މި ސަރުކާރުގެ ބަލިފަޔަކީ ބަދަލުދޭ ގޮތް!

މި ސަރުކާރަށް އަހަރެއްވެފައިވާ އިރު، ރަނގަޅު ގިނަ ކަންކަމާ އެކުވެސް އެންމެ ބޮޑު ފާޑުކިޔުމެއް ސަރުކާރަށް އަމާޒުވަނީ، އެކި ނަންނަމުގައި ކުންފުނިތަކަށް ދޭ ބަދަލުތަކާ މެދު އެވެ. ސަރުކާރުން އެކި ފަރާތްތަކަށް ދިން ބަދަލުގެ އަދަދު 1.3 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ. އެއް ބަޔަކު ދެކެނީ މިއީ ސަރުކާރުގެ ތެރެއިން ރޭވިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަނެއް ބައެއްގެ ނަޒަރުގައި މިއީ، ބައެއްގެ އިހުމާލުން ދައުލަތުގެ ބޮލުގައި އެޅުނު ސަލާމަތް ނުވެވޭނެ ވަރުގެ ބުރައެކެވެ.

ބަދަލު ދެނީ ދެ ފުށް ފެންނަ ގޮތަކަށް ނޫން

ނުހައްގުން ބާތިލްކޮށްފައިވާ ކޮންޓްރެކްޓްތަކުގެ ސަބަބުން އެކި ފަރާތްތަކަށް ދޭން ޖެހޭ ބަދަލު ދިނުމުގެ ކަންކަމާ ގުޅޭ ގޮތުން ރައީސްއަށް ލަފާދޭން ހާއްސަ ސެޓުލްމަންޓް ކޮމިޓީއެއް ހަދާފައިވެ އެވެ. އެހެން ނަމަވެސް އެ ކޮމިޓީގައި ތިއްބަވަނީ ހުސް މިނިސްޓަރުން ކަމަށް ވުމުން އެއީ، ސިޔާސީ ވިސްނުން އެއް ފަރާތްކޮށް ޓެކްނިކަލް ނިންމުންތަކެއް ނިންމިދާނެ ބޯޑެއް ހެއްޔެވެ؟

މީގެ ކުރިން އޭޖީ އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ލޯޔަރަކު ވިދާޅުވި ގޮތުގައި، އާބިޓްރޭޝަނުން ބޭރުން މައްސަލަތައް ނިންމުމުގައި ރިއާޔަތް ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރެ އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އާބިޓްރޭޝަނުން ބޭރުން މައްސަލަތައް ނިންމަން ވާނީ، އޭގެ ބޭރުން ހައްލެއް ހޯދައިފި ނަމަ، އޭގެއިން ދައުލަތަށް މަންފާއެއް ވާނެ ކަން ވަރަށް ބޮޑަށް ޔަގީންކޮށްފަ އެވެ. އަދި އާބިޓްރޭޝަނުން ބޭރުން ބަދަލު ދޭ ނަމަ، ދެ ފަރާތުން ހުށަހެޅުންތައް ހުށަހަޅައި މިނިވަން އޮޑިޓަރެއްގެ އޮޕީނިއަން ހޯދަން ޖެހޭކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ނޫން ގޮތަކަށް ބަދަލު ދޭން ނިންމާ ނަމަ، އެއީ ދެ ފުށް ފެންނަ ގޮތެއްގައި ދެވޭ ބަދަލަކަށް ނުވެ ޝައްކު އުފެއްދުމުގެ ޖާގަ އޮންނާނެ އެވެ.

"ހަތަރު މިނިސްޓަރަކު ތިއްބަވާފައި މި ނިންމަނީ އާ! މި ކުންފުންޏަށް ދޭން ޖެހެނީ މިވަރުގެ ބަދަލެކޭ އެ މީހުން މިވަރު ކްލެއިމް އެބަ ކުރޭ. އެހެންވީމާ އޭގެ އެއްބައި ތިމަންނާމެން ދޭނީއޭ. އެކަމަކު އެއްވެސް އޮޑިޓެއް ނުކޮށް، އެ ކުންފުނިން ކޮށްފައި ހުރި މަސައްކަތްތަކުގެ އަގެއްވެސް ނޭނގި، އަނެއްކާ ސަރުކާރަށް ލިބިފައި ހުރި ގެއްލުންވެސް އަޅާ ނުކިޔާ ކިހިނެތްތޯ ނިންމަނީ ބަދަލެއް ދޭން؟ އެ މިންކުރީ ކިހިނެތްތޯ؟ މިހާ ގިނަ ފައިސާ ދާ ކަމެއް ކުރަން ވާނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން،" އެ ލޯޔަރު ވިދާޅުވި އެވެ.

ސަރުކާރުން ކުންފުނިތަކަށް ދީފައިވާ ބޮޑެތި ބަދަލުތައް

ބަދަލުދިން ފަރާތްތައް:

  • ނޫމަޑިއަށް: 848.1 މިލިއަން ރުފިޔާ
  • ބިގްއަށް: 30 މިލިއަން ރުފިޔާ
  • ނެކްސްބިޒްއަށް: 280 މިލިއަން ރުފިޔާ
  • ވިލާގެ، ޑަބްލިއުއެލްޓީއަށް: 130 މިލިއަން ރުފިޔާ
  • ކުއްޖެއްގެ ކަންފަތް ބީރުވުމުގެ ބަދަލު: 7.1 މިލިއަން ރުފިޔާ
  • ޖުމްލަ – 1.3 ބިލިއަން ރުފިޔާ

މިސާލަކަށް؛ ނޫމަޑިއަށް 848.1 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ސަރުކާރުން ދިނީ އާބިޓްރޭޝަނުން ބޭރުން މަޝްވަރާކޮށް ސުލްހަވެރި ހައްލެއް ހޯދައިފަ އެވެ. އެކަމަކު އެވަރުގެ އަދަދެއް ދޭން ސެޓުލްމަންޓް ކޮމިޓީއިން ނިންމި އުސޫލުތަކެއް އެފަރާތުން އަދި އަދާ ހަމަޔަށް ވެސް ހާމައެއް ނުކުރެ އެވެ. އެކަމުގައި ރިއާޔަތް ކުރި ލިޔުންތަކާއި، މިނިވަން އޮޑިޓަރެއްގެ ހިޔާލާއި ޓެކްނިކަލްގެ މީހުންގެ މަޝްވަރާ ހޯދީ ކިހާވަރަކަށް ހެއްޔެވެ؟

އެކަންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވާ ރައްދަކީ، ބަދަލު ދިނީ ވަރަށް ރަނގަޅަށް ބަލާފައި ދައުލަތް ބަނގުރޫޓްވުމުން ސަލާމަތް ކުރުމަށް ކަމަށެވެ. އަދި ނޫމަޑީގެ މައްސަލައިގައި ބަދަލު ނުދީ ލަސްކޮށްފި ނަމަ، ދޭން ޖެހޭ ބަދަލު 155 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

"އޭރު ސަރުކާރުގައި ތިބި ވަޒީރުން ނޫމަޑިއާ އެއްކޮޅަށް ހެކިބަސް ދީފައި [ހުރީ]. އެހެންވީމަ އަޅުގަނޑުމެންނަށް ލޫޒް ވާ [ގެއްލޭ] އެއްޗެއްގެ ގޮތުގައި ފެނުނީ. އެހެންވީމަ ހަގީގަތުގައި ދައުލަތް ބޭންކްރަޕްޓްވުމުން ސަލާމަތްކޮށްދީފައި އެ އިނީ،" ނޫމަޑިއަށް ދިން ބަދަލު މިނިސްޓަރު ޖަސްޓިފައި ކޮށްދެއްވި އެވެ.

އެވަރުގެ ބޮޑު ފައިސާގެ އަދަދެއް ދިންއިރު އެކަން އިންސާފުވެރިކޮށް ގެންދަން ލިޔެވިފައިވާ އުސޫލުތަކަކީ ކޮބައި ހެއްޔެވެ؟ އެފަދަ އުސޫލެއް ނެތް ނަމަ، ކޯޓުން ބޭރުން ނިންމައިގެން ބަދަލު ދޭނެ ހަމަޔަކީ ކޮބައި ހެއްޔެވެ؟

ސިވިލް މައްސަލަތަކުގައި ވަކާލާތު ކުރައްވާ ލޯޔަރަކު ވިދާޅުވި ގޮތުގައި އެންމެންނަށް އިންސާފުވެރިކޮށް ބަދަލުދިނުމަށް، ހަމަ ހަމަކޮށް އަމަލުކުރާނެ އުސޫލުތަކެއް ލިޔެވި އާންމުކޮށް ފެންނަން އޮންނަން ޖެހެ އެވެ.

ޓްރާންސްޕޭފަރަންސީ ފަދަ ޖަމްއިއްޔާތަކުގެ ގޮވާލުމަކީވެސް އެއީ އެވެ.

"އޯލްޓަނެޓް ޑިސްޕިއުޓް ރިޒޮލިއުޝަންގެ ކޮމެޓީގެ މަސައްކަތާއި ހިންގުން ހާމަކުރަން ޖެހޭ. ކޮމެޓީ ހިންގުމުގައި ޖަވާބުދާރީ ކުރަނިވި މެކޭނިޒަމްތައް ތަންފީޒްކުރަން ޖެހޭ. ސަރުކާރުން އިސްވެ އެ މައުލޫމާތު ހާމަ ކުރަން ޖެހޭ،" ޓްރާންސްޕޭރަންސީއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ބަދަލު ދިނުމުގައި އިންސާފެއް ނެތް

ރައްޔިތުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު، ދޮންބިލެތް އަހުމަދު ހަލީމް ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރުން އެއް ބަޔަކަށް ބަދަލު ދީފައި އަނެއް ބަޔަކަށް ބަދަލު ނުދީ ހިފެހެއްޓުމަކީ އެއްވެސް އިންސާފެއް ނޫނެވެ. ސަރުކާރުން ބަދަލު ދިނުމުގައި ގެންގުޅޭ "ހަމަ ހަމަ އުސޫލު" ސާފުނުވާ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"ނޫމަޑިއަށް ބަދަލު ދީފި. ކީއްވެތޯ ދީބާޖާއަށް ނުދެވެނީ. އެއީ ސާފުވާން ޖެހޭ ކަމެއް. މިއީ ކޮން އުސޫލަކުން ހިނގާ ކަމެއްތޯ. މިކަން ސާފެއް ނުވޭ،" ދޮންބިލެއް އަހުމަދު ހަލީމް މީގެ ކުރިން މަޖިލީހުގެ ފްލޯގައި ވިދާޅުވެފައިވެ އެވެ.

ދީބާޖާއަށް ވެސް ބަދަލުދޭން ސަރުކާރުގެ މައްޗަށް ސުޕްރީމް ކޯޓުން ވެސް އޮތީ ހުކުމްކޮށްފަ އެވެ. އެހެން ނަމަވެސް އެ ކުންފުންޏަށް ބަދަލު ނުދީގެން އެ މައްސަލަ ކޯޓްގައި ހިނގަނީ އެވެ. ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ނޫމަޑިއަށް ބަދަދޭން ސަރުކާރަށް މަޖުބޫރިވީ މައްސަލަ އާބިޓްރޭޝަންގައި އޮތީމަ އެވެ. އެކަމަކު ދީބާޖާ މައްސަލައަކީ ރާއްޖޭގެ ކޯޓަކުން ނިންމި މައްސަލަ އެކެވެ. އެހެންވީމާ، އެކަމުގައި ސަރުކާރަށް ޗޮއިސްތަކެއް ހުރީ އެވެ.

"ނޫމަޑިއަށް އަޅުގަނޑުމެން ބަދަލު ނުދީ ތިބި ނަމަ، އޭގެއިން ރާއްޖެއިން ކުރިމަތިވާނެ ގެއްލުންތައް ވަރަށް ބޮޑު. އެކަމަކު ދީބާޖާ އެހެނެއް ނޫން،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފާޑުކިޔުންތައް ގިނަވުމާ އެކު، ސަރުކާރުން މިހާރު ވަނީ ބަދަލު ދިިނުމުގެ ކަންކަމުގައި ސެޓުލްމަންޓް ކޮމިޓީއަށް ލަފާދޭނެ އޮޑިޓް ފާމެއް ހޯދަން ވެސް އިއުލާންކޮށްފަ އެވެ. އެކަމަކު އެކަން ކުރި ގޮތުގެ ނިޔަތާ މެދުވެސް ސުވާލު އުފެދެނީ އެކަން ކުރީވެސް އެއް ބަޔަކަށް ބަދަލުދީ ނިންމާލުމަށް ފަހު އެވެ. މީގެ ކުރިން އެފަދަ ޓެކްނިކަލް ހިޔާލެއް ނުހޯދީ ކީއްވެ ހެއްޔެވެ؟

އިދިކޮޅު ފަރާތްތަކުގެ ތުހުމަތަކީ ސަރުކާރުން ކުންފުނިތަކަށް ބަދަލު ދެނީ، ގުޅުން އޮންނަ ފަރާތްތަކަށް ފައިސާތަކެއް ދޫކޮށްލުމުގެ ނިޔަތް ބާއްވައިގެން އެވެ. އެއީ ސަރުކާރުން ތެރެއިން ގަސްތުގައި ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ. އެ ތުހުމަތު ސަރުކާރަށާއި ވަކިވަކި މިނިސްޓަރުންނަށް އެބަ އޮތެވެ. އިދިކޮޅުން ވެސް ކުރާ ސުވާލަކީ ބަދަލު ދިނުމުގެ ކަންކަން ސިއްރުން ކުރަނީ ކީއްވެ ހެއްޔެވެ؟

"ދެތިން ބޭފުޅުން ތިއްބަވާފައި މި ނިންމަނީ ކޯޓުން ބޭރުގައި މިކަން ނިންމީމާ މާ ބޮޑަށް ދައުލަތަށް ލުއިވާނޭ. އެކަމަކު ކިހިނެތްތޯ ދައުލަތަށް މި ލުއިވަނީ. އެހެން ދެތިން މީހުންނަށް ނިއްމޭތޯ؟ މިއީ ހަމަ ކަނޑައެޅިގެން ހިންގާ ޖަރީމާއެއް،" އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ، މާވަށު ދާއިރާ މެންބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

އިހުމާލުވި މީހުން ހޯދާ، ބަދަލު ދައުލަތަށް ހޯދާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން ބޮޑެތި ބަދަލުތަކެއް އާންމު ފަރާތްތަކަށް ދޭން ޖެހުނީ ކުރީ ސަރުކާރުތަކުން ކަންކަން ކުރި ގޮތުން އެވެ. އުސޫލުތަކުގެ ބޭރުން އެގްރިމަންޓްތައް ބާތިލް ކުރުމުން އެވެ. އެކަމުގައި އިހުމާލުވި މީހުންގެ އަތުން، އެ ބަދަލު ހޯދަން ޖެހޭކަމަށް ރައީސް އިޝާރާތް ކުރެއްވި އެވެ. އެކަމަށް ހައްލެއް ހޯދަން ސަރުކާރުގެ ވިސްނުންތަކެއް އެބަ އޮތެވެ.

ދައުލަތަށް ބުރައަކަށްވެ، ބިލިއަން ރުފިޔާ އިން މައްޗަށް ގޮސްފައިވާ މި ބަދަލުގެ ކުޅިގަނޑު ހުއްޓެން އޮތީ ހަމަ އެންމެ ބަދަލަކުން ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ. އެއީ ބަދަލުގޮތުގައި ދެވޭނެ މިންވަަރާއި އެކަމާ ގުޅޭ އޮނިގަނޑެއް ތައާރަފްކޮށް އެކަން ގާނޫނުގެ ތެރެއަށް ފެއްތުމެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މިފަހުން މަޖިލީހަށް ހުށަހެޅި ގަރާރުގައި، އެކަމުގެ ހައްލުތަކެއް ބަޔާންކުރި އެވެ. އެއީ، ދައުލަތުން ބަދަލު ދޭން ޖެހޭ ހާލަތުގައި، ދޭނެ އެންމެ މަތީ މިންވަރެއް ކަނޑައަޅައި އެކަމުގެ އޮނިގަނޑެއް ހެދުމެވެ. އަދި ދޭ ބަދަލުގެ މިންވަރާއި އެކަމާ ގުޅޭ މުއާމަލާތްތައް މަޖިލީހަށް ހާމަކުރަން ޖެހޭ ގޮތް ހެދުމެވެ.

މިސާލަކަށް ބަލާނަމަ، އިނގިރޭސިވިލާތުގައި ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުން ލިބިދެވޭނީ އެންމެ ބޮޑުވެގެން އެގްރިމަންޓްގެ ޖުމްލަ އަގުގެ އަށް ޕަސެންޓެވެ. އަދި ޔުނައިޓެޑް އަރަބި އެމިރެޓްސް (ޔޫއޭއީ)ގައި ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑުވެގެން އަހަރަކަށް 12 ޕަސެންޓެވެ.

ބަދަލުގެ ގޮތުގައި ދޭން ޖެހޭ ވަރުކުޑަކުުރުމަށް މިކަހަލަ ހިފެހެއްޓުންތަކެއް ނުލެވިއްޖެ ނަމަ، އެކަމުން ސަރުކާރުގެ އޮފް ކެނޑޭނެ އެވެ. އެއް އަހަރުވީއިރު ސަރުކާރަށް އޮތް ތުހުމަތަކީވެސް މިއީ އެވެ.

comment ކޮމެންޓް