އިބޫ ސަރުކާރަށް އަހަރެއް: 8982 ވަޒީފާ އުފެއްދި

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު: އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު 8982 ވަޒީފާ އުފައްދާފައިވޭ --

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރު ރާއްޖޭގައި 8982 ވަޒީފާ އުފައްދައިދީފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް އޮފީހުން ހިއްސާ ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރައީސް ސޯލިހު ވެރިކަމާ ހަވާލުވި ފަހުން ރާއްޖޭގައި ވަނީ 8982 ވަޒީފާ އުފެދިފަ އެވެ.

އުފެދުނު ގިނަ ވަޒީފާތަކުގެ ތެރޭގައި އަމިއްލަ ކުންފުނިތަކުން އުފެދުނު ވަޒީފާތައް ހިމެނެ އެވެ. ވިޔަފާރިތައް އުފައްދަން ސަރުކާރުން ވަނީ އެސްއެމްއީ ބޭންކު މެދުވެރިކޮށް ގިނަ އަދަދެއްގެ ލޯނުތައްވެސް ދޫކޮށްފަ އެވެ. އެގޮތުން ޖުމްލަ 186 މިލިއަން ރުފިޔާގެ 147 ލޯނު އެސްއެމްއީ ބޭންކުން ދޫކޮށްފައިވެ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރު ރާއްޖޭގައި އަމިއްލަ 4120 ކުންފުނި ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އަދި 71 ފޮރިން އިންވެސްޓްމަންޓު ރާއްޖެއަށް ގެނެސްފައިވެ އެވެ.

އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާ އިރު މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ވަނީ 90 ގެސްޓްހައުސްއެއް މުޅިން އަލަށް ހުޅުވައިފަ އެވެ. އެއީ 518 ވަޒީފާ އެވެ. ސަރުކާރުން ވަނީ ގެސްޓްހައުސް ހުޅުުވުމަށް 37 ފަރާތަކަށް ޖުމްލަ 69 މިލިއަން ރުފިޔާގެ ލޯނުވެސް ދޫކޮށްފަ އެވެ.

މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު ސަރުކާރުން ވަނީ 25 ޓަނުގެ ދެ އައިސްޕްލާންޓު ގާއިމްކޮށްފައެވެ. އެއީ ފުވައްމުލަކުގައި އާއި އދ. މަހިބަދޫގައެވެ. އޭގެ އިތުރުން ރ. މަޑުއްވަރީގައި އާއި ކ. ގާފަރުގައިވެސް 25 ޓަނުގެ އައިސްޕްލާންޓު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އޭގެ އިތުރުން ސަރުކާރުން ވަނީ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ތައާރަފުކޮށްފައެވެ. އެގޮތުން 66 ފަރާތެއް އެކަމުން ތަމްރީނުކޮށް ހަތް ފަރާތަކަށް އެކަމަށް ބޭނުންވާ އާލާތްތައް ސަރުކާރުން ވަނީ ފޯރުކޮށްދީފަ އެވެ.

މަސްވެރިކަމުގެ ދާއިރާއަށް އެސްއެމްއީ ބޭންކުން މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ދޫކޮށްފައި ވަނީ 17 ލޯނެވެ. އެއީ 23 މިލިއަން ރުފިޔާއެވެ.

ދަނޑުވެރިކަމަށް ބަލާއިރު ދަނޑުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ސަރުކާރުގެ "ދަނޑުވެރި ނަފާ" ލޯނު ސްކީމުގެ ދަށުން ވަނީ 14 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. އަދި ހައިޑްރޯޕޯނިކްސްގެ ވަސީލަތްތައް 10 ގެއެއްގައި ގާއިމްކޮށްދީ ތަމްރީނުދީފައިވެ އެވެ.

comment ކޮމެންޓް