ރިހި މެޑަލް ކަރަށް މަހާލި އަންހެން ވޮލީ ޓީމަށް ހޫނު މަރުހަބާއެއް!

ސެންޓްރަލް ޒޯން މުބާރާތުގެ ރިހި މެޑަލް ހޯދި ގައުމީ އަންހެން ވޮލީ ޓީމު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ --- ފޮޓޯ// މަހްލޫފް ޓްވިޓާ

ބަންގަލަދޭޝްގައި ކުރިއަށްދިޔަ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރިހި މެޑަލް ކަރަށް މަހާލައި ގައުމި ފަޙުރުވެރިކޮށްދިން ގައުމީ އަންހެން ވޮލީ އެނބުރި ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.

ވޮލީއިން ރާއްޖޭގެ އަންހެން ޓީމެއް ހޯދި އެންމެ ބޮޑު ކާމިޔާބީއެއް ހޯދުމަށް ފަހު ރޭ ޓީމު ރާއްޖެއަށް އައިސްފައިވާ އިރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ޓީމަށް މަރުޙަބާ ކިޔާފައި ވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އަދި ވޮލީ އެސޯސިއޭޝަނުގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް އެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ޖުމްލަ ފަސް މެޗު ކުޅެފައިވާއިރު، ތިން މެޗުން ވަނީ މޮޅުވެފަ އެވެ. ބާކީ ދެ މެޗުން ޓީމު ވަނީ ބަލިވެފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ ކިރްގިސްތާނާ ވާދަކޮށް ފޯރިގަދަ ކުޅުމަކަށް ފަހު 3-2 ސެޓުންނެވެ. އެ އަށް ފަހު މުބާރާތް ބާއްވާ ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާންގެ މައްޗަށް ރާއްޖޭން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

އެއަށް ފަހު ގުރޫޕް ސްޓޭޖުގެ ފަހު މެޗާއި ފައިނަލް މެޗުން ނޭޕާލް އަތުން ރާއްޖެ ވަނީ ތިން ސެޓުން ބަލިވެފަ އެވެ. ބޮޑެތި ގޮންޖެހުންތަކަކާ އެކު ވެސް މުބާރާތަށް ރާއްޖެ ގޮސް ދެއްކި ކުޅުމަށް ތައުރީފް ކުރައްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވީ، މި ކާމިޔާބީ އަކީ ކުޅުންތެރިން ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.

"އޭވީސީ ސެންޓްރަލް ޒޯނުގައި މޮޅު ކުޅުމެއް ދައްކައި، ރިހި މެޑަލް ހޯދި ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމަށް ފަށްފަށުން މަރުހަބާ ދަންނަވަން. މިއީ ކުޅުންތެރިން މި ނަތީޖާ ނެރެން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ." މަހްލޫފް ޓީމަށް މަރުހަބާ ދަންނަވަމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ގައުމީ ޓީމު މި މުބާރާތަށް ތައްޔާރުވީ ކޯޗު އަހުމަދު އަދީލް (ބޭބެ)ގެ އިރުޝާދުގެ ދަށުންނެވެ. އެކަމަކު މުބާރާތުގައި ޓީމަށް ބެންޗުގައި އިރުޝާދު ދިނީ ބޭބެގެ އެހީތެރިކަމާ އެކު އެސިސްޓަންޓް ކޯޗު މުހައްމަދު ފައިސަލް އެވެ. ބޭބެ އަށް ބެންޗުގައި އިނދެ ޓީމަށް އިރުޝާދު ނުދެވެނީ މުބާރާތަށް ފޮނުވި ދެ ޓީމު ލިސްޓުގެ ތެރެއިން އޭވީސީން ބަލައިގަތް ޓީމު ލިސްޓުގައި ކޯޗެއްގެ ގޮތުގައި ބޭބެގެ ނަން ނެތުމުންނެވެ.

ރާއްޖެއިން މިފަހަރުގެ ސީނިއާ ފިރިހެން ސެންޓްރަލް ޒޯނުގެ މުބާރާތުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ. މިއަހަރަކީ ވޮލީއިން ރާއްޖެއަށް ކާމިޔާބު އަހަރެކެވެ. އެގޮތުން ރާއްޖެއިން ވަނީ އަންނަ އަހަރުގެ އަންހެން ސެންޓަރްލް ޒޯން މުބާރާތް ބާއްވަން ކުރި ބިޑު ވެސް ކާމިޔާބު ކޮށްފަ އެވެ.

comment ކޮމެންޓް