އެވޯޑަށް ދައުވަތު ނުދިނުމުން ރީކޯ މޫސަ ދެރަވެއްޖެ

8 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ރީކޯ މޫސާ މަނިކު އެވޯޑެއް ހަވާލުކުރައްވަނީ --- ސަން ފައިލް ފޮޓޯ

ދިވެހި ފިލްމު އިންޑަސްޓްރީގައި ގިނަ ދުވަހެއް ވަންދެއް މަސައްކަތްކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކަށް މިއަހަރުގެ ދިވެހި ފިލްމު އެވޯޑްސްގެ ހަފްލާއަށް ދައުވަތު ނުދެއްވާތީ ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެއެވެ.

އެންމެ ފަހުން ބާއްވާފައިވާ ދިވެހި ފިލްމު އެވޯޑްސްގެ ޝަރަފުވެރި މެހްމާނަކަށް ހުންނެވީ ރީކޯ މޫސާއެވެ. ނަމަވެސް މިއަހަރު ކުރިއަށްދާ ނުވަވަނަ ދިވެހި ފިލްމު އެވޯޑްސްގެ ހަފްލާއަށް މޫސާއަށް ދައުވަތު ދެއްވާފައި ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ އެވޯޑު ހަފްލާއަށް މޫސާއަށް ދައުވަތު ދީފައި ނުވުމުގެ ސަބަބުން އޭނާ ވަނީ އޭނާގެ އުދާސްތައް ސޯޝަލް މީޑިއާގައި ބަންޑުން ކޮށްލާފައެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި މޫސާ ވިދާޅުވީ ފިލްމު ކުޅެފައި މިހާރު ދުރުގައި ހުންނެވި ނަމަވެސް ދައުވަތު ދެއްވިނަމަ ހަފްލައަށް ވަޑައިގަތުމަށް ރަނގަޅުވެގެންދާނެ ކަމަށެވެ.

"15 ވަރަކަށް އަހަރު ފިލްމު ކުޅެފައި މިހާރު ދުރުގައި ހުރި ކަމަށްވިޔަސް އެވޯޑް ޖަލްސާއަށް ދައުވަތު ދިން ނަމަ ރީތި ގަމީހެއް ލައިގެން އެތާ އިނދެލަންވެސް އަދިވެސް ކަމުދާނެ؟" މޫސާ ސުވާލުކުރެއްވިއެވެ.

އޭނާ އިޝާރާތްކުރައްވާފައިވަނީ އެވޯޑު ވަނީ ޒާތީ ވެފައި ކަމަށެވެ. މިއީ މިއަހަރުގެ ފިލްމު އެވޯޑްސްއާ ގުޅުވައިގެން ދެވަނަ ފަހަރަށް އިވުނު ވާހަކައެވެ. އެގޮތުން ފިލްމު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާވެސް ބުނެފައިވަނީ ދިވެހި ފިލްމު އެވޯޑްސް ވަނީ ޒާތީ ވެފައިވާ ކަމަށެވެ.

ސިޔާސީ ދާއިރާގައި ވަރުގަދަ ނަމެއް އުފައްދަވާފައިވާ މޫސަގެ ހިތް އަދިވެސް އޮންނެވީ ފިލްމީ ދާއިރާގައެވެ. އެކަން އެންމެ ބޮޑަށް ހާމަވެގެން ގޮސްފައިވަނީ 2017 ގައި ބޭއްވި ދިވެހި ފިލްމު އެވޯޑްސްއިންނެވެ. އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރީކޯ މޫސާ ވިދާޅުވީ އަދިވެސް ފިލްމު ކުޅުއްވަން ބޭނުންފުޅުވާ ކަމަށެވެ.

https://sun.mv/98617

comment ކޮމެންޓް