ޑީއާރުޕީގެ ކޮންގްރެސް އަންނަ ފެބްރުއަރީގައި

ޑީއާރުޕީ އިން ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްއެއްގައި އެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ކޮންގްރެސް އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ބޭއްވުމަށް އެޕާޓީން ނިންމައިފި އެވެ.

ޑީއާރުޕީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އެޕާޓީގެ 193 ވަނަ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން ވަނީ ޑީއާރުޕީގެ ކޮންގްރެސް އަންނަ ފެބްރުއަރީގެ 27 އިން 29 އަށް ކުރިއަށް ގެންދިޔުމަށް ނިންމާފައި ކަމަށެވެ.

އެޕާޓީން ބުނެފައި ވަނީ ކޮންގްރެސް ބާއްވާނީ އެޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދާއިރާގައި ކަމަށެވެ.

ޖާބިރު ޑީއާރުޕީއާ އަލުން ގުޅިވަޑައިގެން އެ ޕާޓީ އަލުން ކޮޅަށް ޖަހައި މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އޭނާ ވަނީ ކުރީން ވިދާޅުވެފަ އެވެ.

އެގޮތުން އެ ޕާޓީގެ 193 ވަނަ ކައުންސިލް ބައްދަލުވުމުގައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އާއި ނައިބު ރައީސްގެ މަގާމަށް ވަނީ ބޭފުޅުން އައްޔަނުކުރައްވާފަ އެވެ.

ޑީއާރުޕީގެ ކައުންސިލު މެމްބަރުންގެ އިއްތިފާގުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އަބްދުﷲ އަފީފެވެ. އަދި ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ އިބްރާހީމް ޝިހާމް އެވެ.

ޑީއާރުޕީން ވަނީ މިއަހަރު ނިމުމުގެ ކުރިން އެ ޕާޓީއަށް 10،000 މެމްބަރުން އިތުރުކުރުމަށް އަމާޒު ހިފާފަ އެވެ. މި އަހަރުގެ އޯގަސްޓު މަހު ޖާބިރު ވިދާޅުވި ގޮތުގައި އެޕާޓީއަށް 3،000 މެމްބަރުން ވަނީ ހަމަވެފަ އެވެ.

comment ކޮމެންޓް