ރައީސް ޔާމީންގެ ޝަރީއަތް ލައިވްކުރުން ހުއްޓާލައިގެން ނުވާނެ: ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމު --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ލައިވްކުރުން ހުއްޓާލައިގެން ނުވާނެކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީއިންގެ ބައްދަލުވުމެއް ބާއްވައި ނިންމި ނިންމުމެއްގައި ޝަރީއަތްތައް ޓެލެކާސްޓް ކުރުމުގެ އުސޫލު މުރާޖާކޮށް އާންމުކޮށްފައި ނޫނީ ޝަރީއަތްތައް ޓެލެކާސްޓް ނުކުރުމަށް ހުރިހާ ގާޒީއިންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ނައިބު ރައީސް އަދި މިހާރު ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ޝަރީއަތްތައް ލައިވް ކުރެވޭ ގޮތް ބަދަލުކުރަން ކްރިމިނަލް ކޯޓުން ނިންމާފައި ވުމުން، ކަންތައްތަކެއް ފޮރުވަން އުޅޭކަމުގެ އިޝާރާތްތަކެއް ފެންނަ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކަމެއް ފޮރުވަން ޖާގަ އެބަ އޮތް. ކަންތައްތަކެއް އިތުރަށް ރައްޔިތުންނަށް ހާމަނުކޮށް، ބޭނުން ގޮތަކަށް މި މައްސަލަ ކުރިއަށް ގެންދިޔުމަށް ބޭނުންވާ ކަމުގެ އިޝާރާތްތަކެއް މި ފެންނަނީ،" ޖަމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަދުލު އިންސާފަށްޓަަކައި ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

"މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިޔަ ގެންދިޔުން ހުއްޓައިގެން ނުވާނެ. މާދަމާގެ އަޑުއެހުމުން ފެށިގެންވެސް މުޅި މައްސަލަ ނިމެންދެން އަޅުގަނޑު ގަބޫލު ކުރަނީ އަދުލު އިންސާފުގެ މިންގަނޑަށްޓަކައި، މި މައްސަލަ އެއްހަމައެއްގައި ގެންގޮސް ނިންމަން ޖެހޭނެ،" ޖަމީލް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައި ބުނެފައި ވަނީ ޝަރީއަތްތައް ޓެލެކާސްޓް ކުރުމުގެ ސަބަބުން އެއްބަޔަކަށް ފައިދާވެ އަނެއް ބަޔަކަށް ގެއްލުންވުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މުޖުތަމައުގައި ފިތުނަ އުފެދުމަށް ޖާގަ ހުޅުވިގެން ދިޔުމާއި އަދުލު އިންސާފާމެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެދިގެން ދިއުން އެކަށީގެންވާ ކަމަށްވެސް އެ ނިންމުމުގައިވެއެވެ.

ޝަރީއަތް ޓެލެކާސްޓްކުރުމުގެ ސަބަބުން މައްސަލަތަކުގެ ތަހުގީގަށް ހުރަސް އެޅިގެންދާ ކަމަށާއި ފަހުން ޝަރީއަތަށް އަންނަ މައްސަލަތަކަށްވެސް ނޭދެވޭ އަސަރު ކުރާނެކަމަށްވެސް ކްރިމިނަލް ކޯޓުގެ ނިިންމުމުގައި ވަނީ ބުނެފައެވެ. އަދި އަދުލު އިންސާފަށް ހުރަސް އެޅުމުގެ ފުރުސަތު އޮތް ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް މިހާރު ލައިވްކުރަމުންދާ ޝަރީއަތްތައް ލައިވްނުކުރަން ނިންމައިފިނަމަ ސުވާލު އުފެއްދުމުގެ ޖާގަ އޮތުމުން، އެ މައްސަލައިގެ ދެފަރާތުން ކުރެ ފަރާތެއް ޝަރީއަތް ލައިވްކުރުމަށް އިއުތިރާޒު ނުކުރާނަމަ ލައިވްކޮށްގެން ކުރިއަށް ގެންދާނެ ކަމަށްވެސް އެ ނިންމުމުގައިވެއެވެ.

ރައީސް ޔާމީންގެ ޝަރީއަތް މިހާތަނަށް ކުރިއަށް ގެންގޮސްފައި ވަނީ ޓީވީއިން ލައިވްކޮށްގެންނެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދަން ޕީޖީއިންނާއި އަދީބުގެ ފަރާތުންވެސް ވަނީ އެދިފައެވެ.

comment ކޮމެންޓް