ހަމަލާދީ ބަޣާވާތެއް ކުރަން މަސައްކަތް ކުރި ނަމަވެސް ބޭރުގެ އަސްކަރީ އެހީތެރިކަން ހޯއްދަވައިގެން ސިރީމާވޯ އެކަން ހުއްޓުވައި ވެރިކަން ހިމާޔަތްކޮށް ސްރީލަންކާއަށް ހަމަޖެހުން ގެނައުމުގައި ކާމިޔާބު ހޯއްދެވި އެވެ.

ބޮޑުވަޒީރުކަމަށް 1977 ގައި އިންތިހުބުވެ ވަޑައިގެންނެވީ ޔޫލިޔަސް ޖަޔަވަރުދަނާ އެވެ. އެދުވަސްވަރު ސްރީލަންކާގެ ދުސްތޫރަށް އިސްލާހުތަކެއް ގެނަ އެވެ. އެއީ ރައީސަށް ތަންފީޒީ ބާރުތަކެއް ދޭގޮތަށެވެ. އެހެންކަމުން އެއް އަހަރު ބޮޑުވަޒީރު ކަމުގައި ހުންނެވުމަށްފަހު 1978 އިން ފެށިގެން ޖަޔަވަރުދަނާ ހުންނެވީ ސްރީލަންކާގެ ރައީސްކަމުގެ މަގާމުގަ އެވެ. ޖަޔަވަރުދަނާ އަކީ ސްރީލަންކާގެ ދެވަނަ ރައީސެވެ. ކުރިން ބަރުލަމާނީ ނިޒާމަށް ވެރިކަންކުރަމުން އައި ސްރީލަންކާގެ ނިޒާމުގައި ރިޔާސީ ކުލަޖެހުނީ ޖަޔަވަރުދަނާގެ ވެރިކަމުގައި ގާނޫނު އަސާސީއަށް ގެނައި ބަދަލާ ގުޅިގެންނެވެ. ޖަޔަވަރުދަނާގެ ކުރިން ސްރީލަންކާގައި ފުލް ބަރުލަމާނީ ނިޒާމެއް އޮތް ދުވަސްވަރު ރައީސަކަށް ހުންނެވީ ވިލިޔަމް ގޮޕަލަވާލާ އެވެ. ގޮޕަލަވާލާ ރައީސް ސްރީލަންކާގެ ރަމްޒީ ރައީސެއްގެ ގޮތުގައި ހުންނެވީ 1972 ން 1978 އަށެވެ.

ގޮޕަލަވާލާއަށްފަހު ދެވަނައަށް ސްރީލަންކާގެ ރައީސްކަމަށް އިސްވެ ވަޑައިގެންނެވި ޔޫލިޔަސް ޖަޔަވަރުދަނާ 1989 އަކާހަމައަށް ރައީސްކަމުގައި ދެމިހުންނެވި އެވެ. ޖަޔަވަރުދަނާ އަށްފަހު ސްރީލަންކާގެ ރައީސް ކަމުގައި ހުންނެވީ ރަނަސިންހަ ޕްރަމަދާސާ އެވެ. ތަމަޅަ ޓައިގަރުން ދިން ބޮމުގެ ހަމަލާއެއްގައި ޕްރަމަދާސާ އަވަހާރަކޮށްލާފައިވަނީ 1993ގަ އެވެ.

ޕްރެމަދާސާ އަވަހާރަކޮށްލުމަށްފަހު ސްރީލަންކާގެ ރައީސްކަން ކުރެއްވީ ޑިންގިރީ ބަންޑާ ވިޖެތުންގަ އެވެ. އޭނާގެ ވެރިކަމަށް އަހަރެއްވުމަށްފަހު 1994 ން ފެށިގެން 2005 އަކާ ހަމައަށް ރައީސްކަން ކުރެއްވީ ޗަންދްރިކާ ކުމާރަތުންގަ އެވެ. ޗަންދްރިކާ ގެ ވެރިކަމުގައި މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގައި ހުންނެވުމަށްފަހު ސްޕްރީމް ކޯޓުން ނިންމި ނިންމުމަކާއެކު ޗަންދްރިކާ ގެ ވެރިކަން ނިމުމަކަށް އައުމުން ރައީސްކަމާ ހަވާލުވެވަޑައިގަތީ މަހިންދަ ރާޖަޕަކްސަ އެވެ.

ރާޖަޕަކްސަގެ ރައީސްކަން 2005 ން 2015 އަށް ދިގުދެމިގެން ދިޔައެވެ. 2015 ގައ ބޭއްވި އިންތިހާބުގައި ރާޖަޕަކްސަ ބަލިކުރައްވައި ސްރީލަންކާގެ ރައީސްކަމަށް އިންތިހުބުވެވަޑައިގެންނެވީ އެގައުމުގެ މިހާރުގެ ރައީސް މައިތުރިޕަލަ ސިރިސޭނާ އެވެ.

ސްރީލަންކާއަށް މިނިވަންކަން ލިބުމަށްފަހު އެގައުމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ 1976 ވަނައަހަރު އެގައުމުގެ ތަމަޅައިން ފެށި ވަކިވެގަތުމުގެ ހަރަކާތެވެ. ސްރީލަންކާގެ އުތުރާއި އިރުމަތީގައި ތަމަޅައިންނަށް ޚާއްސަކޮށްގެން މުސްތަގިއްލު ދައުލަތެއް އުފައްދަން އެގައުމުގެ ބައިމަދު ތަމަޅައިން ވަރުގަދަ ބަޣާވާތެއްފެށީ އެއަހަރުއެވެ. މިއާއެކު ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އިލާމް (އެލްޓީޓީއީ) ގެ ނަމުގައި ތަމަޅައިން ހަނގުރާމަވެރި ޖަމާއަތެއް އުފައްދައި ސްރީލަންކާގައި ވަކިވެގަތުމުގެ ހަރަކާތްތައް ފުޅާކޮށް ސަލާމަތީ ބާރުތަކަށް ހަމަލާދޭންފެށި އެވެ.

މިހަނގުރާމައިގެ ހުޅުގަނޑު އެންމެ ބޮޑަށް ފަޅައިގެންގޮސް އެކަން ދިގުލީ ދާހިލީ ހަނގުރާމައަކަށް ބަދަލުވެގެންދިޔައީ 1983 އަހަރު "އެލްޓީޓީއީ" ން ސްރީލަންކާ ސިފައިންނަށް ހަމަލާދީ ސިފައިންގެ 13 މީހުން މަރާލުމާ ގުޅިގެންނެވެ.

ސްރީލަންކާގެ ދާހިލީ ހަނގުރާމަ 37 އަހަރަށް ދިގު ދެމިގެންދިޔައިރު ސްރީލަންކާގައި ދޮޅު ލައްކައަށްވުރެ ގިނަ މީހުން މަރުވެ އެގައުމުގެ އުތުރާއި އިރުމަތީގެ ސަރަހައްދުތައް ހަލާކުވެ އެއްކޮށް ވީރާނާވެގެންދިޔައެވެ. ހަނގުރާމައިގެ ދުވަސްވަރު އަމިއްލައަށް މަރުވެގެން ދޭ ޓެރަރިސްޓް ހަމަލާތަކާއި ބޮންގޮއްވުމުގެ ހަމަލާތަކުގެ ޝިކާރައަކަށް ވެރިރަށް ކޮލޮންބޯއާއި އެނޫންވެސް ސަރަހައްދުތައް ވެގެންދިޔައެވެ. އަދި ސްރީލަންކާގެ އިގްތިސާދު ހީނަރުވެ ތަރައްގީ ވަޅުޖެހިގެންދިޔައެވެ. ދާޚިލީ ހަނގުރާމަ ނިމުމަކަށް އައީ 17 މޭ 2009 ވަނައަހަރު ސްރީލަންކާގެ އޭރުގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގަ އެވެ.

ސްރީލަންކާއަށް މިފަހަކަށް އައިސް ކުރިމަތިވި ސިޔާސީ އެންމެބޮޑު މައްސަލައަކީ 2018 އަހަރުގެ އޮކްޓޯބަރު މަހު ރައީސް މައިތުރިޕަލަ ސިރިސޭނާ އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ މަގާމުން ދުރުކޮށް އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސަ ސްރީލަންކާގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވުމެވެ. މިކަމާގުޅިގެން ސްރީލަންކާއަށް ދުސްތޫރީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ސިރިސޭނާގެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއްކަމަށް އެގައުމުގެ ސްޕްރީމް ކޯޓުން ހުކުމްކުރި އެވެ.

މިހުކުމާއެކު މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމުން ރަނިލް ވިކްރަމަ ސިންހަ އަލުން ބޮޑުވަޒީރު ކަމަށް އެނބުރި ވަޑައިގެންނެވި އެވެ. އެއަށްފަހު މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ ހަރުކަށި ޖަމާއަތަކުން ވެރިރަށް ކޮލަންބޯއަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކެއްގައި 259 އަށްވުރެ ގިނަ މީހުން މަރުވެގެންގޮސްފައިވެ އެވެ.

އެއަށްފަހު އިއްޔެ ބޭއްވި ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައި މިވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮތަބަޔަ ރާޖަޕަކްސަ އެވެ. މިއީ މަހިންދަ ރާޖަޕަކްސަ އަލުން އެނބުރި ސްރީލަންކާގެ ސިޔާސީ މަސްރަހަށް އެނބުރި އައުންކަމަށްވަނީ ބެލެވިފަ އެވެ.

މިހެން މި ދިމާވީ ސްރީލަންކާގެ ރައީސް ސިރިސޭނާއާއި ބޮޑުވަޒީރު ރަނިލް ގާތްގަނޑަކަށް ހުރިހާ ކަމެއްގައި ފޭލްވެ ވަޑައިގަތުމާ ގުޅިގެންނެވެ. ތަރައްގީ އާއި އިގްތިސާދުގައި ފޭލްވެ ވަޑައިގެންފައިވާއިރު ގައުމުގެ ސަލާމަތީ ކަންތައްތަކުގައިވެސް އަދި ގައުމުގެ އެއްބައިވަންތަކަމާއި ވަހްދަތުގައިވެސް ރައީސް ސިރިސޭނާއާއި ބޮޑުވަޒީރު ރަނިލް ވަނީ ފޭލްވެ ވަޑައިގެންފަ އެވެ. އެދެބޭފުޅުންނަށް އައު ދައުރަކަށް ކުރިމަތިލައްވަން ކެރިވަޑައި ނުގަތީވެސް އެހެންވެ އެވެ.

comment ކޮމެންޓް