ދިވެހިންނަށް ވިސާއާ ނުލައި މޮރޮކޯއަށް ދަތުރުކުރެވޭ ގޮތް ހަދައިފި

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި މޮރޮކޯއަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު މޮރޮކޯއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައެވެ. އެއްބަސްވުމުގައި މޮރޮކޯއިން ސޮއިކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖެ-މޮރޮކޯ ގުޅުމަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ.

ފޮރިން މިނިސްޓަރު މޮރޮކޯއަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަތީ އިއްޔެއެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މޮރޮކޯގެ ފޮރިން މިނިސްޓަރާއި އަދި މޮރޮކޯ ސަރުކާރުގެ އިސްވެރިންނާއެކު މަޝްވަރާކުރައްވާނެއެވެ.

އެގޮތުން މިއަދު ވަނީ ރާއްޖޭގެ އިމާމުންނަށް މޮރޮކޯގެ އިންސްޓިޓިއުޓުތަކުން ތަމްރީނުކުރުމަށް ފުރުސަތުތައް ފަހިކުރުމަށް މޮރޮކޯގެ އެންޑައުމެންޓް އެންޑް އިސްލާމިކް އެފެއާސް މިނިސްޓަރު އަހުމަދު ތައުފީގު މަޝްވަރާކުރައްވައިފައެވެ.

ރާއްޖެއާއި މޮރޮކޯއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 4 ފެބްރުއަރީ 1988 ގައެވެ. މިއީ އޭގެ ފަހުން ރާއްޖޭގެ ހާރިޖީ ވަޒީރަކު މޮރޮކޯއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލް، ދިވެހިރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒްއާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަހްމަދު ޝިއާންގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރު މުއުމިނާ އިބްރާހިމްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

comment ކޮމެންޓް