ޔޫޕީއާރުގެ 34 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

ޔޫޕީއާރްގެ 34 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވުން --- ފޮޓޯ: ފޮރިން މިނިސްޓްރީ

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރް)ގެ 34 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ސްވިޓްޒަލެންޑްގެ ޖެނީވާގައި ހުންނަ އދގެ އޮފީހުގައި ކުރިއަށް ދިޔަ ސެޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ހާލާ ހަމީދާއި، ދާއިމީ މަންދޫބުގެ ނައިބު ހައުލާ އަހުމަދު ދީދީއާއި، ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ފަސްޓް ސެކްރެޓަރީ ޝާޔާ އަލިމަނިކެވެ.

ޔޫޕީއާރްއަކީ އދގެ މެމްބަރު ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަންނަ ނިޒާމެކެވެ. ޔޫޕީއާރްގައި އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކުރުމަށާއި، އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ސަރުކާރުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލަށް ހުށަހެޅުމަށް ހުރިހާ ގައުމުތަކަށް ފުރުސަތު ލިބެއެވެ.

މިއަދު ނިންމާލި 34 ވަނަ ޔޫޕީއާރް ސެޝަންގައި ރިވިއުކުރި 10 ގައުމަކީ އިޓަލީ، އެލް ސެލްވަޑޯ، ގެމްބިއާ، ބޮލީވިއާ، ފިޖީ، އިރާގް، ސްލޮވީނިއާ، މިސްރު އަދި ބޮސްނިއާ-ހެޒްގޮވީނާއެވެ. މި ގައުމުތަކާ ބެހޭގޮތުން ދިވެހިރާއްޖެއިން ބިނާކުރަނިވި ހުށަހެޅުންތަކެއް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޔޫޕީއާރުގެ ބޭނުމަކީ ހުރިހާ ގައުމުތަކެއްގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކޮށް، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލެއް އެއްވެސް ތަނެއްގައި ހިނގައިފިނަމަ އެކަން ހުއްޓުވުމެވެ. އަދި ޔޫޕީއާރް ނިޒާމް ގާއިމުވެފައިވަނީ ގައުމުތަކުގެ އެސެސްމަންޓް ހެދުމުގައި ހުރިހާ ގައުމުތަކަކަށްވެސް އެއް ހަމަޔަކުން އަމަލުކުރުމުގެ އުސޫލަކުންނެވެ.

އދގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު ވޯކިން ގްރޫޕުން ކޮންމެ އަހަރަކު ތިން ފަހަރު، ދެ ހަފްތާއަށް ދިގުދެމިގެންދާ ޔޫޕީއާރް ސެޝަންތަކެއް ބާއްވައެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ފަށާފައިވާ ޔޫޕީއާރްގެ ތިންވަނަ ސައިކަލް ނިމުމަކަށް އަންނާނީ 2021 ވަނަ އަހަރުއެވެ. އަދި ތިންވަނަ ސައިކަލްގައި ރާއްޖޭގެ އިންސާނީ ހައްގުތަކާއި ބެހޭ ރިވިއު އޮންނާނީ 2020 ވަނަ އަހަރުގެ އެޕްރީލް މަހު ފެށޭ ޔޫޕީއާރްގެ 36 ވަނަ ސެޝަންގައެވެ.

comment ކޮމެންޓް