މި ދައުރު ނިމޭއިރު ދަރަނި 91 ބިލިއަނަށް އަރާނެ: ސައީދު

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ދެ އުޅި އެއްނުވާ ބަޖެޓެއް ކަމަށާއި، މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 91 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިކަރަންޓު ހަރަދު އެންމެ ބޮޑު ބަޖެޓު ކަމަށާއި ހަމައެކަނި ސަރުކާރުގެ އޮފީސްތައް ހިންގުމަށް 4.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރާ އަޅާބަލާއިރު މުވައްޒަފުންގެ ހަރަދުތައް ވެސް އެއް ބިލިއަން ރުފިޔާ އިތުރުވެފައިވާކަމަށް މެމްބަރު ވިދާޅުވި އެވެ.

"އަހަރެއްގެ ތެރޭ އެއް ބިލިއަން ރުފިޔާ އިތުރުވެގެން ދިއުމަކީ ވަރަށް ބޮޑު މައްސަލައެއް. ވަރަށް ބޮޑު ކަންބޮޑުވުމެއް،" ސައީދު ވިދާޅުވި އެވެ.

ޖުމްލަ 300 މިލިއަން ޑޮލަރުގެ ސަމުރާއީ ޓްރެޜަރީ ބޮންޑެއް، ޖަޕާނަށް ވިއްކަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވާ ވާހަކައަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރަށް އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އަދި އިންޑިއާ ސަރުކާރުން އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ނަގާއިރު، އޭގެން 300 މިލިއަނަކީ އަދި ގްރާންޓް ކަމުގައި ބެލިޔަސް ދަރަނީގެ ގޮތުގައި 1.2 ބިލިއަން އެމެރިކާ ޑޮލަރު މި ފަސް އަހަރު ތެރޭގައި ޖަމާވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"މިއީ ގާތްގަނޑަކަށް 26 ބިލިއަން ރުފިޔާގެ ދަރަންޏެއް. އެހެންވީމަ އޮޑިޓާ ޖެނެރަލް މި ވިދާޅުވާ 71 ބިލިއަން ރުފިޔާގެ ޑެޓް ސްޓޮކެއް އޮވެއްޖެ ކަމުގައި ވާނަމަ، މި 26 ބިލިއަން އެއްކުރީމަ މި ފަސް އަހަރު ތެރޭގައި 91 ބިލިއަން ރުފިޔާގެ ޑެޓް ސްޓޮކެއް ދައުލަތަށް ބުރައެއްގެ ގޮތުގައި ފުނިޖެހިގެން އެދަނީ،" ސައީދު ވިދާޅުވި އެވެ.

މި ވަރަށް ދަރަނި އިތުރުވެގެންދާއިރު، އާމްދަނީ ހޯދަން ކުރާނެ ކަންތައްތަކެއް ބަޖެޓުގައި ހިމަނާފައި ނެތް ކަމަށް ބުނެ ސައީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"އާމްދަނީ ހޯދުމަށްޓަކައި މި ބަޖެޓުގައި ކޮން ކަންތައްތަކެއްތޯ ހުރީ. މިހާބޮޑު ޑެޓް ސްޓޮކެއް އިތުރު ކުރާއިރު އާމްދަނީ ހޯދުމަށްޓަކައި ނެތް ކަންތައްތަކެއް،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އާމްދަނީ ހޯދަން ބަޖެޓުގައި ހިމަނާފައިވާ ހަމައެކަނި ކަމަކީ ޓެކްސް ނެގުން ކަމަށާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ އާމްދަނީގެ 48 ޕަސެންޓު އަކީ ޓެކްސް ކަމަށެވެ. ޓެކްސް އަކީ ވެސް ނަގަން ޖެހޭ އެއްޗެއް ކަމަށާއި، އެހެން ނަމަވެސް ނަގާ ޓެކްސް ފައިސާ ބޭނުންކުރާނެ ބިނާކުރަނިވި މިސްރާބެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ނަގާ ހުރިހާ ލާރިއެއް ބޭރު ދަތުރުތަކަށާއި ހަރަދު އިތުރުކުރުމަށާއި އޮފީސްތައް ހިންގުމަށާއި ސިޔާސީ ވަޒީފާތައް އިތުރު ކުރުމަށާއި މިކަންތައްތަކަށް ކުރާނަމަ، މަސްވެރިން އަތުން ދަނޑުވެރިން އަތުން ފަތުރުވެރިކަމުގެ ސިނާއަތުން މި ނެގޭ ޓެކްސްގެ ބޭނުމެއްނެތް. މިއީ އާމްދަނީއަށް ހަމައެކަނި ޓުއަރިޒަމްއަށް ބަރޯސާވެފަ އޮންނަ ގައުމެއްގައި ކުރަން އެކަށީގެންވާ ކަމެއްތޯ؟" ސައީދު ސުވާލު އުފެއްދެވި އެވެ.

ރާއްޖޭގެ ޕެޓްރޯލިއަމް ނުވަތަ ރާއްޖޭގެ މުއްސަނދިކަމަކީ ދިވެހިރާއްޖެ އޮތް ލޮކޭޝަން ކަމަށާއި އިކޮނޮމިކް އެކްސްޕޭންޝަން އަކީ ކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމުގައި ދެ ޕާޓީން ބަހުސް ކުރަން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަށް ހައްގު މިންވަރަކީ މި ސަރަހައްދުގެ އެންމެ މުއްސަނދިކަން ހޯދުން. އެ ވަސީލަތްތައް އެބަހުރި،" ސައީދު ވިދާޅުވި އެވެ.

އެހެން ގައުމަކުން ބުނާގޮތް ހަދަން ރާއްޖެއަށް ނުޖެހޭ ކަމަށާ ވިދާޅުވެ ރާއްޖެއަށް ކޮމާޝަލް މިނިވަންކަން ގާއިމުކޮށްދޭން ސައީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފަ އެވެ.

ސައީދު ވަނީ ޕްރައިވެޓައިޒް ކުރުމުގެ ނަމުގައި ސަރުކާރުން ރާއްޖޭގެ އެސެޓްތައް ބޭރު މީހުންނާ ހަވާލުކުރަން އުޅޭކަމަށް ވެސް ތުހުމަތު ކުރައްވައިފަ އެވެ.

ދިވެހިންނަށް ޖަޒީރާ ރާއްޖެއެއް ގެނެސްދޭނެ ކަމަށާއި، ކޮންކްރީޓު ތަރައްގީ ބޭނުން ނޫންކަމަށް ބުނަމުން ވެރިކަމަށް އައި ސަރުކާރުން 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަމައެކަނި ބިން ހިއްކުމުގެ މަޝްރޫއުތަކަށް ހަރަދު ކުރުމަށް ބަޖެޓުގައި ހިމަނާފައިވާކަމަށް ބުނެ ސައީދު ވަނީ ފާޑުވިދާޅުވެފަ އެވެ.

އަދި ބުރިޖު އެޅުމުން ފާޑުކީ ފަރާތްތައް ހިމެނޭ ސަރުކާރުން އަންނަ އަހަރުގެ ބަޖެޓުގައި ބުރިޖެއް އަޅަން 300 މިލިއަން ޑޮލަރު ހިމަނާފައިވާތީ ސައީދު ވަނީ އެ ކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ.

އަދި ބަޖެޓު ވަރަށް ބޮޑަށް ގްރޭޓާ މާލެ ސަރަހައްދަށް ކޮންސެންޓްރޭޓް ކޮށްފައިވާތީ ސައީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"ވިހިވިހީގެ ބަޖެޓުގައި ހަމައެކަނި މާލެއަށް، ގްރޭޓާ މާލެއަށް 3.4 ބިލިއަން ރުފިޔާ ހަރަދު ކުރޭ. 18 އަތޮޅަށް މި ހޭދަ ކުރަނީ އެންމެ 3.3 ބިލިއަން ރުފިޔާ، ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ގޮތުގައި. މީގެ މާނައަކީ 18 އަތޮޅަށް ކުރާ ހަރަދަށް ވުރެ ގިނަ ފައިސާ ހަމައެކަނި މި މާލެ ސަރަހައްދަށް އެބަ ކުރެއޭ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ބަދަލު ދިނުމުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ދުވާލަކަށް 4.6 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދީފައިވާ ކަމަށެވެ.

"މީ ނުކިއްސަރު ގޮތަކަށް ކުރެވޭ ބޮޑު ވައްކަމެއް. މިކަން ހުއްޓުވަން ޖެހޭ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ 2023 ވަނަ އަހަރު ދައުލަތުގެ ރަސްމީ ރިޒާވް އެއް ބިލިއަނަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ރަސްމީ ރިޒާވް އެއް ބިލިއަނަށް އެރި ކަމަށާއި ނަމަވެސް ވެރިކަން ނިމުނު އިރު އެ އަދަދު 800 މިލިއަން ޑޮލަރުގައި ހުރީ ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 320 މިލިއަން ދޭން ޖެހުމުން ކަމަށެވެ.

"އެ އަދަދު ދޭން ނުޖެހުނު ނަމަ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ ރިޒާވެއް ހުރީސް. އެހެންވީމަ 1 ބިލިއަން ޑޮލަރަށް ރިޒާވް އެރުމަކީ އަލަށް ވާނެ ކަމެއް ނޫން. ތާރީހުގައި އެކަން ވެސް އެއޮތީ ހިނގާ ގޮސް،" ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް