މެސީ އެނބުރި އައިސް ބްރެޒިލް އަތުން އާޖެންޓީނާ މޮޅުކޮށްދީފި

އާޖެންޓީނާއާއި ބްރެޒިލް ރޭ ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގެ ތެރެއިން --- ފޮޓޯ// އޭޕީ

ހަތަރު މެޗުގެ ސަސްޕެންޝަނަކަށް ފަހު އެނބުރި އައިސް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެ ޓީމާ އެންމެ ވާދަވެރި، ބްރެޒިލްގެ އަތުން މޮޅު ހޯދައިދީފި އެވެ.

ސައުދީ އަރަބިޔާގެ ރިޔާދުގައި، ރޭ ކުޅުނު ރަހުމަތްތެރިކަމުގެ ސުޕަ ކުލެސިކޯ މެޗުން އާޖެންޓީނާ، ވާދަވެރި ބްރެޒިލް އަތުން ކުރިން ހޯދީ 0-1ގެ ނަތީޖާ އަކުންނެވެ. މި އަހަރުގެ ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި މި ދެ ޓީމުގެ ވަރުގަދަ ކުރިމަތިލުމަށް ފަހު ދެ ޓީމުގެ ދޭތެރޭ އޮތް ވާދަވެރިކަން އިންތިހާއަށް އިތުރުވި އިރު ރޭގެ މެޗަކީ ވެސް ފޯރިގަދަވި މެޗެކެވެ. އެގޮތުން މެޗު ހޫނުވެ ގިނަ ފައުލުތަކާ ކާޑުތައް ވެސް ފެނުނު އިރު ދެ ޓީމުގެ ފަރާތުން ވެސް ހުނަރުވެރި ކުޅުމެއް ފެނުނެވެ.

އާޖެންޓީނާއާއި ބްރެޒިލް ރޭ ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގެ ތެރެއިން --- ފޮޓޯ// އޭޕީ

ރޭގެ މެޗަށް އާޖެންޓީނާއިން ނުކުތީ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ބައިވެރި ނުވެވުނު މެސީ ޓީމުގައި ހިމަނައިގެންނެވެ. މެސީއަށް އެ ސަސްޕެންޝަން އައިސްފައި ވަނީ ސައުތު އެމެރިކާގެ ފުޓުބޯޅައާ ބެހޭ މައި އިދާރާ ކަމަށްވާ ކެންމެބޯލްއަށް ފާޑު ކިޔާ ގިނަ ވާހަކަތަކެއް ދެއްކުމާ ގުޅިގެންނެވެ. މި އަހަރު އޮތް ކޮޕާ އެމެރިކާގައި ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ފަހު މެސީއާއި ކެންމެބޯލްއާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.

މެސީ އޭރު އެންމެ ގަދަޔަށް ދެއްކި ވާހަކަ އަކީ އެ މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކާއި ރެފްރީން ކޮރަޕްޓްވެފައި ތިބި ވާހަކަ އެވެ. އެގޮތުން ވަކި ޓީމަކަށް ތަށި ދިނުމަށް ރާވައިގެން މުޅި މުބާރާތް ކުޅުނު ކަމަށް މެސީ ތުހުމަތު ކުރި އިރު މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި މެސީއަށް ވަނީ ރަތް ކާޑު ވެސް ދައްކައިފަ އެވެ. މެސީ ބުނީ އެ ކާޑަކީ އޭނާއާއި ޒާތީ ގޮތުން ޖައްސާލުމުގެ ގޮތުން ދެއްކި ކާޑެއް ކަމަށެވެ.

އާޖެންޓީނާއާއި ބްރެޒިލް ރޭ ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގެ ތެރެއިން --- ފޮޓޯ// އޭޕީ

އެހެން ނަމަވެސް ރޭގެ މެޗަށް އެނބުރި އައިސް މެސީ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި ޖެހި ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ ކުރީ ކޮޅު މެސީ ޖެހީ އޭނާ ޖެހި ޕެނަލްޓީއަށް ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އަތުގައި ޖެހި ރިބައުންސަށް ނުކުތުމުން ގޯލަށް ފޮނުވާލައިގެންނެވެ. މެސީއަށް ރޭގެ މެޗުގައި ލީޑު ފުޅާ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު އިރު އިތުރު ކުޅުންތެރިންނަށް ގޯލު ޖަހަން މެސީ ވަނީ ހުސް ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްދީފަ އެވެ.

ރޭގެ މެޗު ފެށިގެން ދެ ޓީމުން ވެސް ޖުމުލަކޮށް ހަމަހަމަ ކުޅުމެއް ކުޅުނު އިރު އަށްވަނަ މިނަޓުގައި ބްރެޒިލްއަށް ލިބުނު ޕެނަލްޓީ އެ ޓީމުގެ ފޯވާޑް ގެބްރިއަލް ޖީސުސް ފޮނުވާލީ ބޭރަށެވެ. އޭގެ އިރަކޮޅެއް ފަހުން މެސީ އާޖެންޓީނާއަށް ލީޑު ނަގައިދިނުމާ އެކު މެޗުގެ ކޮންޓްރޯލް އާޖެންޓީނާއިން ވަނީ ނަގައިފަ އެވެ.

އާޖެންޓީނާއާއި ބްރެޒިލް ރޭ ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގެ ތެރެއިން --- ފޮޓޯ// އޭޕީ

އަނިޔާގެ ސަބަބުން ބްރެޒިލްގެ މަޝްހޫރު ފޯވާޑް ނޭމާ ޖޫނިއާ ރޭގެ މެޗުގައި ކުޅެފައި ނުވި ނަމަވެސް ބްރެޒިލްގެ މުހިއްމު ގިނަ ކުޅުންތެރިން ރޭގެ މެޗުގައި ކުޅުނެވެ. ދެ ޓީމުން ވެސް އެ މެޗުގައި ވަރުގަދަ ކުޅުމެއް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި އިރު މެޗުގެ ތަފާތަކަށް ވީ މެސީ ޖެހި ގޯލެވެ. މިއީ 2017 ވަނަ އަހަރަށް ފަހު ބްރެޒިލް އަތުން އާޖެންޓީނާ މޮޅުވި ފުރަތަމަ ފަހަރެވެ.

އެ މެޗަށް ފަހު ވާހަކަ ދައްކަމުން މެސީ ބުނީ އާޖެންޓީނާއާއި ބްރެޒިލް އަކީ ފެށުނީންސުރެއް ވެސް ވާދަވެރިކަން ބޮޑު ދެ ޓީމު ކަމަށެވެ. އަދި ކޯޗުގެ ސެލެކްޝަނާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށާއި ބްރެޒިލް އަތުން މޮޅެއް ލިބުމަކީ އަބަދު ވެސް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް ކަމަށެވެ.

"ބްރެޒިލް ބަލިކޮށްލުމަކީ އަބަދު ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް." މެސީ ބުންޏެވެ.

މިހާރު ކުރިއަށް މިދާ އިންޓަނޭޝަނަލް ބްރޭކުގައި އާޖެންޓީނާއިން އަންނަ މެޗުގައި ބައްދަލު ކުރާނީ އުރުގުއޭއާ އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ.

comment ކޮމެންޓް