ރައީސް ޔާމީންގެ ޝަރީއަތް މާދަމާ މެންދުރު 1:30 ގައި

ކުރީގެ ރަައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ އަޑުއެހުން މާދަމާ 13:30 ގައި ބޭއްވުމަށް ވަނީ ތާވަލު ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް މާދަމާ މެންދުރު 1:30 އަށް ކުރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

ރައީސް ޔާމީންގެ ވަކީލުން އެދިވަޑައިގަތް ގޮތަށް އެ މައްސަލަ ބެއްލެވުމަށް ނިންމާފައިވަނީ ފަސް ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.

އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ހުކުމް އިއްވުމުގެ އަޑުއެހުން މި މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ތާވަލްކުރި ނަމަވެސް، އެ މައްސަލަ ބައްލަވަމުން ގެންދެވި އެ ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ފަހު ވަގުތު ސަސްޕެންޑް ކުރުމުން އެ ޝަރީއަތުގެ މަޖިލިސް ކެންސަލްކުރި އެވެ. ހައިލަމް ސަސްޕެންޑު ކޮށްފައި ވަނީ 60 ދުވަހަށެވެ.

އޭނާ ސަސްޕެންޑު ކުރުމާ އެކު ކްރިމިނަލް ކޯޓުގެ ހިންގުން ގާޒީ އަލީ ރަޝީދާ ވަނީ ހަވާލުކޮށްފަ އެވެ. ޖޭއެސްސީއިން ގާޒީ އަލީ ރަޝީދު ކްރިމިނަލް ކޯޓަށް ބަދަލު ކުރީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ހުންނެވީ ޑްރަގް ކޯޓުގެ ގާޒީ ކަމުގަ އެވެ.

ހައިލަމް ސަސްޕެންޑު ކުރުމުން ރައީސް ޔާމީންގެ ޝަރީއަތަށް ދެން ވާނޭ ގޮތެއް އަދި ނޭނގެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައިވާ ގޮތުން މައްސަލަ ބެލުމަށް ފަނޑިޔާރު ނުކުޅެދޭ ހާލަތުގައި އެ ކޯޓަކަށް ކަނޑައެޅިފައިވާ އެހެން ފަނޑިޔާރަކަށް މައްސަލަ ކުރިއަށް ގެންދެވިދާނެ އެވެ. ނުވަތަ މައްސަލައިގެ ޝަރީއަތް އަލުން ބޭއްވުމަށް ވެސް ކަނޑައެޅިދާނެ އެވެ. ގާޒީ ހައިލަމްގެ މައްސަލަ ބަލައި އޭނާ މަގާމުން ވަކިކޮށްފި ނަމަ އެހެން ގާޒީ އަކާ މައްސަލަ ހަވާލު ކުރެވޭނެ އެވެ. އެ ގާޒީއަކަށް މައްސަލަ އަލުން ފަށައިގެން ބެލުމުގެ އިހްތިޔާރުވެސް ލިބިގެންވެ އެވެ.

ލައިވްކޮށް ދުރަށް ދައްކައިގެން ކުރިއަށް ގެންދިޔަ ޝަރީއަތެއްގައި ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ހައިލަމްގެ މައްޗަށް ވަނީ ސީރިއަސް ތުހުމަތުތަކެއްވެސް ކުރެވިފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ކިޔާ ފަޅު ރަށެއް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ އަސްލު އޮޅުވާލުމުންނެވެ.

comment ކޮމެންޓް