ފުލުހުންގެ މަސައްކަތް ބައްޓަންކުރާނީ ހަމައެކަނި މީހުން ހައްޔަރުކުރާކަށް ނޫން: އިމްރާން

ހދ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ --- ފޮޓޯ: ހޯމް މިނިސްޓްރީ

ފުލުހުންގެ މަސައްކަތް ބައްޓަންކުރަނީ ހަމައެކަނި ކުށްކުރާ މީހުން ހިފަހައްޓާ ހައްޔަރުކުރާ ބައެއްގެ ގޮތުގައި ނޫންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކައިގައި މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މަސައްކަތް ބައްޓަންކުރެވިގެން ދަނީ އިޖުތިމާއީ ގޮތުންވެސް ރައްޔިތުންނާ އެކުގައި މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކަމަށެވެ.

އަދި ރައްޔިތުން ކުރަމުންދާ އިގްތިސޯދީ މަސައްކަތްތަކަށްވެސް ފުލުހުންގެ ފަރާތުން އެހީތެރިކަން ލިބޭނެ ގޮތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ފުލުހުންގެ މަސައްކަތަކީ ހަމައެކަނި ކުށްކުރުން ނުވަތަ ކުށްކުރާ މީހުން ހުއްޓުވުންކަމުގައި ނުދެކުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މަސައްކަތްތަކަކީ މުޅި ރަށްތަކުގެ ނުވަތަ މުޅި ގައުމުގެވެސް ކުރިއެރުމާ މަސްލަހަތާ ގުޅިފައިވާ މަސައްކަތްތަކެއްކަން ގަބޫލުކޮށް އެމަގުން މަސައްކަތްކުރަން ޖެހޭކަމަށެވެ.

މިނިސްޓަރު ރަށްތަކުގެ މާހައުލަށް އައިސްފައިވާ ބަދަލުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވައިފައެވެ. އެގޮތުން މީގެކުރީގައި ރަށްތަކުގައި ފުލުހުން ބައިތިއްބަން ނުޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ފުލުހުން ބައިތިއްބަން ނުޖެހުނީ ރަށްތަކުގައި ސުލުހަވެރިކަން އޮތުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ރަށްތަކުގައި އެސުލުހަވެރިކަން އޮތީމާ. އެރައްކާތެރިކަން އޮތީމާ. އެއަމާންކަން އޮތީމާ. ކުށްކުރާ މީހުން ނެތީމާ. މިއަދު ފުލުހުން ގާއިމްކުރަން މިޖެހެނީ އެމާހައުލަށް ބަދަލުއައީމާ،" މިނިސްޓަރު ވިދާޅުވިއެވެ.

ފުލުހުންގެ އަދަދު އިތުރުކުރުމަށް ބައެއް ރަށްތަކުން އެދެމުން އަންނަ ކަމަށާއި އެހެން ނަމަވެސް މުޅި ރަށުގެ މުއައްސަސާތަކާއި، ރައްޔިތުންނާ ފުލުހުން ގުޅިގެން މަސައްކަތް ކުރާނަމަ 2،000 މީހުންގެ އާބާދީއަކަށް ފަސް ފުލުހުންވެސް ރަނގަޅުވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރަށުގެ ސުލުހަވެރިކަން ގާއިމުކުރުމުގައި ފުލުހުންނަށް އެހީތެރިވެދީ ގުޅިގެން މަސައްކަތްކުރުމަށާއި ފުލުހުންގެ އެހީތެރިކަމާއެކު ދުޅަހެޔޮ ވެއްޓެއް ބައްޓަން ކުރުމަށް މަސައްކަތްކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މުޅި މުސްތަގުބަލަށްޓަކައި މިވަގުތު ކުރަންޖެހިފައި އޮތް އެންމެ މުހިންމު އެއް ކަމަކީ ދިވެހިން ދިރިއުޅޭ ވެއްޓަކީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ވެއްޓަކަށް ހެދުން ކަމަށެވެ.

އަދި ރާއްޖޭގެ އިގްތިސޯދާއި، އިޖުތިމާއީ ހަމަޖެހުމާއި، އުފާ ފާގަތިކަން ބިނާވަނީ އޭގެ މައްޗަށް ކަމަށެވެ.

comment ކޮމެންޓް