ކަރުނަޔާއެކު ރައީސް ޔާމީން ވިދާޅުވަނީ އެމަނިކުފާނާ ހަސަދަ ނުވުމަށް!

މީގެ ކުރިން ޕީޕީއެމް/ޕީއެންސީއިން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް ތޭރަވަނަ އަހަރު ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ ރައީސްކަން ކުރައްވާ ހިތްޕުޅުވެގެން ނޫންކަމަށާއި، އެހެންކަމުން އެމަނިކުފާނާ ދޭތެރޭ ހަސަދަނުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭ އިދިކޮޅުން "ފުނޑާލައިފި"ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ އެމަނިކުފާނަށް ވުރެ ރަނގަޅަށް ވެރިކަން ކުރެވޭނެ ބޭފުޅަކު ނެތިގެންވެސް ނޫން ކަމަށެވެ.

"އޭރުގެ ހާލަތު ނިޔާކުރި ގޮތް. މިކަހަލަ އަނިޔާވެރި ދުވަސްތަކަކަށް ފަހު ދިވެހިރާއްޖޭގެ މަސްރަހުން އެވެރިކަން ބަދަލުކުރެވޭނެ އެހެން ގޮތެއް ނުފެނުނީ،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ވޯޓަކުން އޭރު ހުރި ވަރުގެ ލީޑަރަކު ބަދަލުކުރެވޭނެ އެހެން މީހަކު ނުފެނުނު ކަމަށާއި، އެއީ އޭރު ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންވެސް އެއްބަސްވީ އެގޮތަށް ކަމަށެވެ.

އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ އެހެން ސިޔާސި ލީޑަރަކާ ވާދަކުރައްވަން ނޫން ކަމަށާ، އޭރު ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކެއް ހައްލުކޮށްދިނުމަށް ކަމަށެވެ.

"އެހެންވީމަ މިއަދުވެސް ހަމަ ކަރުނަ އަންނަ ހާލަތުގައި އަޅުގަނޑު ދަންނަވާލާނަން އަޅުގަނޑާ ދޭތެރޭ ހަސަދަވާންޖެހޭ ސަބަބެއް ނެތޭ. އަޅުގަނޑު އައީ އެއްވެސް ބޭފުޅަކާ ވާދަކުރާކަށް ނޫން. ކުރީގަ މާޒީގަ ވެރިކަން ކުރެއްވި ބޭފުޅުންނާ އަމުދުން ވާދަކުރާކަށް ވެސް ނޫން،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އޭރުވެސް އަދި މިހާރުވެސް އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އަންނަޖެހޭ ކަމަށެވެ. އަދި ބަދަލުތައް އަންނަންޖެހެނީ ރާއްޖެއަށް ބޭނުންވެފައި ހުރި ގިނަ ކަންތައްތަކެއް ނުފުދި ދާތީކަމަށް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން އެކަންތައްތައް ފުއްދައިދެވޭނެ ވަރުގެ ވެރިއަކު 2013 ގައި އައިސް، އަނެއްކާ ވެސް ދިވެހިން ގަބޫލުކުރާ އުސޫލުތަކެއް ދަމަހައްޓައިދޭނެ ލީޑަރަކަށް ޖާގަ ހޯދަން ޖެހުނީ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ފަހަރެއްގައިވެސް އަޅުގަނޑު ހިތަކު ނެތް އެ ލީޑަރަކީ އަޅުގަނޑު ކަމަށް ވެދާނެ ކަމަކަށް. ހުރިހާ ކަމަކީވެސް ﷲގެ ނިޔާ. އެންމެ ވަރުގަދައަށް ހުރިހާ ހިކުމަތަކާ އެކީ ކަންކަން ނިންވަމާނީ ﷲ. އެހެންވީމަ އަޅުގަނޑު އައީ ރާއްޖޭގައި ބޮޑުވެފައި ހުރި މައްސަލަތައް ނިންމަން. މި މައްސަލަތަކާ ދޭތެރޭ ހައްލުތަކެއް ހޯދައިދެވޭތޯ އައީ،" ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް